އުރީދޫ

އުރީދޫ "ފަން ރަން"ގައި ބައިވެރިވުމަށް ހުޅުވާލައިފި

އުރީދޫ "ފަން ރަން" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިރަންގައި ބައިވެރިވުމަށް ރެޖިސްޓާ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް މިމަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ.

އުރީދޫ އިން އިންތިޒާމްކޮށްގެން ބާއްވާ މިދުވުން އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ.

ތަފާތު ހަރަކާތްތައް ހިމެނޭ މި އިވެންޓްގައި ދުވަން ހަމަޖެހިފައިވަނީ ފަސް ކިލޯމީޓަރަށެވެ.

މިދުވުމުގައި އުމުރުން ހަ އަހަރުން މަތީގެ އެންމެންނަށް ވެސް ބައިވެރިވެވޭނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ އެވެ.

އުރީދޫއިން ބުނި ގޮތުގައި މި ދުވުމުގެ މަގުސަދަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.

ފަން ރަންގެ ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ.

ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާ އެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނެ އެވެ.

މި ދުވުމަކީ މީގެ ކުރިން އަހަރަކު އެއް ފަހަރު ބާއްވަމުން އައި 'ކަލަ ރަން' ރީބްރޭންޑުކޮށް، 'ފަން ރަން'އަށް ބަދަލުކޮށްގެން ބާއްވާ ފުރަތަމަ ދުވުމެވެ.