ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގު، ފުލުހުންނާއި ގުޅިގެން ހިންގާ ސަބަބު ހޯދުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ އެންއައިސީން ފުލުހުންނާ ގުޅިގެން ތަހުގީގު ކުރާ ސަބަބެއް ހޯދުމަށާއި ތަހުގީގު ނިންމާލެވޭނެ ތާރީހެއް ހޯދުމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ސިޓީއެއް ފޮނުވުމަށެވެ.
މިމައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހިއްސާކުރުމަށް އެދިވަޑައިގަތީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެވެ.
ވިސާމް ހުށަހެޅުއްވި މައްސަލައަށް ޖުމުލަކޮށް ތާއީދު ނުކުރެވޭ ކަމަށާއި ނަމަވެސް ފުލުހުންގެ އިހުމާލުންވީ ކަމެއް ފުލުހުންނާ ގުޅިގެން ތަހުގީގު ކުރާތީ ރަނގަޅު ނަތީޖާ ނެރެވޭނެތޯ ކުރާ ޝަކުވާ ވަރަށް ގިނައިން އަންނާނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މި މައްސަލައިގެ ތެރެއަށް މާބޮޑަށް ނުވަދެ މައްސަލަ ހިނގަމުންދަނީ ރަނގަޅު އުސޫލުންތޯ ސާފު ކުރުމަށްޓަކައި އެންއައިސީގެ ފަރާތުން ލިޔުމެއް ހޯދުން ރަނގަޅު ކަމަށް ދެކޭ ކަމަށް ސަނީފް ވިދާޅުވި އެވެ.
އަބްދުﷲ ސަނީފުގެ ވާހަކައަށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވަނީ ތާއީދު ކުރައްވާފަ އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި އަބްދުﷲ ހައްޔަރުކޮށް ލޯންޗަކަށް އަރުވާފައި ހުއްޓާ މިމަހުގެ 25 ވަނަ ދުވަހު އޭނާ މަރުވި މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް އެންއައިސީން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ. އެންއައިސީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަބްދުﷲގެ އާއިލާއިން މީގެ ކުރިން ބުނެފައިވަނީ އަބްދުﷲ ލޯންޗަށް އަރުވާފައި ހުއްޓާ މެޔަށް ތަދުވެގެން އެވާހަކަ ފުލުހުން ކައިރީ ބުނި ކަމަށެވެ. ނަމަވެސް ފުލުހުން އެއީ "ޑްރާމާއޭ" ބުނެ ފަރުވާ ދިނުން ލަސްކުރީ ކަމަށެވެ.
އޭނާ މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފަރުވާއަށް އެދުމުން ފަރުވާ ނުދީގެން ކަމަށް މަންޒަރު ދުށް ބައެއް މީހުންވެސް ބުނެފައިވެ އެވެ.
އަބްދުﷲ ރަޝީދު މަރުވި ހާދިސާ އިންސާފުވެރިކޮށް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އަންގަވައިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.