އަނިޔާ އާއި ބިރު ދެއްކުމާއި ލޭ އޮހޮރުވުމަށް ގޮވާލާފައި ނުވާނެ ކަމަށާއި އެފަދަ ކަމަކަށް އޭނާ ގޮވާލި ނަމަ އެކަން ދައުލަތުން ޝަރީއަތުގައި ސާބިތުކޮށްދޭން ޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތުގައި މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.
އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަން ލިބުނު ފުރުސަތުގައި އިމްރާނު ވިދާޅުވީ، މޭޑޭގެ މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން އެއްވެސް މީހަކަށް އިންޒާރެއް އަދި އަނިޔާވެރިވުމަށް ގޮވާލާފައިނުވާ ކަމަށެވެ. ނަމަވެސް ރައީސް، ރައްޔިތުންނާ ހަމައަށް ވަޑައިގަންނަވަންދެން ރައްޔިތުން ކެތްތެރިވެ ތިބުމަށް ގޮވާލައްވާފައިވާނެ ކަމަށެވެ.
އަދި ތަކުރާރުކޮށް އަނިޔާވެރި ނުވުމަށާއި އެބޭފުޅާއަކީ އަނިޔާއަށް ވާގިވެރިވާ ބޭފުޅެއް ނޫން ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. އަދި މުޒާހަރާގައި ފަހުން ހިނގާދިޔަ ކަންތައްތަކަކީ ބޭނުންވި ގޮތަށް ހިނގާދިޔަ ކަންތައްތަކެއް ނޫން ކަމަށެވެ.
"އަޅުގަނޑު ވިދާޅުވިން މިއީ ސުލްހަވެރި ގައުމެކޭ، އަނިޔާވެރިކަމަށް ހިތްވަރު ލިބޭފަދަ ކަމެއް ނުކުރަން،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ، ދެއްކި ވާހަކައަކުން ނުސީދާ މާނަތަކެއް ނެރެގެން ދައުލަތުން ދައުވާކޮށްފައިވުމުން ހިތާމަކުރާ ކަމަށާއި އަނިޔާވެރިވުމަށް ދެއްކި ސީދާ ވާހަކައެއް ނުވަތަ އަމަލެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ. އިމްރާން ވަނީ އަނިޔާވެރިވުމަށް ދެއްކި ސީދާ ވާހަކައެއް ދައްކައި ދިނުމަށް ދައުލަތުގައި އެދިވަޑައިގެންފައެވެ.
އިމްރާން ވިދާޅުވީ އަނިޔާވެރިކަމަށް ގޮވާލާފަިއނުވާނެ ކަމަށް ސާބިތުކޮށްދޭން ބޭނުންފުޅުވާ ކަމަށާއި އޭނާ އަބަދުވެސް ވިދާޅުވަނީ އަނިޔާވެރިކަމާ ދެކޮޅު ހަދަން ކަމަށެވެ.
"މޭޑޭގައި އިތުރު ކަމެއް ހިނގާފައިވާނަމަ އެއީ އަޅުގަނޑުގެ އިރުޝާދުން ހިނގާފައިވާ ކަމެއް ނޫން، އެއްވެސް ރައްޔިތަކަށް ފުލުހަކަށް ގެއްލުމެއް، އަނިޔާއެއްވުމަށް އަޅުގަނޑު ނޭދޭނެ، ރައްޔިތުންގެ ލޭ އޮހޮރުވުމަށް އަޅުގަނޑު ބޭނުމެއް ނޫން،"
މޭޑޭގައި އިމްރާން ވަނީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލެއްވި ޑރ. އަފްރާޝީމް އަލީގެ މަރުގެ ސިއްރުތައް ރައީސް ޔާމީންއަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ތަހުގީގަށް ރައީސް ޔާމީން ހުރަސް އަޅުއްވާ ކަމަށް ވެސް ވިދާޅުވިއެވެ. އިމްރާން މިއަދު ވެސް ވަނީ އެފަދައިން ވާހަކަފުޅު ދައްކަވާފައެވެ. އިމްރާން ވިދާޅުވީ، އަފްރާޝީމްގެ މަރުގެ ތަހުގީގަށް ރައީސް ޔާމީން ހުރަސް އަޅުއްވާ ކަމަށާއި އެ ތަހުގީގަށް ކުރައްވަންޖެހޭ މިންވަރަށް މަސައްކަތް ނުކުރައްވާ ކަމަށެވެ.