މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ތަމްރީނު ކޯހުގެ އެއްވަނަ ރިޝްވާނަށް

ފުލުހުންގެ 35 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

އައްޑޫގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ. މިރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފުލުހުންގެ 35 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ރިޝްވާން އިބްރާހީމް އެވެ. ކޮމިޝަނާ އޮފް ޕޮލިސް އެކްސެލެންސް އެވޯޑު މި ދަރިވަރަށް ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

ކޯހުން ދެވަނަ ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް މުސައިދު މުހައްމަދު ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް އަލީ ސިމާހް އެވެ.

ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް އަހްމަދު ޝިފާއު އެވެ. ދެވަނަ ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް އަލީ ސިމާހް ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް މުސައިދު މުޙައްމަދު އެވެ.

އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް ރިޝްވާން އިބްރާހީމް ހޮވިފައިވާއިރު ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް ޖުމާން މުހައްމަދު އެވެ. ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް މުހައްމަދު އަޒްލީން އަލީ އެވެ.

ފުލުހުން ބުނި މި ކޯހަކީ ގާނޫނުއަސާސީން ދިވެހި ފުލުހުންގެ ހިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދިޔަ ކޯހެއް ކަމަށެވެ. އެގޮތުން ގާނޫނުތަކާއި، އިންސާނީ ހައްގުތަކާއި އާއި ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަހުލާގު އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތައް ތަމްރީނުތަކުގައި ކިޔައިދީފައިވެ އެވެ.

މި އަހަރުގެ މާޗް 12 އިން ޖުލައި 31 އަށް ކުރިއަށް ގެންދިޔަ މި ކޯހުގައި 48 އަންހެން ބައިވެރިންނާއި 172 ފިރިހެން ބައިވެރިން ބައިވެރިވި އެވެ. ކޯސް ނިންމީ 192 ބައިވެރިންނެވެ.