ބޮލީވުޑް

ބިގް ބޮސް 16: ސަލްމާނުގެ ރުޅި މިފަހަރު އަމާޒުވީ ސާޖިދަށް

"ބިގް ބޮސް 16"ގެ ހަފުތާ ބަންދު އެޕިސޯޑުގައި ޝޯގެ ހޯސްޓް ސަލްމާން ޚާންގެ ރުޅި މިފަހަރު އަމާޒުވީ ބިގް ބޮސްގެ ގޭގައި މިހާރު ހުރި ޕްރޮޑިއުސަރު-ޑައިރެކްޓަރު ސާޖިދު ޚާނަށެވެ.

މި ޝޯގެ ފޭނުން ކުރިން އަބަދުވެސް ބުނަމުން ދިޔައީ ސަލްމާން ހުންނަނީ ސާޖިދު ކޮޅަށް ޖެހިފައި ކަމަށެވެ. ނަމަވެސް މިހާރު ކަލާޒް ޗެނަލުން ދައްކާ މި ޝޯގެ ޕްރޮމޯގައި ދައްކާ ގޮތުގައި މި ހަފުތާގައި ސަލްމާން ހުރީ ސާޖިދު ދެކެ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

ސާޖިދަކީ "ދެފުށް ދެގޮތް މުނާފިގެއް" ކަމަށް ވެސް ސަލްމާން ބުނެފައި ވެއެވެ. އަދި ބިގް ބޮސްގެ ގޭގައި ސާޖިދުގެ އަމަލުތައް ބަހައްޓާ ގޮތުން އޭނާ އެގެއިން ނެރެލަން މަޖުބޫރުވާ ހިސާބަށް ކަންތައް ހިނގައްޖެ ކަމަށް ވެސް މި ޕްރޮމޯގައި ސަލްމާން ބުނެފައި ވެއެވެ.

ސާޖިދަށް ސަލްމާން އެއްޗެތި ކިޔާތަން ފެނިފައި މި ޝޯގެ ފޭނުން އުފަލުން ގޮސް ސޯޝަލް މީޑިއާ ފަޅާލާ ވަރަށް ކޮމެންޓުތައް ކޮށްފައި ވެއެވެ.

ބިގް ބޮސްގެ މިފަހަރުގެ ސީޒަން ފެށީއްސުރެ ސާޖިދު ޝޯއިން ބޭރުކުރުމަށް ފޭނުން ޑިމާންޑްކުރަމުން ދެއެވެ. ސަބަބަކީ ސާޖިދު އަކީ އަންހެން ކުދިންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަތަކެއްގައި މީގެ ހަތަރު ވަރަކަށް އަހަރު ކުރިއްސުރެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުން މަނާ ކޮށްފައި ހުރި މީހަކަށް ވާތީ އެވެ. އަދި ސާޖިދު އެކި ގޮތްގޮތުން ބެހިފައިވާ ވަރަށް ގިނަ ޒުވާން އަންހެނުން ވަނީ އޭނާ އެމީހުންނާ ދޭތެރޭ ކަންތައްތައް ކުރި ގޮތާއި ކިޔާފައި ހުރި އެއްޗެތި ފާޅުގައި ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ. މިއީ ވެސް މި ޝޯގެ ފޭނުން އިތުރަށް ސާޖިދު ދެކެ ރުޅިއަންނަން މެދުވެރިވީ ކަމެކެވެ.

ސާޖިދު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރުން މަނާ ކުރީ ފިލްމު އާޓިސްޓް އެސޯސިއޭޝަނުން ނަމަވެސް މިހާރު މި މަނާކުރުން އުވާލައި ސާޖިދު އަށް އަލުން ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައި ވެއެވެ. އެކަމަކު އެސޯސިއޭޝަނުން މިގޮތަށް ނިންމިޔަސް ސާޖިދު ކުރި ކުށްތަކަށް މައާފު ދޭން އެކަކުވެސް ތައްޔާރެއް ނޫނެވެ.

ކުރިން އެންމެންސް ގަބޫލުކޮށްގެން ތިބީ ސާޖިދު ޝޯއިން ބޭރު ނުވެ ހުރީ ސަލްމާނާއި ސާޖިދުގެ ދައްތަ ފަރާ ޚާންގެ އެކުވެރިކަމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިފަހަރު ސަލްމާންގެ ރުޅި ސާޖިދަށް އަމާޒުވުމުން ދެން މާގިނަ ދުވަހެއް ނުވެ އޭނާ ޝޯ އިން ބޭރުކޮށްލަފާނެ ކަމުގެ އުއްމީދު ފޭނުންނަށް ވަނީ އާވެފަ އެވެ.

"ސާޖިދު ތި ގޭ ތެރޭގައި (ބިގް ބޮސް ގެ ގޭގައި) ތި ކުރަނީ ކީއްތަ؟" ސާޖިދު އާ ސަލްމާން ސުވާލު ކުރެ އެވެ. ޖަވާބުގައި ސާޖިދު ބުނަނީ ވަގުތު ޖެހުނީމަ އޭނާ ކުރާ ކަންތައް ހާމަކުރާނެ ކަމަށެވެ.

ޖަވާބުގައި ސަލްމާން ބުނަނީ ސާޖިދު ހީކުރާ ކަހަލަ ވަގުތު މި ޝޯގައި ނުލިބޭނެ ކަމަށެވެ. އަދި އޭނާގެ އަމަލުތައް ހުރި ގޮތުން ޝޯ އިން ބޭރުކުރަން މަޖްބޫރުވަމުންދާ ކަމަށެވެ. އަދި އޭނާ އުޅެނީ ދެފުށްދެގޮތް މީހުން އުޅޭ ގޮތަށް ކަމަށާއި އެއްފަހަރު އެއްކޮޅަކަށް ހުރެފައި ކުއްލިއަކަށް ކޮޅު ބަދަލުކޮށްލާ ކަމަށް ވެސް ސާޖިދާ މުޚާތަބުކޮށް ސަލްމާން ބުނެފައި ވެއެވެ.