އަހުމަދު ނަސީމް

ކުދި ރަށްރަށަށް ބަގީ އެމްބިއުލާންސް ގެންނަނީ

ރާއްޖޭގެ ކުދި ރަށްރަށަށް ބަގީ އެމްބިއުލާންސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ރަށްރަށަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް ދެން އެންމެ އަވަހަށް ކުރާނީ ކޮން އިރަކުންތޯ ސުވާލުކޮށްފަ އެވެ.

"އަޅުގަނޑު ކުރިންވެސް ތިބޭފުޅުންގެ އަރިހުގައި ދަންނަވާފައި އޮންނާނެ ކުދި ރަށްރަށަށް ކުދި އެމްބިއުލާންސް ގެނައުމުގެ އިންތިޒާމެއް ހަމަޖައްސަވަމުން އެބަ ގެންދަމޭ. އެގޮތުން ފޮރިން މިނިސްޓްރީ މެދުވެރިކޮށް އަޅުގަނޑުމެން މިހާރު ވާހަކަދައްކާފަވީ ޗައިނާއާ. ޗައިނާއާ ވާހަކަދައްކައިގެން ބަގީ އެމްބިއުލާންސް އެބަ ހަދާ" ޝިފާއުގެ ސުވާލަށް ޖަވާބު ދެއްވަމުން ނަސީމް ވިދާޅުވި އެވެ.

މަގުތަކުގެ ޖާގައިގެ ދަތިކަމުން ކުދި ރަށްރަށަށް ބޮޑެތި އެމްބިއުލާންސް ފޮނުވައިގެން އޭގެ ބޭނުމެއް ނުކުރެވޭކަން ނަސީމް ވަނީ ފާހަގަ ކުރައްވާފަ އެވެ. ނަސީމް ވިދާޅުވީ ކުދި ރަށްރަށުގެ މަގުތަކުގައި ބޮޑެތި އެމްބިއުލާންސް ނުދުއްވޭ ކަމަށެވެ.

އެމްބިއުލާންސްތަކާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ފަރާތުން އެންމެ ފަހުގެ މައުލޫމާތު ލިބުމުން އެކަން ހިއްސާކުރައްވާނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

އަތޮޅުތަކުގައި ހުރި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް 137 އެމްބިއުލާންސް ފޯރުކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހަައްމަދު އޭރު ވިދާޅުވެފައި ވަނީ ރާއްޖޭގެ ރަށްތަކުގެ އަދަދަށް ބަލާއިރު އެމްބިއުލާންސް ފޯރުކޮށްދެވުނު އަދަދު ގިނަ ކަމަށެވެ.