ބޮލީވުޑް

"އިންޑިއަން އައިޑަލް"އިން އަޔުޝްމާންއާ ނެހާ ކެޓީ އެއް ދުވަހަކު

ހިންދީ ފިލްމު އިންޑަސްޓްރީގެ އެއްވެސް މީހަކާ ގުޅުމެއް ނެތަސް އަޔޫޝްމާން ކުރާނާ ވަނީ އޭނާގެ ހުނަރާއި މަސައްކަތުން އެ އިންޑަސްޓްރީން ރަނގަޅު މަގާމެއް ހޯދާފަ އެވެ.

އޭނާގެ ފިލްމީ ދަތުރުގައި އަޑިގަނޑުތަކާއި އުސްގަނޑުތައް ވެއެވެ. އަދި މި ދަތުރުގެ ވާހަކައިން ހިތްވަރު ހޯދައިގެން ވަރަށް ގިނަ ބަޔަކަށް ކުރިއަރަން މަސައްކަތް ކުރެވިދާނެ އެވެ.

ގިނަ ބަޔަކަށް އަޔުޝްމާން ފާހަގަކުރެވެން ފެށީ ރިއަލިޓީ ޓީވީ ޝޯއެއް ކަމަށްވާ "އެމްޓީވީ ރޯޑީޒް"ގައި ބައިވެރިވުމުންނެވެ. އޭގެ ފަހުން އާރްޖޭ އެއްގެ ގޮތުގައާއި ވީޖޭއެއްގެ ގޮތުގައި ވެސް މަސައްކަތްކުރި އެވެ. އަދި ފަހުން ފިލްމު ކުޅެން ފަށައި މިހާރު އޭނާއަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އެކްޓަރެވެ.

މޮޅަށް ލަވަކިޔާ އަޔުޝްމާން އިންޑިއަން އައިޑަލްގެ ދެވަނަ ސީޒަންގައި ބައިވެރިވާން އޮޑިޝަން ދީފައި ވެއެވެ.

"ޕާނީ ދާ ރަންގް" އާއި "މިއްޓީ ކި ޚުޝްބޫ" ފަދަ ރީތި ލަވަތައް ކިޔައިދީފައިވާ އަޔުޝްމާން "އިންޑިއަން އައިޑަލް 2"ގައި ބައިވެރިވާން އޮޑިޝަން ދިނީ މިހާރު އެ ޝޯގައި ޖަޖުކަން ކުރަމުންދާ ލަވަކިޔުންތެރިޔާ ނެހާ ކައްކަރްއާ ދާދި އެކު އެކީގަ އެވެ. އަދި ނެހާ އާއި އަޔުޝްމާން އެ ޝޯ އިން ކެޓީ ވެސް ހަމަ އެއް ދުވަހަކު އެވެ.

"އިންޑިއަން އައިޑަލް"ގައި މިހާރު ދައްކަމުންދާ ސީޒަންގެ އެޕިސޯޑެއްގައި ބައިވެރިވެ އަޔުޝްމާން ވަނީ އެ ޝޯއިން ކެޓި ދުވަހުގެ ހަނދާން އާކޮށްފަ އެވެ.

އޭނާ ބުނި ގޮތުގައި ނެހާ އާއި އޭނާ ކެޓީ ހަމަ އެއް ދުވަހަކު އެވެ. އަދި އެ ދެ މީހުންނާއި އެ ޝޯގައި ބައިވެރިވާން މުމްބައިއަށް އައިސްތިބި އިތުރު 50 ވަރަކަށް ލަވަކިޔުންތެރިން އެމީހުންގެ ރަށްރަށަށް ދާން ދަތުރުކުރީ ވެސް އެއް ރޭލެއްގަ އެވެ. އަދި އޭގެ އެތައް އަހަރެއް ފަހުން އޭނާ އާއި ނޭހާއަށް ކާމިޔާބީ ހާސިލުކުރެވި މިހާރު އާދެވިފައިވާ މަގާމު އަޔުޝްމާން ހަނދާން ކުރި އެވެ.