ޓޫރިޒަމް

ފަތުރުވެރިކަމުގެ އާ ރެކޯޑެއް

ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ ކާމިޔާބު އޮކްޓޯބަރަށް މިދިޔަ މަސްވެ ފަތުރުވެރިކަމުގެ އާ ރިކޯޑެއް ގާއިމްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ފާއިތުވި އޮކްޓޯބަރު މަހު 153،000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މި އަދަދަކީ 2021 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ އޮކްޓޯބަރާއި އަޅާބަލާއިރު އަށް އިންސައްތަ އިތުރުވުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 2019 ވަނަ އަހަރުގެ އޮކްޓޯބަރުގައި ރާއްޖެ އައިސްފައިވަނީ 141،929 ފަތުރުވެރިންނެވެ. އަދި 2021 ވަނަ އަހަރު އައިސްފައިވަނީ 142،066 ފަތުރުވެރިން ނެވެ.

ރާއްޖެއަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ފެބްރުއަރީ މަހު އެވެ. އޮކްޓޯބަރު މަހަކީ މިއަހަރުގެ މިހާތަނަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި މަހެވެ. ފާއިތުވި އޮކްޓޯބަރު 26ގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމުލަ އަދަދު ވަނީ 1.3 މިލިއަނަށް އަރާފަ އެވެ. އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 33.5 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެންމެ ކުރީގައި އޮތީ އިންޑިއާ އެވެ. އެގައުމުން މިއަހަރު 180،255 ފަތުރުވެރިން ޒިޔާރަތްކުރިއިރު މާކެޓްގެ ދެވަނައިގައި އޮތް ރަޝިއާއިން ރާއްޖެ އައީ 155،490 ފަތުރުވެރިންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު 50 އަހަރު ފުރޭއިރު ސަރުކާރުން ހިފާފައިވަނީ މި އަހަރުގެ ތެރޭގައި 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.