ބޮލީވުޑް

އަމީތާބަށް "ޒަންޖީރު" ލިބުނީ ކިހިނެއް

އަމީތާބު ބައްޗަންގެ ކެރިއަރު އުދުއްސައިގަތީ އަދި އޭނާއަށް ސުޕަސްޓާރެއްގެ ދަރަޖަ ލިބުނީ "ޒަންޖީރު" ކުޅެގެންނެވެ.

"ރުޅިގަދަ-ޒުވާނާ"ގެ ޚިތާބު އެ ފިލްމުން އަމީތާބަށް ލިބުނެވެ. އޭގެ ފަހުން އެތައް އަހަރެން ފާއިތުވީއިރުވެސް މީހުން އަމީތާބު ދަންނަނީ މި ނަމުންނެވެ.

ޕްރަކާޝް މެހެރާ ޑައިރެކްޓްކުރި މި ފިލްމުގައި ޖާޔާ ބައްޗަން، ޕްރާން، އަދި އަޖިތު ބައިވެރިވި އެވެ.

އިންޑިއާ އާއި ދުނިޔޭގެ ހުރިހާ ގައުމެއްގައި މި ފިލްމަށް ބްލޮކްބަސްޓާއެއްގެ ދަރަޖަ ލިބިފައިވެ އެވެ.

"ޒަންޖީރު" ކުޅެން ފުރަތަމަ ލިބުނީ އަމީތާބަކަށް ނޫނެވެ. އޭނާއަށް ވުރެ ކުރިން އޭރުގެ މަޝްހޫރު ކިތަންމެ އެކްޓަރަކުންނަކަށް މި ފިލްމު ކުޅުމުގެ ފުރުސަތު ލިބުނެވެ.

އަމީތާބަށް ލިބުނީ އެ އެންމެން ވެސް ފިލްމު ކުޅެން އެއްބަސް ނުވީމަ އެވެ. އޭގެ ތެރޭގައި ދިލިޕް ކުމާރާއި ދޭވް އާނަންދް ވެސް ހިމެނެ އެވެ.

މި ފިލްމު ދިލިޕް އަށް ހުށަހެޅުމުން އޭނާ ބުނީ ފިލްމުގައި ބަތަލަށް ރަނގަޅަށް ޕާފޯމް ކުރެވޭ ކަހަލަ ރޯލެއް ނެތް ކަމަށެވެ.

އޭގެ އެތައް އަހަރެއް ފަހުން ދިލިޕް އެއްބަސްވީ ގޮތުގައި "ޒަންޖީރު" އަކީ އޭނާ އެ ފިލްމެއް ދޫކޮށްލެވުނީތީ ހިތާމަކުރި ތިން ފިލްމުގެ ތެރެއިން އެއް ފިލްމެވެ. އަނެއް ދެ ފިލްމަކީ "ބެއިޖީ ބާވްރާ" އާއި "ޕިޔާސާ" އެވެ.

ދޭވް އާނަންދް އެ ފިލްމު ގަބޫލުނުކުރީ އޭނާގެ ރޮމެންޓިކް އިމޭޖަށް ފިލްމުގައި ކުޅެން ޖެހޭ ރޯލު ފިޓް ނުވާތީ އެވެ.

ރާޖް ކުމާރު ވެސް ފިލްމު ކުޅެން އެއްބަސްވެފައި ފަހުން ނޫނެކޭ ބުނެފައި ވެއެވެ. އަދި ދަރުމެންދުރަ ވެސް ފިލްމު ކުޅޭނަމޭ ބުނެ ފަހުން ބަހަނާ ދައްކާފައި ނުކުޅުނީ އެވެ.