ރިޔާސީ އިންތިހާބު 2023

"ކަނޑައެޅި ބަޖެޓުން ބޭއްވޭނީ ރިޔާސީ އިންތިހާބުގެ އެއްބުރު"

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ރިޔާސީ އިންތިހާބަށް ކަނޑައަޅާފައިވާ 90 މިލިއަން ރުފިޔާ އިން ބޭއްވޭނީ އިންތިހާބުގެ އެންމެ ބުރެއް ކަމަށް އިލެންޝަންސް ކޮމިޝަނުން ބުނެފި އެވެ.

އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބަށް 120 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި ކަމަށެވެ.

"120 މިލިއަން ރުފިޔާގެ ބަޖެޓަކަށް އެދުނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްްވަން ޖެހިއްޖެނަމަ ދެ ބުރަށް ޖުމްލަ ހޭދަވާނެ ވަރު ލަފާކޮށްފައި،" ހަބީބް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ 90 މިލިއަން ރުފިޔާ އަކީ ކުޑަ އަދަދެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އެންމެ ކުޑަކޮށްވެސް ބޭއްވޭނެ އަދަދު ކަމަށެވެ. އެ އަދަދު ކަނޑައަޅަނީ ކުރިން ބާއްވާފައިވާ އިންތިހާބުތަކަށް ބަލައިގެން ކަމުގައިވެސް ވިދާޅުވި އެވެ.

"ދެވަނަ ބުރަކަަށް ގޮސްފިނަމަ އިތުރަށް ހަރަދުވާނީ އިތުރަށް ވޯޓު ކަރުދާސް ޕްރިންޓް ކުރުމާ، އޮފިޝަލުންގެ އެލެވެންސް ތަކާއި، ދަތުރުފަތުރަށް، ޕްރޮކިއުމަންޓްސްއަށް މާބޮޑު އިތުރު ހަރަދެއް ނުދާނެ. އެހެންވީމަ ފުރަތަމަ ބުރު ނިމި ބާކީވާ އެއްޗަކާ އިތުރަށް ބޭނުންވާ އަދަދެއް ހަމެޖެހިގެން ދެވަނަ ބުރު ބޭއްވޭނީ،" ހަބީބް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި އެއްވެސް އިންތިހާބަކަށް އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ބަޖެޓު ދީފައި ނުވާ ކަމަށެވެ. އެހެންކަމުން މީގެކުރިން ވެސް ސަރުކާރުތަކުން އަމަލުކުރި ގޮތަށް މިފަހަރުވެސް ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފިނަމަ ސަރުކާރުން ބަޖެޓު ދޭނެ ކަމަށް ޔަގީންކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު އަންނަ އަހަރު ބާއްވާނެ ވަކި ތާރީހެއް އިލެކްޝަންސް ކޮމިޝަނުން އަދި ކަނޑައަޅާފައެއް ނުވެ އެވެ.