މިއުވާން މުހައްމަދު

ޗާގޯސް މައްސަލައިގައި ރައީސް ޔާމީން ބަދަލުކުރަންޖެހޭ ކަމެއް ނެތް

ޗާގޯސް މައްސަލައިގައި ދިވެހި ސަރުކާރުން އިތުރަށް ނިންމަން ޖެހޭ ކަމެއްވެސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ލިބިވަޑައިގެންފިނަމަ ވެރިކަމާ ހަވާލުވެވަޑައިގެން އަލުން ބަދަލުކުރަންޖެހޭ ކަމެއްވެސް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއުވާން މިހެން ވިދާޅުވެފައި މިވަނީ މިސަރުކާރުން ޗާގޮސް މައްސަލައިގައި ނިންމާފައިވާ ނިންމުން ގަބޫލު ނުކުރައްވާނެ ކަމަށާއި އެ ނިންމުން ބަދަލުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާތީ އެކަމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިއުވާން ވިދާޅުވީ ޗާގޯސް މައްސަލައިގައި އިތުރު ބަޔަކު ނިންމަންޖެހޭ އިތުރު ނިންމުމެއް ނޯންނާނެ ކަމަށާއި މިހާރު ދިވެހި ސަރުކާރުން މިމައްސަލައިގައި ނިންމާފައިވާ ނިންމުމެއް ބަދަލުކުރަންވެސް ނުޖެހޭނެ ކަމަށެވެ.

"ބައިނަލްއަގުވާމީ ކޯޓަކުން ނިންމި ނިންމުމެއް މިހާރު ނިންމާފައި އެއޮތީ. ކުރިއަށް މިދަނީ އިޓްލޮސްގައި، އަނެއްކާވެސް ބައިނަލްއަގުވާމީ ޓްރައިބިއުނަލްއެއްގައި ކުރިއަށްދާ މައްސަލަ. އެހެންކަމުން މިކަމުގައި ދިވެހި ސަރުކާރުން ނަގާފައި ހުރި ސްޓޭންޑެއް އިތުރަށް ބަދަލުކުރާކަށް ނުޖެހޭނެ،" މިއުވާން ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ކޯޓަކުން ނިންމާ ނިންމުމަކާއި ހިލާފުވާން ރައީސް ޔާމީން ބޭނުންފުޅުވާނަމަ އެއީ ރައީސް ޔާމީންގެ އަމިއްލަފުޅު ކަމެއް ކަމަށާއި އެކަމާ އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ. އަދި ރާއްޖޭގެ ސްޓޭންޑަށް ބަދަލު ގެނެސްގެން އިތުރަށް ބަދަލުވާނެ ކަމެއްވެސް މިހާރު ނޯންނާނެ ކަމުގައި ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް އދ ގެ އާންމު މަޖިލީހަށް ހުށައެޅިއްޖެ ކަމަށްވާނަމަ އެއިރަކު އޮންނަ ސަރުކާރެއްގެ ހާރިޖީ ސިޔާސަތާ އެއްގޮތަށް އެއިރަކު އޮންނަ ސަރުކާރަކުން ވޯޓު ދޭނެ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތަކީ ޑީކޮލޮނައިޒޭޝަން [އަޅުވެތިކަމާ ދެކޮޅު]. އެހެންވީމަ އެއާ އެއްގޮތަށް އަޅުގަނޑުމެންގެ ސަރުކާރުގައި ވޯޓު ދޭނީ. ދެން އަޅުވެތިކަމަށް އެބޭފުޅުން [އިދިކޮޅު ބޭފުޅުން] ތާއީދު ކުރައްވަންޔާ އެބޭފުޅުންގެ ސްޓޭންޑް ބަދަލު ކުރައްވާނެ." މިއުވާން ވިދާޅުވި އެވެ.

ޗާގޯސް މައްސަލައިގައި ސަރުކާރުގެ ނިންމުން ގަބޫލުނުކުރައްވާނެ ކަމަށާއި ވެރިކަން ލިބިވަޑައިގެންފިނަމަ އެ ނިންމުން ބަދަލު ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވީ ރޭ އިދިކޮޅު ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގަ އެވެ. ޔާމީން ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ނިންމި ނިންމުމަކީ އިމުގެ މައްސަލައިގައި ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދު މޮރިޝަސްއަށް ދޭން ރާއްޖެއިން އެއްބަސްވުން ކަަމަށެވެ.