ކޮލަމް

ރައީސް ނަޝީދު މިއަދު ހައްޔަރު ކުރަނީތަ؟

އިއްޔެއިން ފެށިގެން އިވެމުން ދަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތުމާ އެކު ހައްޔަރު ކުރުމަށް "ސަރުކާރުން" ތައްޔާރުވަމުންދާ ވާހަކަ އެވެ. ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވެފައި ވަނީ ސަރުކާރުން އެމަނިކުފާނު ހައްޔަރުކުރަން އުޅޭ ހަބަރު ލިބިވަޑައިގަތުމުން ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު މިއަދު މެންދުރު ފަހު މާލެ ވަޑައިގަންނަވާނެ ކަމަށެވެ. އެހެންވެ ނަޝީދުގެ ސަޕޯޓަރުންގެ އެއްބަޔަކު ތިބީ އެމަނިކުފާނާ އެކު ޖަލަށް ދާން ތައްޔާރުވެގެންނެވެ.

އެކަމަކު ނަޝީދު ހައްޔަރުކުރަންވީ ކީއްވެގެން ހެއްޔެވެ؟ މިހެން ބުނާއިރު ވެސް ނަޝީދަކީ ހަމަ "ކަމަކާ ނުލައި" އެތައް ފަހަރަކު ހައްޔަރުކޮށް އަނިޔާ ލިބިފައިވާ ބޭފުޅެއް ކަމަށް ގަބޫލުުކުރާނެ މީހުން ބައިވަރެވެ. މި ހަމައިން ބަލާ ނަމަ ނަޝީދަކީ ހަމަ ކޮންމެ ވަގުތަކު ވެސް ހައްޔަރުކޮށްފާނެ ބޭފުޅެކެވެ. އެކަމަކު ހައްޔަރެއްގެ ވާހަކަ ނުދައްކާ ހުންނަވާފައި ކުއްލިއަކަށް އެ ވާހަކަ ދައްކަވަން ފެއްޓެވި ސަބަބެއް ވެސް އޮންނާނެތާ އެވެ. ބޮޑަށް ބެލެވެނީ އެ މަނިކުފާނާ ދެކޮޅަށް ހުޅުމާލޭ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހިނގައިިގަންނަން އުޅޭތީ އެކަމާ ގުޅުވައިގެން ދައްކާ ވާހަކައެއް ކަމަށެވެ.

ނަޝީދު ވެރިކަމުގައި ހުންނެވި އިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާ ހުޅުމާލޭ ކޯޓުގައި އޮތީ ހުއްޓިފަ އެވެ. އެއީ އެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗު ސައްހަ ނޫން ކަމަށް ބުނެ ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލައެއް ނިމެންދެންނެވެ. ނަޝީދު ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ވެސް ކުރިއަށްދާ ގޮތް ނުވެފައި އޮންނަތާ ދޮޅު އަހަރަށް ފަހު، އަންނަ ބުދަ ދުވަހު ވަނީ ފަށަން ނިންމައިފަ އެވެ. އެހެންވެ އެއީ ނަޝީދު ހާޒިރުވެ ވަޑައިގަންނަވަން ޖެހޭ ޝަރީއަތެއް ކަމަށް ވާތީ ދަތުރު ކުރުކޮށްލެއްވުން ނޫން މާގިނަ ރަނގަޅު އިހްތިޔާރުތަކެއް ނަޝީދަށް އޮތްހެންނެއް ހިއެއް ނުވެ އެވެ.

ހައި ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގޮސް އޮތީ އެ މައްސަލަ ބަލާ ބެންޗުގައި އިންނެވި ފަނޑިޔާރެއް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ހުރުމުންނާއި އަދި އޭގެ ފަހުން އެ ފަނޑިޔާރު އެހެން ކޯޓަކަށް ބަދަލު ކުރުމުންނެވެ. ނަޝީދު ހުށަހެޅުއްވި މައްސަލަ ބެލުމަށް މިހާރު ވަނީ އަލުން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައި ކަމުން ބޮޑަށް ބެލެވެނީ މައްސަލަ އަލުން ފަށައިގެން ކުރިއަށް ގެންދާނެ ކަމަށެވެ، އެހެންވެ ހުޅުމާލޭ ކޯޓުގައި އޮތް ނަޝީދުގެ އަސްލު މައްސަލަ އަދިވެސް އެތައް މަހަކަށް ފަސްވެގެން ދިއުން އެކަށީގެންވެ އެވެ. އެހެންވެ ހައި ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމަކުން ނަޝީދު ހައްޔަރުކުރަން ޖެހޭ ސަބަބެއް ނުފެނެ އެވެ. ނަޝީދު ހުށަހެޅުއްވި މައްސަލައެއްގައި ނަޝީދު ކޯޓަށް ހާޒިރުވެ ވަޑައިނުގަންނަވާ ނަމަ މައްސަލަ ބޭރުކޮށްލަފާނެ އެވެ. އެހެންވެ ކޯޓަށް ހާޒިރުކުރަން ހައްޔަރުކުރަން ޖެހޭ ސަބަބެއް ވެސް ނެތެވެ. 

ދެން އޮތީ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު ނާޒިމްގެ އެޕާޓްމަންޓަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަނަށް ފަހު ނާޒިމް މަގާމުން ވަކިކުރި، މުޅި ގައުމު ސިހިގެން ދިޔަ ބޮޑު ނިންމުމެވެ. ނާޒިމާ ކުޅެން ރައީސް ޔާމީނަށް ކެރިވަޑައިނުގަންނަވާނެ ކަމަށް އެތައް ބަޔަކު ގަބޫލުކޮށްގެން ތިއްބާ އެކަން ނިމިގެން ދިޔައީ – ފަހަރެއްގައި ފެށުމަކަށް ވެސް ވެދާނެ – މީހަކު ހިތަށް ވެސް ގެނެސްފައިވާ ފަދަ ގޮތަކަށް ނޫނެވެ. އެ ކަންތައްގަނޑަށް ފަހު ދެ ވަނަ ޓާގެޓަކީ ނަޝީދު ކަމަށް ގަބޫލުކުރެވެނީ ކަމަށް ވެދާނެ އެވެ. އެކަމަކު ހައްޔަރު ކުރާނީ ކީކޭ ކިޔާފައި ހެއްޔެވެ؟ އަބޫ ދާބީ އަށް ވަޑައިގަތީ ކީއްވެހޭ ކިޔާފައި ހައްޔަރުކޮށްފި ނަމަ ނަޝީދާ އެކު ޖަލަށް ނުދާންވީ އެކަކު ވެސް ނެތެވެ.

ދެން އޮތީ އެމްޑީޕީން މާދަމާ ބާއްވާ ހިނގާލުމެވެ. މާދަމާ ހަވީރު އުސް ފަސްގަނޑު ސަރަހައްދުން "ގާނޫނު އަސާސީގެ ހިމާޔަތުގައި" ހިނގާލުމަށް ފޯރި ގެނެސް ވަރު އަރުވާލުމަށް، ނަޝީދު ހައްޔަރު ކުރުމުގެ ވާހަކަ ވަރަށް ކަމުދެ އެވެ. އެކަމަކު މިކަހަލަ ކަމެއް އެމްޑީޕީ އަކުން ނުކުރާނެ ނޫންހެއްޔެވެ؟ އެކައްޗެކޭ ނުކިޔަސް އެމްޑީޕީ އަކީ މަގުމައްޗަށް ނިކުންނަން ވެއްޖިއްޔާ އެވަރެއް ނެތް ބައެކެވެ. އެހެންވީމާ ނަޝީދު ހައްޔަރުކުރާ ވާހަކަ ދައްކަން ޖެހޭ ސަބަބެއް ހަމަ ނުވިސްނުނެވެ. ފަހަރެއްގައި، ހައްޔަރުކޮށްފާނެ ފަދަ ކަމެއް ކުރެއްވިފައި އޮވެއްޖެ ނަމަ އެކަން އެނގިވަޑައިގަންނަވާނީ ރައީސް ނަޝީދަށެވެ. އެހެންވެ ދެން މި ތިބީ ނަޝީދު ހައްޔަރުކުރާނެތޯ ބަލާށެވެ. ކަމަކާ ނުލައި ހައްޔަރު ނުކުރައްޗެވެ!