ބޮލީވުޑް

އެމެރިކާއަށް ގޮސް ބަދަލުވީ ކައްކާއަކަށް: މިނާކްޝީ

މީނާކްޝީ ސެޝާދްރީ އަކީ 1980 އާއި 1990ގެ ކުރީކޮޅުގެ އަހަރުތަކުގައި ހިންދީ ފިލްމު އިންޑަސްޓްރީގައި އެންމެ ގަދަޔަށް ފިޔަޖެހި އެއް ބަތަލާ އެވެ. ނަމަވެސް ކައިވެނިކުރި ފަހުން ހިންދީ ފިލްމުތަކުން މިނާކްޝީ ވަނީ މުޅިން ގެއްލިފަ އެވެ.

އޭނާގެ ޚަބަރެއް ދަބަރެއް ނުވާތާ އެތައް އަހަރެއް ފަހުން ސޮނީ ޓީވީން މިހާރު ދައްކާ "އިންޑިއަން އައިޑަލް"ގެ އާ ސީޒަނުގައި މެހެމާނެއްގެ ގޮތުގައި މިނާކްޝީ ބައިވެރިވުމުން އަނެއްކާވެސް މީނާކްޝީ ވަނީ އޭނާގެ ފޭނުންނަށް ފެނިފަ އެވެ.

މީނާކްޝީ މި ޝޯގައި ބައިވެރިވާން އައީ އޭނާގެ އަތުން ކައްކާފައި ހުރި ސައުތު އިންޑިއާ ކެއުން ޝޯގެ ޖަޖުންގެ ތެރޭގައި ހިމެނޭ ނެހާ ކައްކަރް އާއި ހިމޭޝް ރޭޝަމްޔާ އަދި ވިޝާލް ދަދްލާނީ އަށް ކާން ދޭން ވެގެން އެ ހިފައިގެންނެވެ.

މީނާކްޝީ ވަނީ ކައިވެންޏަށްފަހު އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށް ކެއްކުމުގެ ހުނަރު ކުރިއަރާފައިވާ މިންވަރާ ގުޅޭ ވާހަކަތައް ވެސް މި ޝޯގައި ކިޔައިދީފަ އެވެ.

އިންވެސްޓްމަންޓް ބޭންކަރަކާ 1995ގައި ކައިވެނިކުރުމަށްފަހު މިނާކްޝީ ދިރިއުޅެމުންދަނީ އެމެރިކާގަ އެވެ.

"އަހަރެން އެމެރިކާއަށް ގޮސް އަންބަކަށް ވި. މަންމައަކަށްވި. އަދި ކައްކާ އަކަށް ވެސް ވަނީ ވެފަ. މިހާރު އަހަރެންނަށް ބުނަން ކެރިދާނެ ސައުތު އިންޑިއާގެ ވެޖިޓޭރިއަން ކެއުންތައް އަހަންނަށް މީރުކޮށް ކައްކަން އެނގެޔޭ،" ހޮނިހިރު ދުވަހުގެ ރޭ ދެއްކި އެޕިސޯޑުގައި މިނާކްޝީ ބުނެފައި ވެއެވެ.

މިނާކްޝީގެ މީރު ކެއްކުމާ އެއްވަރަށް އިންޑިއަން އައިޑަލްގެ ބައިވެރިޔެއް ކަމަށްވާ ދޭބޯސުމީތާގެ ލަވަ ވެސް ރީއްޗެވެ. ދޭބޯސްމީތާ މި އެޕިސޯޑުގައި ކިޔާފައިވަނީ މިނާކްޝީ އެކްޓްކޮށްފައިވާ ލަވަތަކުގެ ތެރެއިން ގިނަ ބަޔަކަށް މިހާރު ވެސް އެންމެ މަގުބޫލު އެއް ލަވަ ކަމަށްވާ "ޖަބް ކޮއި ބާތު ބިގަޅް ޖާޔޭ" އެވެ.

މިއީ ދެމަފިރިން ނުވަތަ ދެ ލޯބިވެރިންނަށް ޚާއްސަ ވަރަށް ރޮމެންޓިކް ލަވަ އެކެވެ. މިއީ ފިލްމް "ޖުރުމް" އަށް ކުމާރު ސާނޫ އާއި ސާދްނާ ސަރްގަމް ކިޔާދީފައިވާ ލަވަ އެކެވެ. މި ލަވައިގައި މިނާކްޝީ އާއެކު ހަރަކާތްތެރިވެފައިވަނީ ވިނޯދް ކަންނާ އެވެ.

އިންޑިއަން އައިޑަލްގެ ހޯސްޓް އަދިތުޔާ ނާރަޔަން މި ލަވައާ ގުޅުވައި ވަރަށް މުހިއްމު ސުވާލެއް މިނާކްޝީއާ ކުރި އެވެ. ފިރިމީހާއަށް މި ރޮމެންޓިކް ލަވަ އަޑު އިވުނީމަ ކަންތައް ވީގޮތަކީ ކޮބައިތޯ އެވެ؟

މި ސުވާލުގެ ޖަވާބު މިނާކްޝީ ދިން ގޮތުން އެންމެންނަށް ވެސް ލިބުނީ ހައިރާން ކަމެވެ. މީނާކްޝީ ބުނީ ފިރިމީހާއާ އެކު މި ލަވަ އަދި އަޑުނާހާ ކަމަށެވެ.