(3 ނޮވެމްބަރ 2022 އާ ގުޅޭ )
އިންސާނުންނަށް ވުރެ ޖިންނިން ބާރު ގަދަވިޔަސް ޖިންނިންގެ ކިބައިން ކުރި ހޯދާނެ ޢިލްމު ﷲ ވަނީ ދެއްވާފައިކަން ނަވީން ބުނެއެވެ. އެންމެ ބާރުގަދަ ހަތިޔާރު ކަމުގައި ޤުރުއާންވާކަން އޭނާ ހަނދާންކޮށްދެއެވެ. ވީއިރު މައިރާގެ ހަށިގަނޑު ދޫކޮށްނުލަންޏާ އޭނާ އެ ޖިންނިއަށް އަދަބުދޭނަންކަމުގައި ބުންޏެވެ. އަދި މިހާރު އިހްސާސް ކުރެވޭ ވޭނަށްވުރެ އެތައް ގުނައެއް ބޮޑު ވޭނަކަށް ވާނޭކަން ބުންޏެވެ. މައިރާ ވަގުތުން ހިމޭންވީއެވެ. ދެން އޭނާ ބަހެއް ނުކިޔާ އޮންނަން ފެށުމުން ނަވީން ކިޔަވަންފެށީއެވެ. ގިނައިރެއްނުވެ މައިރާ ރޯންފެށިއެވެ. ނަވީން ކިޔެވުން ހުއްޓައެއް ނުލިއެވެ. ރޮއެރޮއެފައި އިރުކޮޅަކުން މައިރާ ހޭން ފަށައިފިއެވެ. އޭގެ އިރުކޮޅެއް ފަހުން ރުޅި އައިސްގެން އެއްޗެހި ގޮވައިގަތެވެ. މައިރާގެ ފުރާނަ ހުއްޓާ އެ ހަށިގަނޑުން ނުނިކުންނާނަމޭ ބުނެ އެކިއެކި އިންޒާރު ނަވީނާއި މައިރާގެ ޢާއިލާއަށް ދެއެވެ. މިގޮތަށް ރޭގެ ބާކީބައި ނިމިގެންދިޔައީއެވެ.
ފެންނަ މަންޒަރުން އާމާލްގެ މައިލަގޮނޑިއަށް ކެތްކުރާން ދަތިވެ ދެ ލޯ ތެމިގެން ދެއެވެ. މިހާރު އޭނާއަށް ކުރެވޭހާ ވެސް ކަމަކީ ﷲ އަށް ދުޢާ ކުރުމެވެ. ދަރިފުޅު ސަލާމަތްކޮށްދެއްވުމަށް އެދިއެވެ. މި ދިމާވި ކަންތައް ވަރުގަދަ އިމްތިހާނަކަށް އާމާލްއަށް ފުދުނެވެ. ދުނިޔޭގައި އުޅެމުން އަންނަ ގޮތާމެދު ފިކުރު ހިންގާނޭ ފުރުޞަތު ލިބިއްޖެއެވެ. ކުރީން މާބޮޑު ސަމާލުކަމެއް ދެވިފައިނެތް ކަންކަމާ މެދު ވެސް އޭނާއަށް ވިސްނެން ފެށިއްޖެއެވެ. އެކި މީހުންނާ ހަމައަށް ތެދުމަގު އަންނަނީ އެކިފަހަރު އެކި ގޮތަށް އެކި ހާލަތުގެ ސިފައިގައެވެ. އެވެސް ﷲ ގެ ރަޙުމަތެވެ. ސީދާވެގެންވާ މަގަށް އެނބުރި އައުމަށް ގޮވާލެވޭ ގޮވާލުމެކެވެ. ޣާފިލްކަމުން ނުކުންނަންވެއްޖެ ކަމުގެ ހަނދާންކޮށްދިނުމެކެވެ.
* * * * *
ރުޤްޔާގެ ހަތްވަނަ ރޭ ޢާއިލާއަށް ކުރި ލިބިއްޖެއެވެ. އެކަމަކު އެރޭ މައިރާގެ ހާލު ވެސް ވަރަށް ބޮޑުވިއެވެ. ނަމަވެސް މައިރާގެ ހަށިގަނޑު ޝައިތާނާ ދޫކޮށްލީއެވެ. އޭނާއާ ވާގިދޭނޭ އިތުރު ޝައިތާނަކު ނެތެވެ. މައިރާއަށް ކެވުނު ސިހުރުނޫނީ އިތުރު ސިހުރެއްގެ އަސަރެއް ނުފެނުނެވެ. އެވެސް އޭނާއަށް ކެވިގެން އުޅެނީ އެހެން މީހަކަށް ހެދި ސިހުރެކެވެ. ނަވީން ބެލުމުން އިތުރަށް ސިހުރު ހުރިކަމަށް ނުދެއްކީ އެހެންވެއެވެ. ޝައިތާނާގެ އެންމެ ފަހު ބަހަކަށްވީ ސިހުރާ ގުޅޭ ހަޤީޤަތް އޭނާ ދިއުމާއެކު ވަރަށް އަވަހަށް އެނގޭނެކަމެވެ.
ޖެހިގެން އައި ރޭ ވެސް ނަވީން ޔަގީން ކުރުމަށް ކިޔެވިއެވެ. މައިރާގެ މޫނު އަލިވެލައި ދިރުން އަތުވެއްޖެއެވެ. އެހެންވިޔަސް ހަށިގަނޑުގެ ވަރުދެރަވެ ނިކަމެތިވެފައި ވެއެވެ. ދެން އޮތީ ސިއްޙަތައް ފައިދާކުރާނޭ ކަންކަމުން ހަށިގަނޑުގައި ވަރުޖެއްސުމެވެ. ދުޅަހެޔޮކަމަށް އެނބުރި އަންނަން މަސައްކަތް ކުރުމެވެ. ޖެހުނު މުސީބާތުން ﷲ އެ އަންހެންކުއްޖާ ސަލާމަތްކޮށް ޝިފާދެއްވައިފިކަން ޔަގީނެވެ. ހުރިހާކަމެއް ނިމި ވަކިވުމުގެ ކުރީން ނަވީން ވަރަށް ގިނަ ނަޞޭޙަތް މައިރާއަށް ދިނެވެ. އަމިއްލަ ރައްކާތެރިކަން ހޯދުމަށް ކަންތައް ކުރާނީ ކިހިނެއްކަން ކިޔާދިނެވެ. ނަމާދާއި ޤުރުއާނުން ވާގި ހޯދުމަށް ބުންޏެވެ. ޒިކްރުތައް ދޫކޮށްނުލާން އެދުނެވެ. އެސްފީނާއާއި ހަސަދައަކީ އެންމެ އާންމުކޮށް ޖެހޭ ދެކަންތަކެވެ. އެކަންކަމުން ރައްކާތެރިކަން ހޯދާނޭ ގޮތް ވެސް ނަވީން އެ ޢާއިލާއަށް ކިޔާދިނެވެ.
އާ ދުވަހެއްގެ ފެށުން އައިއިރު ޢާއިލާއަށް ކުރިމަތިވީ މުސީބާތައް ނިމުން އައިސް ގޭތެރެ އަމާންވެއްޖެއެވެ. މަޒްހަރާއި ރަޒާ ފަތިސް ނަމާދަށްފަހު މިސްކިތުން ގެއަށް އައެވެ. ބަދިގޭގައި ހުރި އާމާލް އެމީހުން ގާތު ކޮފީއެއް ބޭނުންތޯ އަހާލިއެވެ. މަޒްހަރު އަނބިމީހާގެ ގާތުގައި ބަދިގޭގައި މަޑުކޮށްލިއެވެ. ރަޒާ ގަސްދުކުރީ ކޮޓަރިއަށް ދާށެވެ.
"ތިއައީ ދޯ." އެނދުމަތީ ޤުރުއާން ކިޔަވަން އިން މައިރާ ބުނެލިއެވެ.
ރަޒާ ލޯތްބާއެކު މައިރާގެ ފައިތިލާގައި ފިރުމާލާފައި ލައިގެން ހުރި ގަމީސް ބޭލިއެވެ. އޭނާ އައިސް އެނދަށް އެރީ ނިދާލަން ބޭނުންވެފައި ހުރިވަރުންނެވެ. ވޭތުވެދިޔަ ދެ ހަފްތާ އޭނާ އުޅުނީ އެއްވެސް އަރާމެއްނެތިއެވެ. ސިކުނޑިވީ ހާސްކަމެއްގެ ތެރޭގައެވެ. ކުރިމަތިލާން ޖެހުނީ ދުވަހަކުވެސް ކުރިމަތިލާފައިނުވާ ބިރުވެރިކަމަކާއެވެ. އޮށޯތުމުގެ ކުރީން ހެޑްބޯޑުގައި ލެނގިލައިގެން އިނދެ އެއްފަރާތު ކަބަޑުމަތީ ޗާޖަށް ޖަހާފައި އޮތް ފޯނު ނެގިއެވެ. ފުނިޖެހިފައިވި މިސްކޯލުތައް ރަޒާއަށް ފެނުނީ ދެނެވެ. ރުޤްޔާ ކުރިޔަށްދާން ފެށިފަހުން ރޭގަނޑު ރަޒާގެ ފޯނު ބާއްވަނީ ސައިލެންޓްކޮށްފައެވެ. ރޭ ދަންވަރު އެހާ ގިނަ ކޯލު އޭނާގެ ފޯނަށް އައިއިރު ވެސް ހިލަމެއްނުވީ އެހެންވެއެވެ. އާންމުކޮށް މިހާރު ފޯނު ބަލާލަނީ ވެސް ފަތިސް ނަމާދުން އައިސް ވިއްޔާއެވެ. ފޯނުގެ ރިންގު ޖައްސާނީ ވެސް އެގަޑީގައެވެ.
"މަންމަ ހާދަ ވަރަކަށް ގުޅާފައޭ." ފޯނަށް ބަލަން އިނދެ ރަޒާ ބުނެލީ އަޖައިބުވެގެންނެވެ.
"ގުޅާބަލަ. ކަމެއްވީކަންނޭނގެ." މައިރާ ވަގުތުން ބުނެލިއެވެ.
"ކަލެއަށް ގުޅަން އެނގިއްޖެ ދޯ. މައިމީހާ ދުނިޔޭގެ ހުރިތޯ ބަލަންތަ ތިގުޅީ." ރަޒާ ގުޅާއިރަށް ކަންފަތުގައި ޖެހުނީ އިނާޔާގެ ހަރުކަށިކަންވީ ބަސްތަކެވެ.
"މިހާރު މިގުޅީނު. ކީއްވެ މަންމަ ގުޅީ." ރަޒާ ވާހަކަދެއްކިއެވެ.
"ގެއަށް އަންނާކަށް ނުވޭތަ." އިނާޔާގެ ރުންކުރުގޮތް ބަދަލެއް ނުވިއެވެ.
"މައި ރަނގަޅުވެލީމަ." ރަޒާ ބުންޏެވެ.
"ތިހެން ކިޔާ... ތީ ދުވަހަކު ރަނގަޅުނުވި ކަމެއްނު. ބައިގެންދިއުމަކީ ތިހާ ބޮޑުކޮށްލާވަރު ކަމެއްނޫނޭ. އެއަށް ބަލިވުމެކޭ މީހަކު ކިޔާނެތަ." އިނާޔާ ބުނެލިއެވެ. ރަޒާއަށް ދަތްކުނޑިވިކާލެވުނެވެ. އޭނާއާއި އޭނާގެ އަނބިމީހާ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ތަޙައްމުލު ކުރި ކަންތައްތައް އެނގޭނަމަ އެފަދަ މޭރުމުން ވާހަކަދައްކާކަށް އެކަކަށް ވެސް ނުކެރޭނެއެވެ. އެފަދަ ގޮތެއް އެހެން މީހަކަށް މެދުވެރި ނުކުރެއްވުމަކީ އޭނާގެ ހިތުގައި އޮންނަ ދުޢާއެވެ.
"އަދިވެސް މަންމައަށް ނުބުނެވޭ ގުޅީ ކީއްވެކަން." ރަޒާ ބުންޏެވެ.
"އެ ލިޔުޝާއަށް ގޮތެއްވެގެން ހޮސްޕިޓަލުގަ އޮތީ. މަމްދޫ ކައިރީ ވެސް ބުނެފިން އަންހެނުން ބަލަން އަންނާށޭ. މަށަކަށް ނުވާނޭ." އިނާޔާގެ އަޑުގައިވީ ފޫހިކަމުގެ އިންތިހާއެވެ.
"ކިހިނެއްވީ ދޮންބެދައްތައަށް." ރަޒާ އަހާލިއެވެ.
"ކިހިނެއް އެނގެނީ. އެވެސް މަށަށް އުނދަގޫކުރަން ނޫންކަމެއް ނޭނގެ އެ ހުރިހާ ވައްތަރެއް އެ ޖައްސަނީ." އިނާޔާގެ ވާހަކައިން ރަޒާއަށް ކަމެއް އޮޅުމެއްނުފިލިއެވެ.
"ވީގޮތެއް ހަމަ ނޭނގޭ. ދެން ހޮސްޕިޓަލަށް ދާން ޖެހުނީ ކީއްވެ." ރަޒާ އެއްވެސް އަސަރެއްނެތި ވާހަކަދެއްކިއެވެ.
"އޭނާ ރޭ ދަންވަރު ހަޅޭލަވަންފެށީ. އަހަރެން ނުކުތްއިރު އޭނާގެ ހަޅޭކާއި ލަމްޔާގެ ރޯއަޑު އެއް އަޑަކަށް ހުރީ. އެ ކޮޓަރިއަށް ގޮސް ވަންއިރު ލިޔުޝާ ތަޅުން މަތީ އޮވެ އެނބުރެނީ. ހަތަރެސްފައިން ވައްތަރު ޖައްސަނީ... އެއީ ހަމަ އޭނާ ހެދިގަނެގެން އުޅުނު ގޮތެއް. އަދި އަހަރެން ކައިރިވާއިރަށް ޚަބަރު ހުސްވިކަމަށް ހެދުނީ. އެމްބިއުލާންސް ގެނެސްގެން ގެންދިޔައީ. އެހެންވެ މިބުނަނީ މަށަކަށް ނޭނގެއޭ އޭނާއަށް ވީގޮތެއް. މަށަކަށް ނުރޮހޮއްޕާން ޖައްސާނެކަމެއް. މަށަކަށް އެކަކު ހޯދާފައި ހުރި އެއް ދަރިއެއް ވެސް ނުބެލޭނެ." އިނާޔާ ބުންޏެވެ.
"އިރުކޮޅަކުން މިދަނީ." ރަޒާ މިހެން ބުނެ ފޯނު ކަނޑާލީއެވެ.
ކައިރީގަ އިން މައިރާއާ ރަޒާ ވާހަކަދެއްކިއެވެ. އިނާޔާ ދެއްކި ވާހަކަތައް ކިޔާދިނެވެ. މަމްދޫހު އަންނަންދެން ކޮންމެވެސް މީހަކު ލިޔުޝާއަށް އެހީވާން ޖެހޭނެކަން މައިރާއަށް ވެސް ވިސްނެއެވެ.
"ދޮންބެދައްތައާ ބެހޭ ގޮތުން ގޯސް ވާހަކައެއް ދައްކާކަށްނޫން. ހަނދާންވޭތަ އަހަރެން މަރާލަން ހަވާލުކުރި ޖިންނި ބުނި ވާހަކަ. މިކަމެއްވީއްސުރެ އަހަންނަށް އަބަދު ވިސްނެނީ. ރަޒާއަށް އެނގޭނެ އަހަރެންނަކީ ރައްޓެހިންގެ ގޭގެއަށް ދާ މީހެއްނޫންކަން. އަހަރެމެން ދެ މީހުން ބޭރުން ކާނަމަ ކޮންމެވެސް ރެސްޓޯރެންޓަކުން ކައި އުޅުނީ. އަހަރެން ކެއީ ދޮންބެދައްތަ ދިން އެއްޗެހި. ރަޒާއަށް ނުދީގެން ވަރަށް ޝަކުވާ ވެސް ކުރި. އެކަމަކު އޭރު ނޭނގޭނެ ދޯ. މީހެއްގެ ގަސްދެއް މީހާ ހުންނަ ގޮތަކުން ނޭނގޭނެ." މައިރާއަށް ވަރަށް ބޮޑަށް ޔަގީންވާތީ ފިރިމީހާއާ އެ ވާހަކަތައް ޚިއްޞާކުރިއެވެ. ރަޒާއަށް ވެސް އޮތީ ލިޔުޝާގެ މައްޗަށް ޝައްކުވެފައެވެ. އެކަމެއް ދިމާވުމުގެ ކުރީން ދޮންބެދައްތަ ދޭ ކޮންމެވެސް އެއްޗެއް ހިފައިގެން ކޮޓަރީގައި މައިރާ ކާން އިންދާ އޭނާއަށް ވެސް ހުރީ ފެނިފައެވެ. ނަމަވެސް އޭނާ މިވަގުތާ ހަމައަށް ވެސް ހުރީ އެ ވާހަކަ ނުބުނާށެވެ. ނުކުމެދާނޭ ނަތީޖާއެއް ނޭނގޭތީއެވެ. އެކަމަކު މިހާރު އެ ވިސްނުން ބަދަލުވެއްޖެއެވެ. މައިރާއަށް ޔަގީންވާއިރު އޭނާ ވެސް އިތުރަށް ޝައްކެއްގެ މަތީ ހުންނާކަށް ބޭނުމެއްނޫނެވެ.
"އެހީތެރިކަން ފޯރުކޮށްދިނުމަކީ އަހަރެމެންގެ ފަރާތުން ކޮށްދެވޭ ހެޔޮކަމެއް. މައި ހާސްނުވޭ. އަހަރެން ވަރަށް ވިސްނައިގެން އުޅޭނީ. އެއްޗެއް ނުކާނަން. މި ލިބުނު ފިލާވަޅު އުމުރަށް ހަނދާން ހުންނާނެ. މަންމަގެ ކަންތައް ހުންނަ ގޮތް މައިއަށް އެނގޭނެ. ދޮންބެ އަންނަންދެން ގޭގައި ހުރި ފިރިހެނަކީ އަހަރެން. ދޮންބެ އައީމަ ގޭގައި މިވާހަކަ ދައްކާނަން. މައި އެއްވެސް ކަމެއްގަ އުޅޭކަށް އަހަރެން ޤަބޫލެއްނޫން. މިވަގުތު އަހަރެން ދާންޖެހޭނެ. ދިޔަޔަސް އެންމެ ރަނގަޅެއްނު." ރަޒާ ބުންޏެވެ.
"ދިއުން ރަނގަޅު ގޮތަކީ. ލަމްކޮއަށް އަޅާލާނޭ މީހަކު ވެސް މިވަގުތު ނުހުންނާނެ. ރަޒާ ބަލައިގެން އުޅެއްޗޭ. ބައްޕަ ގޮވައިގެން ދާންވީނު." ހާސްވެފައި އިނދެ މައިރާ ބުންޏެވެ. އެކަމާ ރަޒާ އެއްބަސްވިއެވެ.
ދެމަފިރިން އެކުގައި ކޮޓަރިން ނުކުތެވެ. ސިޓިންރޫމު ސޯފާގައި މަންމައާއި ބައްޕަ ތިއްބެވެ. އެމީހުންގެ ގާތުގައި މައިރާ އައިސް އިށީނެވެ. ރަޒާ އެއްފަރާތުގައި ކޮޅަށް މަޑުކޮށްލީއެވެ. މަންމައާއި ބައްޕައަށް ރަޒާގެ ޢާއިލާއިން ލިބުނު ޚަބަރު ހާމަކުރިއެވެ. އާމާލްއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އޭނާ އެއްގޮތަކަށް ވެސް ރަޒާ ދާން ބޭނުން ނުވާކަން އެ މޫނުގައިވީ އަސަރުތަކުން ދޭހަވެއެވެ. ނަމަވެސް އެއީ ރަޒާގެ ޢާއިލާއެވެ. ނުދާށޭ ބުނުމުގެ ހައްޤެއް އާމާލްއާއި މަޒްހަރަކަށް ނޯންނާނެއެވެ.
"މަޒްހަރު ދޭ. ހުރިހާކަމެއް ހަމަޖެހުނީމަ ރަޒާ ގޮވައިގެން އެނބުރި އަންނާނީ. އެއްޗެއް ބޭނުމިއްޔާ މިގެއިން ފޮނުވާނީ." އާމާލް ބުންޏެވެ. މަޒްހަރު ވެސް އިނީ ރަޒާ އެކަނިދާން ދޫކޮށްލާ ފަދަ ޚިޔާލެއްގައެއްނޫނެވެ. އެހެންވެ ގިނަ ވާހަކަތަކެއް ނުދައްކާ ރަޒާއާއެކު މަޒްހަރު ވެސް އެގެއިން ނުކުތީ ހޮސްޕިޓަލަށް ދާށެވެ.
މައިރާއަށް ރުޤްޔާ ފެށީއްސުރެ މާޔަލްއާއި މަލަކް ގެއިން ބޭރަށް ނުކުންނާކަށް އާމާލް ޤަބޫލެއް ނުވެއެވެ. މަލަކް ވެސް ކޮލެޖަށްނޫން ގޮތަކަށް ބޭރަކަށް ނުދެއެވެ. ގޭތެރޭގައި ވެގެން އުޅޭ ގޮތެއް އެކަކު ކައިރީ ވެސް ނުދައްކަން އާމާލް ވަނީ ބުނެފައެވެ. ނަމަވެސް މާޔަލްއަށް އެކަން އައިރިކްއަށް ސިއްރުކޮށްގެން ނުހުރެވުނެވެ. އޭނާ އައިރިކްއަށް އޮޅުންފިލުވާދިނެވެ. އަމިއްލަ އެދުން އިސްކުރެވެން ނެތީ ކީއްވެކަން އައިރިކްއަށް ވިސްނާދިނުމަށެވެ.
* * * * *
ފުން ވިސްނުމަކަށް ގެއްލިފައި އިވާން އިނެވެ. އޭނާގެ ހިތްވަނީ ކުދިކުދިވެފައެވެ. އަތުގައި އޮތް ފޯނަށް ބަލަމުން ދިޔަވަރަކަށް އެ ހިތުގެ ޒަޚަމްތައް ފުންވަމުން ދާ ފަދައެވެ. އެހެންވިޔަސް އިވާނަށް އެ ފޯނު ދޫކޮށެއް ނުލެވުނެވެ. ކޮޓަރިއަށް މީހަކު ވަންކަމެއް އޭނާ ނުދެނަހުއްޓެވެ. ރެއަކާލީ ދާދި ކައިރީގައި އެ މީހަކު އައިސް ހުއްޓިލީމައެވެ. ސިހިފައި ކާކުތޯ އިވާނަށް ބަލާލެވުނެވެ. ވަގުތުން އޭނާގެ އަތުގައި އޮތް ފޯނު ފޮރުވިއެވެ.
"މައްޔު މަތިން ދޯ ތި ހަނދާން ކުރަނީ." އައިމީ އަހާލިއެވެ. ނަމަވެސް އިވާން އެއްޗެއް ނުބުންޏެވެ.
"ސްކްރީން ތަޅައިގެން ގޮސްފައެއްނު އެ އޮތީ... ކާކުގެ ފޯނެއް؟... ވެއިޓް... އައި ނޯ... އެއީ މައްޔުގެ ފޯނު." އިވާން ފޮރުވި ނަމަވެސް އައިމީއަށް އެ ފޯނު ފެނިއްޖެއެވެ.
"ލީވް މީ އެލޯން... ގެޓް އައުޓް." އައިމީއަށް ބަލާލުމެއްނެތި އިވާން ހަރުކަށިކަމާއެކު ބުންޏެވެ. އޭނާގެ ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރީގައެވެ. ޢާއިލާގެ ތެރެއަށް ނުކުމެ މީހުންނާ ވާހަކަދެއްކުން ހުއްޓާލައިފައިވާ ކަހަލައެވެ. އަބަދުވެސް ފެންނާނީ ޠަބީޢަތް ގޯސްވެފައި ހުންނަ މީހަކު ހެންނެވެ. އެހެންވިޔަސް މާޔަލް އެވަނީ އޭނާ މުޅީން ދުރުކޮށްލާފައެވެ. ދެމެދުގައި އޮތް ގުޅުމުގެ ވާފަށް ބުރިކޮށްލީއެވެ. އެކަމުގައި އިވާނަށް ކުރެވޭނެކަމެއް ނެތެވެ. އަމިއްލަ ނަސީބާމެދު އޭނާ ހިތާމަކުރެއެވެ.
އެއްޗެކޭ ބުނަން އުޅެފައި ވެސް ބޭބެގެ ޠަބީޢަތް އެކަމަށް ފުރުޞަތެއް ނުދޭކަން އައިމީއަށް ވިސްނުނީއެވެ. އެނބުރި އެ ކޮޓަރިން އައިމީ ނުކުތީ އެހެންވެއެވެ. ހުރިހާ ހަޤީޤަތެއް ކިޔާދިންފަހުން މާޔަލްގެ ޚަބަރެއް އައިމީއަށް ނުވެއެވެ. އައިމީގެ ބޭބެއާ އޮތް ގުޅުން ކެނޑުމަކީ އޭނާއާ އޮތް ގުޅުން ހީނަރުވާންޖެހޭ ސަބަބެއް ކަމުގައި އައިމީ ޤަބޫލެއްނުކުރެއެވެ. އިވާންގެ އަތުގައި އޮތް މާޔަލްގެ ފޯނާމެދު އޭނާ ސުވާލު އުފެދިފައި ހުރުމުން އެކުވެރިޔާއަށް ގުޅަން އެއީ ލިބުނު އުޒުރެއްކަމުގައި އައިމީ ދުށްޓެވެ. އަމިއްލަ ކޮޓަރިއަށް އޭނާ އައިސް ފޯނު ނަގައިން ބެލްކަންޏަށް ނުކުތީ ހިނިތުންވެލައިގެން ހުރެއެވެ. މާޔަލްއާއި އައިރިކްއާ ބެހޭ ގޮތުން ވެސް އޮޅުންފިލުވާ ހިތުން އައިމީ ވަނީ ކެތްމަދުވެފައެވެ.
މާޔަލްއަށް ގުޅިއިރު ފޯނު އެންގޭޖެވެ. އޭނާ ހުރީ ފޯނުކޯލެއްގައެވެ. އެހެންވެ އެކުވެރިޔާއަށް އައިމީ ފޮނުވީ މެސެޖެކެވެ. އޭނާއާ ވެސް ރުޅިވީތޯ އެހުމުގެ އިތުރުން ގުޅާށޭ ބުނެފައެވެ. އިރުކޮޅަކު ފޯނު އަތަށް ލައިގެން އައިމީ ހުއްޓެވެ. ނަމަވެސް މާޔަލް އެ ހުރީ ދިގު ކޯލެއްގައިކަން ވިސްނި އޭނާ އެނބުރި ކޮޓަރިއަށް ވަނީއެވެ. އޭރު އޭނާގެ ފިރިމީހާ ފުޓުބޯޅަ މެޗެއްގެ ރިކޯޑިން ބަލަން އޮތެވެ. ހެވިލާފައި އައިމީ އައިސް ފިރިމީހާގެ ކައިރިއަށް އަރައިފިއެވެ.
* * * * *
"އޯކްވޯޑް އެކަމަކު އެއީ އަހަރެންގެ އެންމެ ގާތް އެކަކު. ރިކްއާ މީޓުކޮށްދޭން ބޭނުން. އެ ދުވަހަށްފަހު އައިމީއާ ރަނގަޅަށް ވާހަކަދައްކާލެވޭ ގޮތެއްނުވޭ. އޭނާ ވެސް އެ ގުޅީ އެހެންވެހެން ހީވަނީ." މާޔަލް އިނީ އައިރިކްގެ ކޯލެއްގައެވެ. އައިމީ ގުޅީ އޭނާ އެ ކޯލުގައި އިންދައެވެ. އައިރިކް ކައިރީ އައިމީގެ ވާހަކަ ދައްކަން ފެށުނީ އެހެންވެއެވެ.
"މަންމައަށް ހަނދާންކޮށްދޭނީ ކޮންއިރަކުން." އައިރިކް އަހާލިއެވެ.
"ތިހާ ކެތްމަދުނުވެބަލަ. ރިކްއަށޭ މާޔާ ލިބޭނީ. އެހެންނޫނަސް މަންމައަށް ހަނދާންކޮށްދޭކަށް ނުޖެހޭނެ. މަންމަ ހަނދާން ހުންނާނެ." މާޔަލް ވަރަށް ޔަގީންކަމާއެކު ބުންޏެވެ.
ފޯނުކޯލުގައި ހުރި މާޔަލް އެނބުރި ބަލާލީ ކޮޓަރީގެ ދޮރު ހުޅުވާލީމައެވެ. އޭނާއަށް ފެނުނީ އާމާލް ބޯދިއްކޮށްލިތަނެވެ. މަންމަ އެނބުރި އެ ދިޔައީ އޭނާ ފޯނެއްގައި ހުރީމަކަން ޔަގީނެވެ. ނަމަވެސް ކުއްލިއަކަށް ފޯނު ކަނޑާލަން އައިރިކް އެއްބަހެއް ނުވިއެވެ. ކައިވެނީގެ ވާހަކަދައްކަން މަންމަ ބޭނުންވަނީކަން މާޔަލް ބުނުމާއެކު އައިރިކްގެ ޚިޔާލު ބަދަލުވެއްޖެއެވެ. އެކަމާ މާޔަލްއަށް ހެވުނެވެ. ކުއްލިއަކަށް އައިރިކް ފޯނުކޯލު ކުރުކޮށްލަން ބޭނުންވީއެވެ. މަންމަ ކައިރިއަށް މާޔަލް ފޮނުވާށެވެ. އެމީހުންގެ ކައިވެނީގެ ވާހަކަ ދައްކާށެވެ.
(ނުނިމޭ)