ލައިފްސްޓައިލް

ފަޅޮލަކީ ބަރުދަން ލުއިކުރުމަށް ވެސް ކެވިދާނެ މޭވާއެއް

ރާއްޖޭގައި އާންމުންކޮށް ހެދޭ، މާކެޓްގައި އަބަދުވެސް ލިބެން ހުންނަ ފަޅޮލަކީ ހީވެސް ނުކުރާހާ ގިނަ ފައިދާތަކެއް ހަށިގަނޑަށް ލިބޭ މޭވާއެކެވެ. ހަށިގަނޑަށް ފަިއދާހުރި އެތައް މާއްދާއެއް ފަޅޮލުގައި އެކުލެވެއެވެ.

1- ކޮލެސްޓްރޯލް ދަށްކޮށްދޭ
ކޮލެސްޓްރޯލް މަތިވުމަކީ އާންމުކޮށް ދިވެހިންނަށް ދިމާވާ މައްސަލައަކަށްވާއިރު މިކަމަށް ފަރުވާއަކަށް ފަޅޯ ހަދާށެވެ. ފަޅޮލަކީ ތިމާގެ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދޭ މޭވާއެކެވެ. ކޮލެސްޓްރޯލް ގިނަވުމަކީ ލޭ ހޮޅިތަށް ބެދެން ދިމާވާ ކަމެކެވެ. ލޭ ހޮޅިތައް ބެދިއްޖެނަމަ ހާޓް ހޭޓް ޖެހުން ވަނީ ވަރަށް ކައިރީގައެވެ.

2- ބަރުދަން ލުއިކުރުމަށް އެހީއެއް
ބަރުދަން ލުއިކުރުމަށް ގިނަ ބަޔަކު އެތައް މަސައްކަތެއް ކުރާއިރު ބައެއް މީހުން ނުކައި ނުބޮއި ވެސް ތިބެވެ. ނަމަވެސް ހަށިގަނޑަށް ގެއްލުންނުވާނެ ފަދައިން ބަރުދަން ލުއިކުރުމަށް ބޭނުންނަމަ ފަޅޯ ކާށެވެ. ފަޅޯލަކީ ތިމާގެ ބަނޑު އަވަހަށް ފުރާލާ މޭވާއެކެވެ. އަދި ފަޅޯ ކެއުމުން ގިނަ ކެއުމަށް ބޭނުމެއް ނުވާނެއެވެ. ގިނައިން ކާހިތެއް ވެސް ނުވާނެއެވެ.

3- ހަކަުރުބަލީގެ މީހުންނަށް ރަނގަޅު މޭވާއެއް
ފަޅޮލަކީ ފޮނި މޭވާއެއް ނަމަވެސް މިއީ ހަކުރުބަލީގެ މީހުން ކާން ރަނގަޅު މޭވާއެކެވެ. ފަޅޮލުގައި އެކުލެވޭ ހަކުރު އިންސައްތަ ވަރަށް މަދެވެ. ފަޅޮލުގައި އެކުލެވޭ ވިޓަމިންގެ ސަބަބުން ހަކުރުބަލީގެ ސަބަބުން ހިތަށް ޖެހޭ ބަލިތަކުން ތިމާ ދުރުކޮށްދެއެވެ.

4- ލޮލަށް ފަރުވާއެއް
ފަޅޮލުގައި ވިޓަމިން އޭ ގިނަ އަދަދަކަށް އެކުލެވެއެވެ. މީގެ ސަބަބުން ލޮލުގެ ފެނުމަށާއި ލޮލަށް ފައިދާކުރެއެވެ.

5- ހަޖަމް ކުރުމަށް ވެސް ލުޔެއް
ފަޅޮލަކީ ހަޖަމްކުރުމަށް ވެސް އެހީވެދޭ މޭވާއެކެވެ. ފަޅޮލުގައި ޑައިޖެސްޓިވް އެންޒައިމެއް ކަމަށްވާ ޕަޕައިން އެކުލެވެއެވެ. އަދި ފަޅޮލުގައި ފައިބާ ވެސް އެކުލެވޭތީ، ހަޖަމްކުރުމަށް އެހީތެރިވެދެއެވެ.

6- އިސްތަށިގަނޑު ދިގުކޮށް ވަރުގަދަކޮށްދޭ
އިސްތަށިގަނޑުގެ ސިއްހަތަށް ވެސް ފަޅޮލަކީ ރަނގަޅު މޭވާއެކެވެ. ފަޅޮލުގައި އެކުލެވޭ ބާވަތްތަކުގެ ސަބަބުން އިސްތަށި ފޭބުމުން ވެސް ދުރުކޮށްދެއެވެ. އަދި ފަޅޮލުގައި ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވޭތީ، ޑޭންޑްރަފް އިން ވެސް ސަލާމަތްވެއެވެ. އަދި އިސްތަށިގަނޑު ދިގުކޮށްދީ ވަރުގަދަ ވެސް ކޮށްދެއެވެެ.

7- ކެންސަރު ބަލިން ދުރުކޮށްދޭ
ފަޅޮލުގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް ވެސް އެކުލެވެއެވެ. މީގެ ސަބަބުން ސެލްތައް ރެޑިކަލް ޑެމޭޖްތަކުން ދުރުކޮށްދެއެވެ.

8- ސްޓްރެސް ފިލުވައިދޭ
އޮފީހުގައި ބުރަކޮށް އުޅުމަށްފަހު ގެއަށް އައިސް ކާލަން އެންމެ ރަނގަޅު އެއްޗަކީ ފަޅޮލެވެ. ވިޓަމިން ސީ ފަދަ ވިޓަމިންތަކުގެ ސަބަބުން ތިމާގެ ސްޓްރެސް ފިލުވައިދޭނެއެވެ.