މޯލްޑިވްސް ޕޮލިސް ސާވިސް

އަބްދުﷲގެ ހަށިގަނޑު ރާއްޖެ ގެނެސް ޖަނާޒާ ބާއްވަނީ

މަސްތުވާތެކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު މިއަދު މާލެ ގެނެސް ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އަބްދުﷲ ގެ އާއިލާއިން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އާއިލާއިން ބުނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު މިއަދު މެންދުރުފަހު 1:30 ހާއިރު އަބްދުﷲގެ ހަށިގަނޑު މާލެ ގެންނާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

އަބްދުﷲގެ ޖަނާޒާ ބޭއްވުމަށް އާއިލާއިން ތައްޔާރުވަމުން އަންނައިރު، ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މަޣުރިބް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި ކަމަށްވެސް އާއިލާ އިން ބުނެ އެވެ.

ފުލުހުން ގދ. ހޯޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދު (43އ) ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

އޭނާ މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފަރުވާއަށް އެދުމުން ފަރުވާ ނުދީގެން ކަމަށް މަންޒަރު ދުށް ބައެއް މީހުންވެސް ބުނެފައިވެ އެވެ.

އަބްދުﷲގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވީ މިދިޔަ މަހުގެ 31 ގައެވެ.