ދުނިޔެ

ޗައިނާއާ މެދު ގަބޫލުކުރެވުނު ގޮތް މިއޮތީ ބަދަލުކުރަން ޖެހިފައި: ޖަރުމަނު

ޗައިނާގައި މިދާކަށް ދުވަހު އޮތް ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި ކަންތައް ހިނގާ ދިޔަ ގޮތުން އެ ގައުމާ މެދު ކުރިން ގަބޫލުކުރެވުނު ގޮތް މުޅިން ބަދަލުކުރަން ޖެހިވަޑައިގެންފި ކަމަށް ޖަރުމަނުގެ ޗާންސެލަރު އޯޕަފް ޝޯލްޒް ވިދާޅުވެއްޖެ އެވެ.

ޗާންސެލަރުގެ މަގާމާ ހަވާލުވެ ވަޑައިގެން ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރު ކުޑަތަންވެފައި ވަނިކޮށް ޖަރުމަނުގެ ނޫހަކަށް ޗާންސެލަރު ވިދާޅުވީ "ވަން ޗައިނާ" ސިޔާސަތަށް ޖަރުމަނު އިހުތިރާމް ކުރާނެ ކަމަށެވެ.

އޯލަފް ޝޯލްޒް ވިދާޅުވި ގޮތުގައި އެވެނި ބަޔަކު އަދި މިވެނި ބަޔަކު ކުރާ ކޮންމެ ކަމަކަށް ތުންފިއްތަން ހަދައިގެން ދުނިޔެ ކުރިއަކަށް ނުދާނެ އެވެ. އޭނާ އަދި ވިދާޅުވީ އޮތް އެންމެ ރަނގަޅު ގޮތަކީ ގޮންޖެހުތަކަށް ހުޅުވާލުމާ އެކު ބިނާކުރަނިވި ސިޔާސަތަށް ތަންދެއްވުން ކަމަށެވެ.

ޖަރުމަނުގެ ޗާންސެލަރު މިއަދުގެ ވަގުތެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ އެވެ. އޭނާ ޗައިނާގައި ހޭދަކުރައްވާނެ ކަމަށް ބެލެވެނީ 11 ގަޑިއިރެވެ. އެހެން ނަމަވެސް އެޖެންޑާގައި ހުރި އައިޓަމްތަކަށް ބަލާއިރު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވާނެ އެވެ.

އެހެންކަމުން، ޝީއަށް އިތުރު ދައުރެއް ލިބިވަޑައިގަތުމަށް ފަހު އޭނާއާ އެންމެ ފުރަތަމަ ބައްދަލުކުރައްވާ ޔޫރަޕް ގައުމުގެ ލީޑަރަކަށް އޯލަފް ޝޯލްވާ ވާނެ އެވެ.

ޝީ ޖިންޕިންއާ ބައްދަކު ކުރައްވައި ދުނިޔެއަށް ހުރި ކަންބޮޑުވުންތަކާ މަޝްވަރާ ކުރައްވާނެ ކަމަށް ޗާންސެލަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ޒިންޖިއާން ޕްރޮވިންސްގެ ހާލަތާއި ޓައިވާންގެ މަސްލަހަތު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޯލަފް ޝޯލްޒް ވިދާޅުވި ގޮތުގައި ވަން ޗައިނާ ސިޔާސަތަށް ޖަރުމަނުން އިހުތިރާމްކުރި ނަމަވެސް، ޗައިނާ ހިމެނޭ ގޮތުން އެހެން ބައެއްގެ މަސްލަހަތު އޮތް ކަމެއްގައި މަޝްވަރާކުރެވެން ވާނެ ކަމަށް ޖަރުމަނު ދެކެ އެވެ.

ޓައިވާންގެ މަސްލަހަތުގައި ވެސް އޮތީ ހަމަ އެ ސިޔާސަތު ކަމަށް ޗާންސެލަރު ވިދާޅުވި އެވެ. އެކަމަށް ހޯދަން ޖެހޭނީ ދެމެހެއްޓެނިވި އަދި ބިނާކުރަނިވި -- ވަކި ބައެއްގެ ހައްގަށް އުނިކަމެއް ނާންނަ ސިޔާސަތެއް ކަމަށް ވެސް ޝޯލްޒް ވިދާޅުވި އެވެ.

ޗައިނާ ގަބޫލުކުރާ ގޮތުގައި 23 މިލިއަން އާބާދީއެއް އޮންނަ ޓައިވާން އަކީ ޗައިނާގެ ވަކިން އޮންނަ އަވަށެކެވެ. އެހެންކަމުން އުސޫލެއް ގޮތުން އޮންނަން ވާނީ ޗައިނާ މައި ސަރުކާރުގެ ބާރުގެ ދަށުގަ އެވެ.

އާންމު ރައްޔިތުންނަށް ފެންނަ ރައީސަކު ހޮވައި ވަކި ސަރުކާރަކުން ޓައިވާން ހިންގުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް ޗައިނާ ބުނެ އެވެ.