( 31 އޮކްޓޯބަރ 2022 އާ ގުޅޭ )
"މާނު... އައި ނީޑް ޔޯ ހެލްޕް." މަލަކްގެ އަޑުގައި އެއްވެސް ޖޯޝެއްނެތްކަން މިއުވާނަށް ވެސް ފާހަގަވިއެވެ. ކަޅުކުލައިގެ ސްކިނީ ޖީންސަކާއެކު ކަޅުކުލައިގެ ހޫޑީއެއް ލައިގެން ހުރިއިރު އަނދިރިކަމުގެ ތެރެއަށް ވަދެ ގެއްލެން މަލަކް ބޭނުންވެފައި ހުރި ކަހަލައެވެ. މަލަކްގެ ދަތްދޮޅީގައި ހިފައިލާ އުފުލާލަމުން އެ މޫނަށް ފަރުވާތެރިކަމާއެކު މިއުވާނު ބަލާލިއެވެ.
"ޕްލީޒް ހެލްޕް މީ." މަލަކް މިހެން ބުނިއިރު އޭނާގެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ.
އޯގާތެރިކަމާއެކި މަލަކްގެ ދެ ލޯ މިއުވާނު ފުހެލަ ދިނެވެ. ރޯކަށް އަދިނުވެޔޭ ބުނެ ވެގެން އުޅޭ ގޮތެއް ކިޔާދިނުމަށް މިއުވާނު އެދުނެވެ. ހުރިހާކަމެއް ކިޔާދޭން މަލަކް ޖެހިލުންވިއެވެ. އޭނާ އެދުނީ މިއުވާނުގެ އަތުން ލޯނެއް ލިބިދާނެތޯއެވެ. އަދަދު އެނގުމުން މިއުވާނުގެ މޫނުމަތިން ފެނުނު އަސަރުތަކުން މަލަކް މާޔޫސްވިއެވެ.
"މަލް. ކޮންކަމަކަށް ފައިސާ ބޭނުންވަނީ. އަހަރެން އެނގެން ބޭނުން. ފެމެލީ ކަމެއްގަތަ؟." މިއުވާނު ސުވާލުކުރިއެވެ.
"ފެމެލީކަމެއްނޫން. މަލްގެ އަމިއްލަ ކަމެއް... ވަރަށް ކަޑަކަމެއްވެގެން މިއުޅެނީ... ޕްލީޒް. އެ ލާރި އަނބުރާ ދޭނަން. ޕްރޮމިސް. އޯކޭ މާނު އަތުގައި މަލްގެ ސައިކަލު ބެހެއްޓިޔަސް." މަލަކްގެ ވާހަކައާއި އޭނާގެ ކޮންމެ ހަރަކާތަކުން ފާޅުވަނީ ގޮތް ހުސްވެފައިވާ އަންހެންކުއްޖެއްގެ ޝުޢޫރެވެ.
"މަލް. އެހީވާން އަހަރެން ބޭނުމޭ. ޓްރަސްޓް މީ ޕްލީޒް. ތި ވެގެން އުޅޭ ގޮތެއް ކިޔާދީބަލަ. އެއްފަހަރާ ކޭޝްކޮށް އެވަރުގެ އަދަދެއް އަމިއްލަ ކަމަކަށް ބޭނުންވަނީ... އެއީ ކޮންކަމެއްކަން ކީއްވެ ނުބުނަންވީ. މިހިސާބަށް ތިއައީ ވެސް ކޮންމެވެސް ކަހަލަ ޓްރަސްޓެއް އަހަންނަށް ކުރެވޭތީއެއްނު. ސޯ... ބުނެބަލަ. ކިހިނެއްވެގެން އަސްލު ތިއުޅެނީ." މިއުވާނު ބުންޏެވެ. އެ މޫނަށް އިރުކޮޅަކު ބަލަން ހުރުމަށް ފަހު މަލަކް އިސްޖަހާލިއެވެ. ތިރީތުންފަތް ހަފާލުމާއެކު ދެއަތް އުރާލައިގެން ހުރެ މޫދާ ދިމާއަށް އޭނާ އެނބުރުނެވެ. މިއުވާނަށް ހަޤީޤަތް އެނގުމުން ދެކޭނޭ ގޮތަކާމެދު މަލަކް ކަންބޮޑުވަނީއެވެ. އަދި އެހިސާބުން އޭނާއަށް އެހީވުމުގެ ޚިޔާލު ބަދަލުވެދާނޭ މަލަކްއަށް ހީވަނީއެވެ. ކިޔާދޭން އޮތީ ހުތުރުކަން ބޮޑު ލަދުވެތި ވާހަކައެކެވެ.
"މަލް ޕްލީޒް. އެނގޭ ވަރަށް ބޯގޮވާފަކަން ތިހުރީ. ކޮންމެވެސް ސަބަބަކާ ހުރެ ޑެސްޕެރޭޓްލީ ކޭޝް ބޭނުންވެފަކަން ތިހުރީ. ބަޓް ސްޓިލް... އަހަންނަށް ހަމަ ކިޔާނުދޭވެނެތަ. ޝެއަރ ކުރީމަ ފަހަރެއްގައި އެހެން ސޮލިއުޝަންއެއް ވެސް ފެނިދާނެ އެއްނު." މަލަކްގެ ކައިރިއަށް ޖެހިލައި އޭނާގެ ކޮނޑުގައި މިއުވާނުގެ އަތްތިލަ ބާއްވާލިއެވެ.
"މީހަކު... މީހަކު އަހަރެން... ބްލެކްމެއިލް ކުރަނީ." އިސްއޮބާލައިގެން ހުރެ މަލަކް ބުންޏެވެ.
"ވަޓް... ކާކުކަން އެނގޭތަ؟. ކީކޭ ކިޔާފަ ބްލެކްމެއިލް ކުރަނީ." ހައިރާންކަމުގެ އަސަރާއެކު މިއުވާނު ބުނެލިއެވެ.
މަލަކްއަށް ޖަވާބެއް ދޭން އުނދަގޫވިއެވެ. ޝައްކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ދައްޔާނުގެ ނަމެވެ. ހަމައެކަނި އޮތީ ވެސް އެ ނަމެވެ. އެހެން މީހެއްގެ މައްޗަށް މަލަކްއަށް ޝައްކެއް ނުކުރެވެއެވެ. ކުރާނޭ ޖާގައެއް ވެސް ނެތެވެ. ދައްޔާނާ ރައްޓެހިވެގެން ހުރެ އޭނާއާއެކު ބަންދު ކޮޓަރިއެއްގައި ހޭދަ ކުރި ވަގުތުތައް އޭނާ ނޫން މީހަކަށް ރިކޯޑެއް ނުކުރެވޭނެއެވެ. ކުރިޔާލާ ރާވައިގެން ކުރިކަމެއްކަން މަލަކްއަށް މިހާރު ޔަގީނެވެ. ދައްޔާނު އޭނާ ގޮވައިގެން ގެއަށް ދިޔަ މަޤްޞަދު ސާފުވީ އަދިކިރިޔާއެވެ.
"ސޭ ސަމްތިން މަލް." މިއުވާނާ ދިމާއަށް މަލަކް އަނބުރާލިއެވެ. އޭރު މަލަކްއަށް ރަނގަޅަށް ރޮވިއްޖެއެވެ. ކިތަންމެ ހިތްވަރު ގަދަވިޔަސް މިފަހަރު މަލަކްއަށް އެ ހިތްވަރެއް ނުދެއްކުނެވެ. ވީޑިއޯ ލީކުވެދާނެތީ އޭނާ ހަޤީޤަތުގައި ވެސް ބިރުގަނެވެ. އެކަކުވެސް އޭނާގެ އަބުރު ވެއްޔާ މޮޑެވިދާން ނޭދޭނެއެވެ. މުޅި ރާއްޖެއަށް ފަޟީޙަތްވާނީ ހަމައެކަނި އޭނާގެ ނަން އެކަންޏެއް ނޫނެވެ. މަލަކްގެ ޢާއިލާއަށް ވެސް އެ ހުތުރުކަން ނިސްބަތްވާނެއެވެ.
"އޭނާގެ އަތުގައި މަލްގެ ވީޑިއޯއެއް އެބައޮތް." ރޮމުންރޮމުން މަލަކް ބުންޏެވެ.
"ސީރިއަސްލީ... ޕްރައިވެޓް ވީޑިއޯއެއްތަ؟. އައި މީން ނޫޑްސް." މިއުވާނުގެ ވާހަކަ ހުރީ ޔަގީންކުރާން ބޭނުންވާ މީހަކު ފަދައިންނެވެ. އެ ޔަގީންކަން މަލަކް ދިނީ ބޯޖަހާލުމަކުންނެވެ. ހާސްވީ މީހަކުހެން މިއުވާނު ނިތްކުރިއާއެކު ބޮލުގައި އަތްތިލަ ހިންގާލިއެވެ.
"މަލް ޕްލީޒް... ސްޓޮޕް ކްރައިން. ޓެލް މީ އެވްރިތިން. މަލްއަށް އެނގޭނެ އެކަން ކުރަނީ ކާކުކަން." މަލަކްގެ މޫނުގައި ދެއަތުން ހިފަހައްޓާލައި ކޯތާފަތުން ކަރުނަތަ މިއުވާނު ފުހެލާ ދިނެވެ.
"ނޮޓް ޝުއަ. ބޯއ" މަލަކް ބުންޏެވެ.
ކޮންމެވެސް މީހަކާ ވާހަކަތައް ޚިއްޞާކޮށްލެވުމުން މަލަކްއަށް ހިސާބެއްގެ ހަމަޖެހުމެއް ސިކުނޑިއަށް ލިބުނެވެ. އެންމެ ބޮޑަށް ފާހަގަވީ މަލަކްއާ މެދު މިއުވާނު ގޯސް ގޮތަކަށް ނުދެކޭކަން އެނގުނީމައެވެ. އޭނާގެ ވާހަކަ ހުރި ގޮތުން މަލަކްއަށް ގޯހެއް ހެދުނީއެވެ. ކޮންމެ މީހަކަށް ވެސް ލޯބިވެރިޔާއާއެކު އެފަދަ ގޯހެއް ހެދިދާނޭކަން މިއުވާނު ޤަބޫލުކުރެއެވެ. މަލަކްގެ ވީޑިއޯ ކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާކަން މިއުވާނު ކައިރީ ބުންޏެވެ. އޭނާއަށް ތުހުމަތު ކުރެވެނީ އެ ގޭގަ އޭނާގެ ކޮޓަރީގައި ވީޑިއޯކޮށްފައިވާތީކަން މަލަކް ބުންޏެވެ. ފައިސާ ގެންގޮސް ދިނަސް އެ ވީޑިއޯ ލީކު ނުވާނެކަމުގެ ޔަގީންކަމެއް ނެތްކަން މިއުވާނު ހަނދާންކޮށްދިނެވެ. އެއީ މަލަކް ވެސް ވިސްނާފައި އޮތް ކަމެކެވެ. ފުރަތަމަ ފަހަރު ފައިސާ ލިބުމުން އިތުރަށް ފައިސާއަށް އެދުމަކީ ވެސް ވެދާނޭ ގޮތެކެވެ. މިއުވާނު ދެމުންދިޔަ ޚިޔާލުތައް މަލަކްއަށް ކަމުދިޔައެވެ.
މިއުވާނާއެކު މަޝްވަރާގައި އިން މަލަކްގެ ފޯނު ރިންގުވިއެވެ. މަންމަގެ ކޯލެއްވީމަ ވަގުތުން މަލަކް އެ ކޯލު ނެގިއެވެ. އާމާލްގެ އަޑުގައިވީ ހިތްހަމަނުޖެހުމެވެ. މަލަކް ހުރީ ކޮންތާކުތޯ އެހުމާއެކު ވަގުތުން ގެއަށް އަންނަން އާމާލް އަމުރު ކުރިއެވެ.
"ދާން ޖެހިއްޖެ. މަންމަ އެ ގުޅީ. މަލް ފަހުން ގުޅާނަން އިނގޭ." މަންމަގެ ކޯލު ނިންމާލުމާއެކު މިއުވާނަށް ބަލާލަމުން މަލަކް ބުންޏެވެ.
"އޯކޭ. އެކަމަކު އަހަރެން ދާނަން މަލްއާއެކީ ގެއާ ހަމައަށް. ޓު ބީ ސޭފް." މިއުވާނު ބުންޏެވެ. މަލަކްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މިއުވާނުގެ ކިބައިން އެފަދަ އޯގާތެރިކަން މަލަކް ދުށްޓެވެ. ދެމީހުން އެކަކު އަނެކަކާ ބައްދަލުނުވެ ފޯނުން ވާހަކަދެއްކި ދުވަސްތަކުގައި ވެސް މިއުވާނުގެ ހިތުގައި މަލަކްއާ މެދު ޚާއްޞަކަމެއް ދެވިފައި އޮތްކަން މަލަކްއަށް އިޙްސާސް ކުރެވެއެވެ. އެހެންވިޔަސް އޭނާ ޚިޔާރު ކުރީ ދައްޔާނެވެ. މިހާރު އެ ނިންމުމާމެދު އޭނާގެ ހިތާއި ސިކުނޑީގައި ސުވާލު އުފެދިފައި ވެއެވެ. ދައްޔާނުގެ ބަދަލުގައި ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި މިއުވާނު ޚިޔާރުކުރިނަމަ މިއަދު މި ދެކެން ޖެހުނު ދުވަސް ނާންނާނޭ މަލަކްގެ ހިތަށް އަރައެވެ.
މަލަކްގެ ސައިކަލާ އެއްވަރަށް މިއުވާނު ވެސް ސައިކަލުގައި އައެވެ. ދެ މީހުން ވަކިވީ މަލަކް އިމާރާތުގެ ތެރެއަށް ވަދެގެން ދިޔައިމައެވެ.
މަލަކްއަށް ގޭތެރެއަށް ވަދެވުން އިރު ސިޓިންރޫމުގައި އާމާލް އިނެވެ. ހިތްހަމަނުޖެހިފައި އިދެ މަލަކްއަށް އެއްޗެހި ކިއެވެ. ބޭރަށްދާއިރު ބުނެވެސް ނުލާ އެތަން މިތަނުގައި މަލަކް އުޅެނީ ކަމުގައި އާމާލް ކިޔެވެ. ހައިރާންވެފައި މަލަކްއަށް ހުރެވުނީއެވެ. މީ އޭނާގެ މަންމަ ދުވަހަކުވެސް އުޅުނު ގޮތެއް ނޫނެވެ. ރުޅިއައިސްގެން ދަރީންނާ ދިމާއަށް އެއްޗެހި ކިޔުމަކީ އާމާލްގެ އާދައެއް ނޫނެވެ. އޭނާ ދަރީން ތަރުބިއްޔަތު ކުރަނީ ކައިރީގަ ބައިންދައިގެން ލޯބިން ވިސްނައިދީގެންނެވެ. އެއީ އޯގާތެރި މަންމައެކެވެ. ދަރީންނަށް މިނިވަންކަންދީ އެ ކުދީންނަށް ނުހަނު ބޮޑަށް އިތުބާރުކުރާ މަންމައެކެވެ. މަންމަ ކައިރިން މަލަކް މަޢާފަށް އެދުނެވެ. ނުބުނެ ގެއިން ނުކުމެވުނީމައެވެ. އެއީ އޭނާގެ ކުށްކަން ޤަބޫލުކުރިއެވެ.
"މަންމާ..." ކުއްލިއަކަށް ހުޅުވުނު ދޮރުން މާޔަލް އެތެރެއަށް ވަނެވެ. އޭނާ ގޮވާލީ ހާސްވެފައި ހުރެއެވެ. އޭނާގެ ފަހަތުގައި ދޮރުމަތީ އައިރިކް ހުއްޓެވެ.
"ކޮބާ ދޮންތި." މާޔަލްއަށް އަހާލެވުނެވެ. އޭރު ވެސް މަލަކްއަށް އަދި މިވެގެން އުޅޭ ގޮތެއް ނޭނގެއެވެ.
"ކޮޓަރީގަ. ރަޒާ އެބައިން... ބައްޕަ އެ އަންނަނީ މީހަކު ގޮވައިގެން. މިވަގުތު އައިރިކް ގެއަށް ފޮނުވާލަންވީނު." ދޮރުމަތީ ހުރި އައިރިކްއަށް ބަލާލުމެއްނެތި އާމާލް ވާހަކަދެއްކީ މާޔަލްއާއެވެ. އެއާއެކު މާޔަލް އެނބުރި އައިސް ދޮރު ކައިރީ މަޑުކޮށްލިއެވެ.
"މާޔާ މަންމަ ރުޅިއައިސްފަތަ." އައިރިކް ސިއްރުން އަހާލިއެވެ.
"މަންމަ ރުޅިއެއް ނާންނާނެ. އެއުޅެނީ ހާސްވެގެން. ބުނީމެންނު ދޮންތިއަށް ވީގޮތުން މަންމަ ވަރަށް ދެރަވެގެންނޭ އުޅެނީ. މިގަޑީގަ ދެން ދޭ ރިކް. މިރޭ ޓައިމްވިއްޔާ ގުޅާނަން. ޔަގީނުން ވެސް މޯނިންގަ ގުޅާނަން." މާޔަލް ބުންޏެވެ.
"ގިވް މީ ހަ ހަގް. އޭރުން ދާނީ." ދޮރުމަތިން އެއްފަރާތްކޮށްލަން މާޔަލްގެ އަތަށް ދަމާލަމުން އައިރިކް ބުނެލިއެވެ. މާޔަލް ކައިރިއަށް ހިނިއައެވެ. އެހެންވިޔަސް އޭނާ އައިރިކްއާ ގާތަށް ޖެހިލިއެވެ. އެ ދެއަތުގެ ތެރެއަށް ވަދެ މޭގައި ލައްވެލިއެވެ. މާޔަލްގެ ހަށިގަނޑުގައި ވަށާލި ދެއަތުން އައިރިކްގެ ގަޔާލާ ފިއްތާލައިފިއެވެ. ދެން މާޔަލްގެ ކޮލުގައި ބޮސްދިނުމާއެކު ލޯބިވާކަން ހާމަކޮށްފައި ރޭގަނޑުގެ ސަލާމްކޮށްލިއެވެ.
"ދެން ދޫކޮށްލާ. މަންމަ ނޫނީ މަލް ނުކުމެދާނެ." ސިއްރުސިއްރުން މާޔަލް ބުނެލިއެވެ.
އައިރިކް ގޮސް ލިފްޓަށް އަރަން ދެން މާޔަލް މަޑުކޮށްލިއެވެ. އެވަގުތު ހުޅުވުނު ލިފްޓުން ނުކުތްތަން ފެނުނީ މަޒްހަރެވެ. އައިރިކް ފެނުމުން ސަލާމްކޮށްލިއެވެ. މާޔަލްއަށް ފާހަގަވީ މަޒްހަރާއެކު ލިފްޓުން ނުކުތް ދެ ފިރިހެނުންނެވެ. އަވަސް އަވަހަށް އެޕާޓްމެންޓްތެރެއަށް މާޔަލް ދެމިގަތެވެ.
"މަންމާ. ޑޭޑް އަތުވެއްޖެ. ކޮންމެވެސް ބައެއް ގޮވައިގެން." މާޔަލް އަވަސްއަވަހަށް މަންމައަށް ޚަބަރު ދިނެވެ.
"މައްޔު، މަލްއާ ދެކުދީން އެއްކޮޓަރިއެއްގެ މަޑުކުރޭ. މަންމަ އައިސް ދޮރު ނުހުޅުވަނީސް ކޮޓަރިން ނުނިކުންނާތި." މާޔަލްއާއި މަލަކްއަށް ބަލާލަމުން އާމާލް ބުންޏެވެ. ސުވާލުމާކު ޖެހިފައިތިބެ މާޔަލްގެ ކޮޓަރިއަށް އޭގެ ދެބެން ގޮސް ވަނެވެ.
ސަލާމް ގޮވާލައިފަ މަޒްހަރާއެކު ގޭތެރެއަށް ވަން މީހުންނާ ކުރިމަތިލާން އާމާލް އެނބުރިލިއެވެ. އަދި އެމީހުންގެ ސަލާމް އާމާލް ބަލައިގަތެވެ. މަޒްހަރުގެ ކައިރީ ތިބީ މީގެ ކުރީން އާމާލް ދުށް ބައެއް ނޫނެވެ. އެކަކުގެ މޫނުމަތިން ހަރުވައްތަރު ޖަހައެވެ. ނަމަވެސް ދެން ހުރީ ޒުވާނެކެވެ.
"ސާޖިދު ކޮބާ." އާމާލްއަށް އަހާލެވުނެވެ. މަޒްހަރުގެ އެކުވެރިޔާ ވެސް އަންނާނޭ ކަމުގައި އާމާލް ހީކުރިއެވެ.
"އަހަރެން މީ ނަވީން. ސާޖިދުގެ ބައްޕައަށް ބޮޑުބޭބެ ކިޔާ ކުއްޖެއް. މިކަހަލަ ކަންކަމުގައި ސާޖިދު ބައިވެރިއެއް ނުވާނެ. އޭނާ ވަރަށް ބިރުގަންނާނެ. ދެން މިހުރީ ރިޔާޒު." މަޒްހަރާ ދާދި އެއްއުމުރެއްހެން ހީވާ މީހާ ވާހަކަދެއްކިއެވެ. އެ ދެ ޒުވާނުން ގޮވައިގެން މަޒްހަރާއި އާމާލް ވެސް ސިޓިންރޫމު ސޯފާތަކުގައި އިށީނެވެ.
"މަޒްހަރު ކިޔާދިން. ސިހުރު އެއީ." ނަވީން ބުންޏެވެ. އޭނާ ރުޤްޔާ ކުރާގޮތް މަޒްހަރާއި އާމާލްއަށް ކިޔާދިނެވެ. ޖިންނީންނަކީ ދޮގުހަދާ އޮޅުވާލައި ބައެއްވީމާ އެ ސޮރުމެން ގެނެސްގެން ސުވާލުކޮށް ހެދުމެއް ނޯންނާނޭކަން ނަވީން ބުންޏެވެ. އަދި އެންމެ މުހިންމު ކަމަކަށް ވާންޖެހޭނީ އެކަން ކުރީ ކާކުތޯ ބެލުމަށްވުރެ އެކަމުން ރައްކާތެރިވުން ކަމުގައި ބުންޏެވެ. ރުޤްޔާގެ އިތުރުން އަމިއްލައަށް ވެސް ޝިފާ ހޯދުމަށް އެމީހަކު މަސައްކަތް ކުރާންވާނޭކަން ނަވީނު ހަނދާންކޮށްދިނެވެ. އެކިވައްތަރުގެ ސިހުރު ހުންނައިރު ކާންދީގެން ހަދާ ސިހުރުގެ އަސަރު ބޮޑަށް ކުރާކަން ނަވީން ބުންޏެވެ. ބައެއް މީހުންނަށް ހުވަފެނުގައި ސިހުރު ހުރިކަމުގެ އާލާމަތް ފެނުމަކީ ތެދުވާހަކައެއްކަން ނަވީން ޔަގީންކޮށްދިނެވެ. އެކަމަށް އަވަހަށް ފަރުވާފަށަންވާނޭކަމެވެ.
މައިރާ ދުށުމަށް ނަވީން ބޭނުންވިއެވެ. އެހެންވެ އާމަލް ކުރީބައިގަ އެ ކޮޓަރިއަށް އައެވެ. ޓަކި ދިނުމުން ރަޒާ ނިކަން އަވަހަށް ދޮރު ހުޅުވިއެވެ. މައިރާއަށް އޮތީ ނިދިފައެވެ. ހުންގަދަވާންފެށީމައި އާމާލް އެކުއްޖާއަށް ބޭސްދިނެވެ. ފެންފޮތި އުނގުޅައި ހެދިއެވެ. އާމާލް ހީކުރީ ސިހުރު ކަންކަން ރަޒާ ޤަބޫލުނުކުރާނެކަމަށެވެ. އެކަމަކު އޭނާ އާމާލްގެ ވާހަކަތައް އަޑުއެހިއެވެ. ރަޒާ ބޭނުންވަނީ މައިރާ ރަނގަޅުވާށެވެ. އޭނާއަށް ވެސް އާދަޔާ ޚިލާފު ކަމެއް އެބައުޅޭކަން ޤަބޫލުކުރެވެއެވެ. އިރުފާ ގޮވައިގެން ހޮސްޕިޓަލްގައި އުޅުނީ އޭގެ ދެމަފިރިންނެވެ. އިރުފާ ވެސް ގަދަ ހުމެއްގައި ޖެހުނީއެވެ. ދެން މޮޔަގޮވީއެވެ. މިހާރު އެ ވާހަކަތަކާއި މެދު ރަޒާއަށް ވެސް ވިސްނެއެވެ.
"ބައްޕައާއެކު އެމީހުން އެބަތިބި. މައިރް ބުރުގާ އަޅުވާލަންވީނު. އެމީހުން ބޭނުންވޭ މައިރް ބަލާލަން." އާމާލް ބުންޏެވެ.
ކޮޓަރީގައި ހުރި ފަނޑުއަލީގެ ބަދަލުގައި ހޮޅިބުރިތައް ރަޒާ ދިއްލާލިއެވެ. އާމާލްގެ އިޝާރާތާއެކު މަޒްހަރުގެ ފަހަތުން ނަވީންއާއި ރިޔާޒު އެ ކޮޓަރިއަށް ވަނެވެ. ނަވީނު އެދުނީ ނިދިފައި އޮތް މައިރާއަށް ގޮވާލުމަށެވެ. ރަޒާއަކީ ފިރިމީހާއަށް ވާތީ މައިރާގެ ގާތުގައި ހުރުމަށް ނަވީނު ބުންޏެވެ. ދެން އޭނާ އެކިއެކި ސުވާލު ކުރިއެވެ. ރަޒާގެ ޢާއިލާއާ ބެހޭ ގޮތުންނެވެ. ކައިވެންޏަށްފަހު މައިރާ އުޅުނީ ފިރިމީހާގެ ގޭގައިކަން މަޒްހަރު އޮތީ ބުނެފައެވެ. އަދި ރަޒާމެން ގޭގައި ހިނގައިވާ ދެ މަރުގެ ޚަބަރު ވެސް ނަވީނަށް މަޒްހަރު ކިޔާދިނެވެ. މައިރާ ވެސް ބުނަނީ އެ ގޭ ދެބެން ގަދަ ހުމެއް އައިސްގެން ބުއްދި ގޯސްވާ ހިސާބަށް ދިޔައިކަން މަޒްހަރު އޮތީ ނަވީނު ކައިރީ ބުނެފައެވެ. އެހެންވިޔަސް އެއީ އެކަމުގެ ހަޤީޤަތް ކަމުގައި ނަވީން ޤަބޫލެއް ނުކުރެއެވެ. އޭނާ މަޒްހަރު ކައިރީ ބުނީ އެކަމުގައި ފޮރުވިފައި އެހެންކަމެއް އެބައޮތް ކަމެވެ. ޢާއިލާތައް ނެތިކޮށްލަން ޒަމާނުއްސުރެ ސިހުރު ހެދުމަކީ ރާއްޖޭގައި އާންމުވެފައި އޮތް ކަމެއްކަން ނަވީން ބުންޏެވެ. ޒަމާންތަކަށް ދަރީންގެ ދަރީންނަށް ސިހުރު ވާރުތަކުރާކަން ނަވީން ކިޔާދިނެވެ. އަދި މިހާރު ވެސް ރާއްޖޭގައި ސިހުރުގެ ބަލިމަޑުކަން އެބައޮތްކަމާއި މިހާރު އެންމެ ގިނައިން ދިމާވަނީ ޒުވާން ޅަކުދީންގެ ކުރިއެރުމަށް ހުރަސް އަޅައި ކޮށްފައި ހުންނަ ސިހުރު ކަމަށެވެ. އަމިއްލަ ރައްކާތެރިވާން ދަސްކުރުމަކީ ކިހާ މުހިންމު ކަމެއްކަން ނަވީން ވިސްނާދިނެވެ.
މައިރާ ލޯ ހުޅުވާލިއެވެ. އަމިއްލަ ނޭވައިގަ ހުރި ހޫނުކަން އޭނާއަށް އިޙްސާސް ކުރެވެއެވެ. ކޮޓަރިތެރޭގައި ތިބި ދެ ފިރިހެނުންނަށް ބަލާލާފައި މައިރާގެ ނަޒަރު ދަތުރުކޮށްލީ އެއްފަރާތުގައި ހުރި އާމާލްއަށެވެ. ނަވީން ވާހަކަދެއްކިއެވެ. މައިރާއަށް އޮޅުންފިލުވައިދޭން ޖެހޭ ކަންކަން އޭނާ ކިޔާދެމުންދިޔައެވެ.
* * * * *
"ހާދަ ލަސްވީ." ދޮރޯށިން ވަދެގެން އައިސް ސިޓިންރޫމު ދޮރުމަތީ މަޑުކޮށްލި ލިޔުޝާ ފެނުމުން އަމަތު އަހާލިއެވެ.
"ވަރަށް ލަސްވެއްޖެ ދޯ. ކަމެއް ޖެހުނީ... ސޮރީ އެންޑް ތޭންކްސް އިނގޭ. ލަމް. ދަރިފުޅު ހިނގާ ދާން." ލިޔުޝާ ބުންޏެވެ.
"މަޑުވެސްކޮށްނުލާ ދަނީތަ." އަމަތު ބުންޏެވެ.
"އާން. މިހާރު އެއޮއްގެން ހަތެއްޖަހާ ދިޔައީ. ޓެކްސީ އެބައޮތް ބޭރުގަ." ލިޔުޝާ ހުރީ ނިކަން އަވަސްއަރުވާލާފައެވެ.
ކޮންމެ ދުވަހަކު ހަވީރު ލިޔުޝާ ކުލާހެއްގައި ބައިވެރިވެގެން އުޅޭތީ ދަރިފުޅު ގެނެސްލަނީ އެކުވެރިޔާ އަމަތުގެ ކައިރިއަށެވެ. އާންމުކޮށް ގަޑިއެއްހާއިރު ފަހުން ލިޔުޝާ އެނބުރި އާދެއެވެ. އިރުއޮއްސެންވާއިރަށް އެނބުރި ދާނެއެވެ. އެކަމަކު މިއަދު އެ އައީ ދެ ގަޑިއިރަށްވުރެ ވެސް ގިނައިރު ކޮށްފައެވެ. ދަރިފުޅު ބަލާނޭ މީހަކު ގޭގައި ނުހުންނަކަން އަމަތަށް އެނގެއެވެ. ލިޔުޝާގެ ފަރާތުން އޭނާގެ ފިރިމީހާގެ ޢާއިލާއަކީ ކޮންކަހަލަ ބައެއްކަން ހިސާބަކަށް އަޑުއިވިފައި ވެއެވެ. ޚާއްޞަކޮށް މައިދައިތަގެ ނުބައިކަމާއި ފޯރުވާ ނުފޫޒެގެ ވާހަކައެވެ.
ސިޓިންރޫމުގައި އަމަތުގެ ދަރިފުޅާއެކު ކުޅެން އިން ލަމްޔާ ތެދުވިއެވެ. ދަރިފުޅު އުރާލައިގެން ލިޔުޝާ ނުކުތެވެ. އެ ދެމައިންގެ ފަހަތުން ލަމްޔާގެ ކުޑަ ދަބަސް ހިފައިގެން އަމަތު ނުކުތެވެ. ޓެކްސީއަށް އެ ދެމައިން އަރަންދެން ދޮރޯށި ދޮށުގައި އަމަތު ހުއްޓެވެ.
(ނުނިމޭ)