އެމްއޭސީއެލް

ކުވައިތު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

Oct 31, 2022

ކުވައިތުގެ ގައުމީ އެއާލައިން -- ކުވައިތު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި އެވެ.

ކުވައިތު އެއާވޭސްގެ ރާއްޖޭގެ ދަތުރުތައް އަލުން ފެށުމުގެ ގޮތުން މިއަދު ކުވައިތު އެއާލައިންގެ ބޯޓުގައި ރާއްޖެ އައި މީހުންނަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ދރ. އަބްދުﷲ މައުސޫމާއި އެމްއޭސީއެލްގެ އިސްވެރިންނެވެ.

ކުވައިތު އެއާލައިންގެ ރާއްޖޭގެ ދަތުރުތައް މެދުކަނޑާލީ ކޮވިޑް 19 އާއި ގުޅިގެންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މި ދަތުރުތައް އަލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ހަފްތާ އަކު ދެ ދަތުރެވެ.

ކުވައިތު އެއާލައިންގެ އިތުރުން މެދުއިރުމަތީގެ އެހެން ބައެއް އެއާލައިންތަކުން ވެސް މިހާރު ރާއްޖެއަށް ދަތުރުކުރެ އެވެ.

މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު ކުވައިތު އެއާލައިންގެ ދަތުރުތަކާ އެކު އެ ސަރަހައްދުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރެ އެވެ.

މެދުއިރުމަތިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ކުވައިތު ހިމެނެ އެވެ. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް ކުވައިތުން ރާއްޖެ އަށް 6،309 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައީ ކުވައިތުގެ 3،164 ޓޫރިސްޓުންނެވެ.