އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަން ޕާޓިތަކަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
އިޒްރޭލުގެ ސިޔާސީ މަސްރަހުގައި އެނބުރިދާނެ ގޮތް ބެލުމަށް ވޯޓުލީ މީހުންނާ ސުވާލުކޮށްގެން ލިބުނު ނަތީޖާއަށް ބަލާއިރު އިންތިހާބު ކާމިޔާބުކުރާނީ ނަތަންޔާހޫގެ ލިކުޑް ޕާޓީއާ ގުޅިގެން އިންތިހާބުގައި ވާދަކުރި ޕާޓީތައް ކަމަށް ބެލެވެ އެވެ.
މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުން އޮންނާނީ ބުރާސްފަތި ދުވަހު އެވެ. އެއްވެސް ސަބަބަކާ ހެދި ހުކުރަށް ލަސްކުރުމަކީ ވެސް އޮތް ފުރުސަތެކެވެ.
އިޒްރޭލުގެ ގާނޫން ހަދާ މަޖިލީސް -- ކްނެސެޓްގައި ހިމެނޭ 120 ގޮޑީގެ ތެރެއިން ނަތަންޔާހޫގެ ކޯޅިޝަނަށް 61 ނުވަތަ 62 ގޮޑި ލިބިދާނެ ކަމަށް ބެލެވެ އެވެ.
ސަރުކާރެއް އެކުލަވާލުމަށް ފުރުސަތު ލިބެނީ އަޣުލަބިއްޔަތު ލިބޭ ކޯލިޝަނަކަށް ނުވަަތަ ޕާޓިއަކަށެވެ. އެހެންކަމުން ސަރުކާރެއް އެކުލަވާލަން ފުރުސަތު ލިބޭ ބައިގަނޑަކަށް މަދުވެގެން 61 ގޮޑި ލިބެން ޖެހެ އެވެ. މިއީ ވަރަށް ހަނި ފުރުސަތެކެވެ.
އިޒްރޭލުގެ މިހާރުގެ ބޮޑުވަޒީރު ޔައީރު ލަޕީދުގެ ކޯލިޝަނަށް ލިބޭނެ ކަމަށް ބެލެވެނީ 54 ގޮޑި އެވެ.
ޚަބަރުތައް ބުނާ ގޮތުން އިޒްރޭލުގެ އާންމު އިންތިހާބެއްގައި 1999 އަށް ފަހު މީހުން އެންމެ ގިނައިން ވޯޓުލާން ނުކުތް ފަހަރަކީ މިއީ އެވެ. އިލެކްޓޯރަލް އޮތޯރިޓީން ބުނާ ގޮތުން ޝަރުތު ފުރިހަމަވާ މީހުންގެ 66.3 ޕަސެންޓް ވަނީ ވޯޓްލާފަ އެވެ.
ބެންޖަމިން ނަތަންޔާހޫ، 73، ނަންވެފައި ވަނީ އިޒްރޭލުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ސިޔާސީ ލީޑަރުގެ ގޮތުގަ އެވެ.
އޭނާއަށް ބޮޑުވަޒީރުގެ މަގާމު ގެއްލުނީ މިދިއަ އަހަރު އެވެ. އެއީ އިޒްރޭލުގެ އިދިކޮޅު ޕާޓީތައް އެއްގަލަކަށް އަރައި ނަތަންޔާހޫއާ ދެކޮޅަށް -- އަދި އޭނާ ބޮޑުވަޒީރު ކަމުން ދުރުކުރުމަށް ކުރި މަސައްކަތުންނެވެ.
ވޯޓަށް ފަހު ނޫސްވެރިންނާ މުޚާތަބު ކުރައްވައި ނަތަންޔާހޫ ވީދާޅުވީ ބޮޑު ޚަބަރެއް އޮތް ކަމަށާއި އެ ވާނީ އުފާވެރި ޚަބަރަކަށް ކަމަށެވެ.