މިއުވާން މުހައްމަދު

ޝިމާޒު ވަކިކުރެވޭނީ މައްސަލަ ބަލާފައި: މިއުވާން

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ މަގާމުން ވަކި ކުރަން ނިންމާނީ އެ މައްސަލަ ރަނގަޅަށް ބެލުމަށްފަހު ފިޔަވަޅު އަޅަން ޖެހޭ ކަމެއް އޮތް ނަމަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިއުވާން ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާގެ ފަރާތުން ޝިމާޒް މަގާމުން ވަކި ކުރުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާއަށް ސިޓީފުޅެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އެފަދަ ސިޓީފުޅެއް ރައީސްއަށް ވަނީ ލިބިފައި. ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފިޔަވަޅު އެޅިގެން ދާނެ،" މިއުވާން ވިދާޅުވި އެވެ.

ޝިމާޒު މަގާމުން ވަކިކުރުމަށް މިނިސްޓަރު ނަހުލާ އެދިވަޑައިގަތީ ގައިވާދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީ ކުރުންފަދަ ކޮރަޕްޝަންގެ އަމަލުތަކުގެ އިތުރުން މިނިސްޓްރީގެ ބައެއް ބޭފުޅުންގެ އަބުރަށް އަރައިގެން ކަމުގެ ތުހުމަތުތަކެއް ޝިމާޒްއަށް ކުރެވޭތީ އެވެ.

މީގެކުރިން ވެސް ޝިމާޒްއަށް މިފަދަ ތުހުމަތުތަކެއް ކުރެވޭތި އޭސީސީ އިން ވަނީ އެ މައްސަލަ ބަލާފަ އެވެ. ނަމަވެސް ޕީޖިން ވަނީ ޝިމާޒް އާއި ދެކޮޅަށް ހެކި ނެތިގެން ދައުވާ ނުކުރަން ނިންމާފަ އެވެ.

ޝިމާޒް ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަނު ކުރެއްވީ ފެބްރުއަރީ 10، 2019 ގައެވެ.