ޔޫއެން

ކޮޕް27 ގައި ހިރާ ސްކޫލްގެ ދެ ދަރިވަރަކު ބައިވެރިވަނީ

މިސްރުގެ ޝަރުމުއްޝައިހުގައި ކުރިއަށް ގެންދާ ކޮޕް27 ގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫ ހިތަދޫ ހިރާ ސްކޫލުގެ ދެ ދަރުވަރަކަށް ލިބި ސަމިޓުގައި ބައިވެރިވުމަށް މިއަދު ފުރައިފި އެވެ.

މި ފުރުސަތު ހިރާ ސްކޫލަށް ލިބިފައި މިވަނީ މިއަހަރު ޖެނުއަރީ މަހު ޔޫއޭއީގެ ސަރުކާރުން ދިން "ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް" ލިބުމާ ގުޅިގެންނެވެ.

ކޮޕް27ގައި ބައިވެރިވުމަށް ފުރުސަތު ލިބުނީ ހިރާ ސްކޫލުގެ ގްރޭޑު 10 ގައި ކިޔަވަމުންދާ އައިޝާ ސާރާ އަހްމަދު އަދި އިޒާން މަޝްހޫދަށެވެ. ސަމިޓުގައި ބައިވެރިވާ ދެ ބައިވެރިން ކަނޑައަޅާފައިވަނީ ޒައިދް ސަސްޓެއިނަބިލިޓީންނެވެ. އަދި ހިރާ ސްކޫލުގެ ދެ ދަރިވަރުން ތަމްސީލު ކުރާނީވެސް ޒައިދް ސަސްޓެއިނަބިލިޓީ އެެވެ.

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑަކީ ޔޫއޭއީގެ ފުރަތަމަ ރައީސް ޝައިހް ޒައިދު ބިން ސުލްތާން އަލް ނަހްޔާންގެ ނަމުގައި ޔޫއޭއީގެ ސަރުކާރުން ދޭ އެވޯޑެކެވެ.

މި އެވޯޑަކީ ފަސް ދާއިރާ އަކުން ދޭ އެވޯޑެކެވެ. އެއީ ކާބޯތަކެތީގެ ދާއިރާ، ސިއްހީ ދާއިރާ، ފެނުގެ ދާއިރާ، ހަކަތައިގެ ދާއިރާ އަދި ބައިނަލްއަގުވާމީ ހައި ސްކޫލުތަކަށެވެ. މި އެވޯޑަކީ މި ދާއިރާތަކުން ދުނިޔެއަށް ފައިދާކުރަނިވި އާ އީޖާދުތައް ކުރާ މީހުންގެ އަގު ވަޒަންކުރުމުގެ ގޮތުންދޭ އެވޯޑެކެވެ.

ހިރާ ސްކޫލުން ވަނީ ކޮޕް27 ގައި އެ ސްކޫލުން ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ ވަރަށް ބޮޑު ޝަރަފެއް އަދި ކާމިޔާބީ އެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

ކޮޕް27 ގައި ރާއްޖެ ތަމްސީލު ކުރާނީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ.

ކޮޕް ސަމިޓަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި، އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި، އަދި އެކަށީގެންވާ ގޮތެއްގައި މާލީ ކަންކަން ފަހިކުރުން ފަދަ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަޅާ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާގޫޅޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ.

މި ސަމިޓްގައި ދުނިޔޭގެ އެތައް ގައުމުތަކެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، އެތައް ހާސް ނެގޯޝިއޭޓަރުންނާއި، ސަރުކާރުތަކުގެ މަންދޫބުންނާއި، ވިޔަފާރިވެރިންނާއި، އާންމު ފަރާތްތަކުން ބައިވެރިވެ އެވެ.