ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން އެ މައްސަލަ ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.
ސަރުކާރުން ސްޕޮންސާކޮށްފައިވާ މިއިސްލާހު މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.
މިބިލް މަޖިލީހަށް ތައާރަފްކޮށް މިބިލްގެ ފުރަތަމަ ކިޔުން މަޖިލީހަށް އިއްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގަ އެވެ.
ސަރުކާރު ހުށަހަޅާފައިވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތަ އަށް ބޮޑު ކުރުމަށެވެ. އެކަށީގެންވާ ވަގުތު ނުދޭ ކަމަށް ބުނެ ޓެކްސް ބޮޑުކުރުމަށް މަޓީ، މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ދެކޮޅު ހަދާފަ އެވެ.
ސަރުކާރުން ހުށަހެޅި އިސްލާހަށް އިތުރު އިސްލާހުތަކެއް ބައެއް މެންބަރުން ކޮމިޓީ މަރުހަލާގައި ހުށަހެޅުއްވި އެވެ. މިގޮތުން އިދިކޮޅު ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމު މުހައްމަދު ހުށަހެޅުއްވީ ޓީޖީއެސްޓީ އާއި ޖީއެސްޓީ މިހާރުވެސް ނަގަމުންދާ ރޭޓުގައި ނެގުމަށެވެ. އެމްޑީޕީގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ހުށަހެޅުއްވީ ޓީޖީއެސްޓީގެ ގޮތުގައި 16 ޕަސަންޓުގެ ބަދަލުގައި 14 ޕަސެންޓްގައި ޓެކްސް ނެގުމަށެވެ.
އާޒިމު އިތުރު ދެ އިސްލާހެއް ވެސް ހުށަހެޅުއްވި އެވެ. އެގޮތުން އޭނާ ދެން ހުށަހެޅުއްވީގެސްޓްހައުސްތަކުން ނަގާ ޓީޖީއެސްޓީގެ އަދަދު އިތުރު ނުކުރުމަށާއި ބޮޑު ކުރާ ޓެކްސް ނަގަން ސަރުކާރުން ނިންމާފައިވާ ތާރީހް ބަދަލުކުރުމަށެވެ. އާޒިމު ހުށަހެޅުއްވީ ބޮޑުކުރާ ޓެކްސް އަންނަ އަހަރުގެ އޭޕްރީލް އިން ފެށުމަށް ނެގުމަށެވެ.
އާޒިމާއި ޝިޔާމު ހުށަހެޅުއްވި އިސްލާހުތައް ބޭރުކޮށްލީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުންގެ ވޯޓުންނެވެ. މިއިސްލާހުތައް ފާސްނުވުމުން މަޖިލީހުގެ ރައީސް ދެން ވޯޓަށް އެއްސެވީ ސަރުކާރުން ހުށަހެޅި ގޮތަށް ބިލް ފާސްކުރުމަށެވެ. އެ އިސްލާހުތައް ފާސްވީ 50 މެމްބަރުންގެ ތާއީދާ އެކު އެވެ. ސަރުކާރުގެ އިސްލާހުތައް ފާސްކުރަން ދެކޮޅު ހެއްދެވީ 19 މެމްބަރުންނެވެ.
ސަރުކާރު ހުށަހެޅި ގޮތަށް ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތަ އަށް ބޮޑު ކުރަން ފާސްވުމާ ގުޅިގެން އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ބޮޑު ޓެކްސް ނަގަން ފަށާނެ އެވެ.
ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކޮށްގެން އަންނަ އަހަރު ދައުލަތަށް 3.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.