ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ސީއީއޯ އަކަށް ސުޖާތާ

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް ސުޖާތާ ހަލީމް އައްޔަންކޮށްފި އެވެ.

ސުޖާތާ މި މަގާމަށް އައްޔަންކޮށްފައި މިވަނީ ކުރިން މި މަގާމުގައި ހުންނެވި އިނގިރޭސިވިލާތުގެ ޖޯން ގްރިންޑަލް މަގާމުން ދުރުކުރިތާ އަހަރެއް ފަހުންނެވެ. ޖޯން މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު 12 ވަނަ ދުވަހު އެވެ.

ޕެންޝަން އޮފީހުގެ ވަގުތީ ސީއީއޯގެ މަގާމުވެސް މިދިޔަ ދުވަސްތަކުގައި ފުރުއްވަމުން ގެންދެވީ ސުޖާތާ އެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން ސުޖާތާ ގެންދަވަނީ ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމުވެސް ފުރުއްވަމުންނެވެ.

ޕެންޝަން އޮފީހުގެ ގާނޫނުގައިވާ ގޮތުން ޕެންޝަން އޮފީހުގެ ސީއީއޯ އައްޔަންކުރަނީ އެ އޮފީހުގައި ބޯޑުންނެވެ. މަގާމަށް ބޭފުޅަކު އައްޔަންކުރަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.

ރާއްޖެއަށް ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފްކޮށް ދެމެހެއްޓުމުގެ މަސައްކަތުގައި ސުޖާތާ މަސައްކަތް ކުރައްވާތާ 16 އަހަރު ވެއްޖެ އެވެ. އެގޮތުން ވޯލްޑް ބޭންކުން ރާއްޖޭގައި ކުރިއަށް ގެންދިޔަ ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ހިންގުމާއި ޕެންޝަނާ ބެހޭ ގާނޫނު އެކުލަވާލުމަށް ކުރެވުނު މަސައްކަތުގައި އަދި އެ ގާނޫނު ތަންފީޒު ކުރުމުގައި ސުޖާތާ ވަނީ އިސް ދައުރެއް ކުރައްވާފަ އެވެ.