މިއުވާން މުހައްމަދު

"ޗާގޯސް މައްސަލައިގައި 200 މިލިއަން ޑޮލަރެއް ނުނަގަން"

ޗާގޮސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ސަރުކާރުން ނިންމީ ސަރުކާރުގެ އިސްވެރިންތަކަކަށް 200 މިލިއަން ޑޮލަރު ދިނުމުން ކަމަށް ކުރާ ތުހުމަތުތައް ރައީސް އޮފީހުން ދޮގުކޮށްފި އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޗާގޮސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ދިވެހި ސަރުކާރުން ނިންމި ނިންމުމަކީ އެއްވެސް ބަޔަކު ސަަރުކާރަށް ފައިސާ ދޭންޖެހޭ ކަމެއް ނޫން ކަމަށެވެ.

އައިސީޖޭއިން މައްސަލަ ނިމިފައި އޮތް އިރު އަދި އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލު ނުކުރާއިރު މޮރިޝަސްއަށް ވެސް އަދި އެހެން ބަޔަކަށްވެސް ބައެއްގެ އަތުން ފައިސާ ނަގައިގެން ބައިނަލްއަގްވާމީ ނިންމުންތައް ބަދަލުނުކުރެވޭނެ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.

"200 މިލިއަން ޑޮލަރެއް ނެގިއޭ ވިދާޅުވާ ބޭފުޅުން ވިދާޅުވާންވީ ނޫންތޯ ވަރަށް ސާފުކޮށް ކޮން ބަޔަކުތޯ ލާރި ދީގެން މިއުޅެނީ. ކޮން ބައެއްތޯ ނަގައިގެން މިއުޅެނީ. ގައުމަށް އެހާ ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުންތަކެއް ކަމަށް ވާނަމަ ބޮޑެތި މިކަހަލަ ތުހުމަތު ކުރައްވާއިރު އެބަ ޖެހޭ ކަންނޭނގެ ރައްޔިތުންނަށް އެކަން ސާފު ވާން،" މިއުވާން ވިދާޅުވި އެވެ.

މޮރިޝަސްއަށް ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރެއް ނުހިންގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވަމުން މިއުވާން ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓަށް ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހުން ނޫން ކަމަށެވެ. ހާރިޖީ ސިޔާސަތު ކަނޑައެޅުމުގެ ބާރު ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ.

"ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރެވޭ ގޮތަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު ދަމަހައްޓާ، އެކަމާ ގުޅޭގޮތުން އދގެ އާންމު މަޖިލީހުގައި ވޯޓެއްލާ ކަމުގައިވާނަމަ އެ ވޯޓެއް ލުމުގެ ކަންކަން ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދާނެ،" މިއުވާން ވިދާޅުވި އެވެ.

މިއުވާން އިތުރަށް ވިދާޅުވީ ބައިނަލްއަގުވާމީ ކޯޓުތަކުން ނިންމާ ނިންމުންތަކާއި އދގެ އާންމު މަޖިލީހުގައި ނެގޭ ވޯޓުތަކާއި ނިންމާ ނިންމުންތަކަށް ސަރުކާރުން އިހުތިރާމް ކުރާނެ ކަމަށެވެ.

ޗާގޮސްގެ މައްސަލައިގައި ކަން ހިނގަމުން އަންނަ ގޮތް ރައްޔިތުންނަށް އޮޅުން އަރާ ކަމަށާއި މިކަންކަން އޮޅުންފިލުވާ ދިނުމަށް ސަރުކާރުން ކުރަނީ ކޮން މަސައްކަތެއްތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން މިއުވާން ވިދާޅުވީ އެ މައްސަލައިގައި ވަރަށް ގިނަ މައުލޫމާތު ނޫސްވެރިންނާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

މައްސަލައާއި ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން މީޑިއާތަކަށް މައުލޫމާތު ހިއްސާ ކުރައްވާފައިވާ ކަމަށާއި ދިވެހި ރާއްޖޭގެ ހާރިޖިއްޔާއިންނާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި ބަންޑާރަނައިބު އިބްރާހިމް ރިފްއަތުވެސް މި މައްސަލައިގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައިވާކަން މިއުވާން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރައްވަމުން ގެންދަވާ ލީޑް ކައުންސެލާވެސް މައްސަލައިގެ ޓެކްނިކަލް ކަންކަން ފާހަގަކޮށްދެއްވައިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

އިތުރަށް މައުލޫމާތު ސާފު ކުރަން ބޭނުންވާ ބޭފުޅުންނަށް އދގެ ވެބްސައިޓުން އަދި އިޓްލޮސްގެ ވެބްސައިޓުންވެސް މައްސަލަ ކުރިއަށްދާ ގޮތް ބަލައިލެވޭނެ ކަމުގައިވެސް މިއުވާން ވިދާޅުވި އެވެ.

"އދގެ އާންމު މަޖިލީގައި އެ ނަގާ ވޯޓެއްގެ ސަބަބުން ރާއްޖެއިން ބައެއް ގެއްލިދާނެތޯ، މިކަހަލަ ގޮތަކަށް އެންމެ ފުރަތަމަ ބައެއް ބޭފުޅުން، މަދު ބޭފުޅުންތަކެއް ދެއްކެވި އިރު އެ ގެއްލިގެން ދާނެ ގޮތެއް އޮތްތޯ، ކިހިނެއްތޯ އެކަން އެވަނީ، އެބޭފުޅުންނަކަށް އެ އެކްސްޕްލެއިން ކޮށެއް ނުދެވޭ. ދެން ހަމަ ޕޯޑިއަމަކަށް ނުވަތަ ޖަލްސާއެއްގަ ވާހަކަދައްކަވަމުން ވިދާޅުވަނީ އެހެންނޭ އެކަން އޮތީ،" މިއުވާން ވިދާޅުވި އެވެ.