ގައުމުގައި ސުލްހަ ގާއިމުކުރުމަކީ ޔުނީފޯމު އަޅައިގެން ތިބޭ ވަކި ބަޔަކު ކުރަންޖެހޭ ކަމެއް ކަމަށް ނުދެކި އެންމެން ގުޅިގެން ސުލްހައަށް މަސައްކަތް ކޮށްދިނުމަށް ނައިބް ރައީސް ފައިސަލް ނަސީމު އެދިވަޑައިގެންފި އެވެ.
ނައިބް ރައީސް މިކަމަށް އެދިވަޑައިގަތީ 35 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިން ކޯހުގެ ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އައްޑޫ ސިޓީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ގައުމުގައި ސުލްހަމަސަލަސްކަން ގާއިމުކުރުމަކީ ޔުނީފޯމުގައި ތިބޭ ބަޔަކު އެކަނި ކުރަންޖެހޭ މަސައްކަތެއް ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.
"ގައުމަށް ތަރައްގީއާއި އަމާންކަމާއި ތަހުޒީބު ބޭނުންވާނަމަ ކޮންމެ މީހެއްގެވެސް ވާޖިބެއް އޮންނަކަން ގަބޫލުކޮށް ޤައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް އެންމެންވެސް މަސައްކަތް ކުރަންޖެހޭ،" ފައިސަލް ވިދާޅުވި އެވެ.
ނައިބް ރައީސް ވިދާޅުވީ ގައުމެއްގައި ދިރިއުޅޭ ރައްޔިތަކަށް އެންމެ ބޭނުން ވާނީ އަމާންކަމާއި ހުރިހާ ރައްޔިތުން ހިމާޔަތްކުރެވިފައިވާ ވެއްޓެއް ގާއިމުވެފައި އޮންނަން ކަމަށެވެ. އެކަން ކުރުމުގައި ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރާ ބަޔަކީ ފުލުހުން ކަމަށާއި އެހެން ފުލުހުންގެ ހިދުމަތުގެ މުހިއްމު ކަން އެންމެންނަށް ވެސް އެނގޭނެ ކަމުގައި ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަދި ރައްޔިތުންގެ އިތުބާރު ހޯދައި ފުލުހުންގެ ގާބިލްކަން އިތުރުކުރުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ފުލުހުންނަށް ޒަމާނީ ވަސީލަތްތައް ހޯދައިދީ ޒަމާނާ އެެއްގޮތަށް ފުލުހުންގެ ހިދުމަތް ތަރައްގީކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރައްވަނީ ޝުކުރު ހައްގު މަސައްކަތްތަކެއް ކަމުގައި ވިދާޅުވި އެވެ.
ނައިބް ރައީސް ވިދާޅުވީ މިއަދު ޒުވާނުން އެންމެ ބޮޑު އިސްކަމެއް ދޭންވީ ގައުމަށް ހިދުމަތްކުރަން ކަމަށެވެ. ގައުމީ ހިދުމަތަކީ ފަހުރެއް ކަމަށް ހަދަންޖެހޭ ކަމަށެވެ. އަދި އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން މަސައްކަތްތައް ބައްޓަންކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ.