ބޮލީވުޑް

ކެޓުރީނާ ވެސް ޕްލާސްޓިކް ސާޖަރީ ހެދީތަ؟

ކެޓުރީނާ ކައިފްގެ އާ ފިލްމު "ފޯނު ބޫތު" ރިލީޒްކުރަން ތައްޔާރުވަމުންދާތީ މިހާރަކަށް އައިސް އޭނާ ވަރަށް ގިނަ އިވެންޓްތަކުގައި ބައިވެރިވަމުން ދެއެވެ.

މި ހުރިހާ އިވެންޓެއްގައި ވެސް ރީތިކޮށް ނަލަކޮށް ހެދުން އަޅައި ވަރަށް ފަރިވެފައި ހުއްޓައި ކެޓުރީނާ ފެނިފައި ވެއެވެ.

އޭނާއަށް ފާޑުކިޔާ މީހުންނަށް އެއްވެސް އެއްޗެކޭ ކިޔާނެ ފުރުސަތު ނުދިނުމަށެވެ. ނަމަވެސް ޓްރޯލްކުރާ މީހުންނަށް އެކަން ކުރަން އަބަދުވެސް ކޮންމެވެސް ބަހަނާއެއް ފެންނާތީ އަދިވެސް ކެޓުރީނާ އަށް ބައެއް މީހުން ޓްރޯލް ކުރަމުން ދެއެވެ.

އޭނާގެ ސިފަ "ވަރަށް ޕްލާސްޓިކް" ކަމަށް އެއް ބަޔަކު ބުނާއިރު އަނެއް ބަޔަކު ބުނަނީ ޕްލާސްޓިކް ސާޖަރީ ހަދައިގެން ރީތި ސިފަ ހަޑި ކޮށްލައިފި ކަމަށެވެ.

"މައާފާއެކު ބުނަން އޮތީ ކެޓުރީނާ ކައިފް ވަނީ މާ ޅަ އުމުރުގައި ބާރުގަދަ ކެމިކަލްތައް ހިމެނޭ ޕްރޮޑަކްޓްސް ބޭނުންކޮށްކޮށް އޭނާގެ ރީތިކަން މުޅިން ހަލާކު ކޮށްލާފިއޭ. ހަގީގަތުގައި އޭނާގެ ގައިގައި މިހާރު ޖަހަނީ ވަރަށް މުސްކުޅި އަދި ތަފާތު ސިފައެއް،" ޓްރޯލްކުރާ މީހެއްގެ ކޮމެންޓުގައި ވެއެވެ.

ކެޓުރީނާ އަށް މަލާމާތްކުރާ އެހެން ބައެއް މީހުން ބުނަނީ އޭނާ ހީވަނީ "ބާބީ ޑޯލް" އެއް ހެން ކަމަށެވެ. މޫނަށް އެކި ކަހަލަ ކެމިކަލްތައް ފޮނުވައިގެން މޫނު ހަލާކުކޮށްފައިވާ ކަމަށެވެ. ނަމަވެސް ކެޓުރީނާ ޕްލާސްޓިކް ސާޖަރީ ހެދިކަން ނުވަތަ ނޫންކަން އެއްވެސް މީހަކަށް ޔަގީނެއް ނޫނެވެ.

ކެޓުރީނާ އަށް ތާއީދުކުރާ މީހުން ބުނަނީ އޭނާގެ މޫނު ހުރީ ހަމަ ކުރިން ވެސް ހުރި ގޮތަށް ކަމަށެވެ. ނަމަވެސް އުމުރުން ދުވަސްވާ ވަރަކަށް މޫނަށް ވެސް ބަދަލު އަންނާނެ ކަމަށާއި އެކަން އެންމެން ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށް ކެޓުރީނާގެ ސަޕޯޓަރުން ބުނެފައި ވެއެވެ.