އިމްރާން އަބްދުﷲ

އިމްރާންގެ މައްސަލަ ބަލާ ބެންޗް އުވާލައްވައިފި

ޓެރަރިޒަމް ދައުވާ އުފުލާފައިވާ އިމްރާން އަބްދުﷲ ގެ މައްޗަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އުވާލައިފި އެވެ.

އަދާލަތު ޕާޓީގެ ރައީސް ކަން ވެސް ކުރައްވާ އިމްރާންގެ ޝަރީއަތް ކުރިޔަށް ހިންގާ ތިން ފަނޑިޔާރުންގެ ބެންޗު އުވާލައި މިހާރު މައްސަލަ ހަވާލު ކުރައްވާފައި ވަނީ ތަޖުރިބާކާރު ގާޒީ އަބްދުލް ބާރީ ޔޫސުފް (ބާރީ ގާޒީ) އާއެވެ. ބާރީއަކީ ހައިކޯޓްގެ ފަނޑިޔާރު ކަމަށް ވެސް ކުރިމަތިލައްވާފައިވާ ބޭފުޅެކެވެ.

އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ ގާޒީ ބާރީ އާއި ގާޒީ އަބްދުﷲ ނަޝީދާއި ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒު ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.

އިމްރާނު އަބްދުﷲ ގޭބަންދަށް ބަދަލުކުރި ފަހުން ބޭއްވި ފުރަތަމަ އަޑު އެހުމުގައި ވަނީ، ދައުލަތުގެ ފަރާތުން ހުށަހެޅި 16 ހެކީގެ ތެރޭގައި ހިމެނޭ، މޭޑޭގެ މުޒާހަރާގައި އިމްރާން އަބްދުﷲ ދެއްކެވި ވާހަކައިގެ ވީޑިއޯ ދައްކާފައެވެ. ވީޑިއޯ ބެލުމަށްފަހު ދައުލަތުންނާއި އިމްރާނުގެ ފަރާތުން ވަނީ ވީޑިއޯއިން ފާހަގަވިކަންތައްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

އިމްރާނުގެ މައްސަލައިގެ އަޑު އެހުމެއް މާދަމާއަށް ވެސް ވަނީ ތާވާލްކޮށްފައެވެ.

ދައުލަތުން ފާހަގަ ކުރި ކަންކަން

ދައުލަތުގެ ވަކީލާ، ޕަބްލިކް ޕްރޮސެކިއުޓާ ސަފާ އިބްރާހިމް:

- ކާނަލް ނާޒިމްގެ މައްޗަށް ހުކުމެއް އިއްވާފައިވަނިކޮށް އެކަން ސަރުކާރުގެ އިސްވެރިންގެ ބޮލުގައި އަޅުވައި ސާބިތު ނުހިފޭ ވާހަކަތަކެއް ދައްކާފައިވާކަން
- ރައީސް ޔާމީން ސުލްހައިގެ މޭޒަށް ދިއުމަށް އިންކާރުކުރައްވާފައި ވަނިކޮށް އެނޫން ގޮތެއް ރައީސްއަށް ނެތްކަމަށް ބުނެ އިންޒާރު ދީފައިވާކަން
- ތަހުގީގުކުރަމުންދާ ރިލްވާންގެ މައްސަލަ ވަކި ބައެއްގެ ބޮލުގައި އަޅުވައި، ފުލުހުންގެ އަގު ވައްޓާލާފައިވާކަން
- ވެރިކަން ބަދަލުކުރުމަށް ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށް ވިދާޅުވެފައިވާކަން
- އިރިއޮއްސުމަށްފަހު، ސުލްހަވެރިކަން އުވާލާ ހަމަނުޖެހުމަކަށް ގޮވާލާފައިވާކަން
- މުޒާހަރާގައި ކުރިއަށްދާނެ ގޮތް މުޒާހަރާގެ އިސްވެރިން އަންގާނެ ކަމަށް ވިދާޅުވެފައިވާކަން

އިމްރާން ފާހަގަ ކުރައްވާ ކަންކަން

އިމްރާނުގެ ވަކީލް ހުސްނުއްސުއޫދު:

- ރައްޔިތުން ބިރުގަންނަ ކަމެއް ނުވަތަ އަމަލެއް އިމްރާން ކުރައްވާފައިނުވާކަން
- އިންޒާރެއް ދީފައި ނުވާކަން
- ވާހަކަ ދައްކާ ޖޯޝާއި ރާގަށް ދައުވާ ނުކުރެވޭނެކަން
- އިލްޒާމެއް އެޅުވުމަކީ ޓެރަރިޒަމްގެ ގާނޫނުގެ ދެވަނަ މާއްދާގެ ކ އަށްދާ ކަމެއް ނޫން ކަން (އިމްރާންގެ މައްޗަށް ދައުވާ ކޮށްފަިއވަނީ ޓެރަރިޒަމް ގާނޫނުގެ ދެވަނަ މާއްދާގެ ކ ގެ ދަށުން)
- ފުލުހުންނާ މެދު ނަފުރަތު އުފެދޭ ވާހަކައެއް ދެއްކުމަކީ ވެސް ޓެރަރިޒަމްގެ ގާނޫނުގެ ދެވަނަ މާއްދާގެ ކ އަށްދާ ކަމެއް ނޫން ކަން
- އިމްރާން ދެއްކެވި ވާހަކަތައް ދައުލަތުން ވަކި ގޮތަކަށް މާނަކުރާކަން، މާނަ ކުރަން ވެއްޖެނަމަ އެއީ ދައުވާ ސާފުނުވަނީކަން

މިއަދުގެ އަޑުއެހުމުގައި ސޮބާހު ރަޝީދު ކައިރީގައި އިމްރާން ސިއްރު ދައްކާ ވާހަކައެއްގެ ވީޑިއޯ ވެސް ދައްކާފައިވެއެވެ. އެ ވީޑިއޯގައި އިމްރާން ވިދާޅުވަނީ، އިސްލާމީ މަރުކަޒަށް ދާ ވާހަކައެވެ. ދައުލަތުން ވަނީ ގްރީން ޒޯނެއްގައި މުޒާހަރާ ކުރުމަށް އިމްރާން އަންގާފައިވާކަން ފާހަގަކޮށްފައެވެ.

އިމްރާންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ގާނޫނު ނަންބަރު 10/90 ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދެ ވަނަ މާއްދާގެ (ކ)ގެ ދަށުން އުފުލާފައިވާ ދައުވާއެކެވެ. މޭޑޭ މުޒާހަރާގައި އެންމެ އިސްކޮށް އުޅުއްވި އިމްރާން އަބުދުﷲގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. މާދަމާއަށް ވެސް އިމްރާންގެ އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ.