ދައުލަތުގެ ބަޖެޓް

ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާ ބަޖެޓްކޮށްފި

Oct 31, 2022

ކުރިއަށް އޮތް އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާ ބަޖެޓްކޮށްފި އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާ ހިމަނާފައި މިވަނީ މިއިންތިހާބަށް 120 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީގައި އެދިފައި ވަނިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން ބަޖެޓު ކުރީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް 95 މިލިއަން ރުފިޔާ އެވެ. އަދި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ އެ އަދަދު 120 މިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ލޯކަލް ކައުންސިލްތަކެއްގެ އިންތިހާބު ބޭއްވުމަށް ފަސް ލައްކަ ރުފިޔާ އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކެއްގެ އިންތިހާބު ބޭއްވުމަށް 1.5 މިލިއަން ރުފިޔާ ވެސް ހިމަނާފައިވެ އެވެ.

ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުންދާއިރު އަދި މިހާތަނަށް ޕާޓީ އަކުން ރިޔާސީ ޓިކެޓް ކަށަވަރުކޮށްދީފައިވަނީ ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީނަށެވެ.

އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީން ވެސް ގެންދަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީތަކުން ވާދަކުރާނެ ކަމަށް ބުނަމުންނެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިލްމުވެރިޔެއް ކަމަށްވާ ޑރ. ޝިހާމްވެސް ގެންދަވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވާނީ ހަމައެކަނި ރައީސް މުހައްމަދު ނަޝީދު ކަމަށް ބެލެވެ އެވެ. އެމްއެންޕީގެ ޓިކެޓް ލިބިވަޑައިގަންނަވާނީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށް ކަމަށް ބެލެވޭއިރު ޖޭޕީގެ ޓިކެޓް ދޭނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކަަމަށް ބެލެވެ އެވެ.