ކޮމަންވެލްތު ޖަމިއްޔާ

ނަޝީދު ފަރުވާއަށް ފޮނުވާތީ ކޮމަންވެލްތު މަރުހަބާ ކިޔައިފި

ޓެރަރިޒަމް ކުށް ސާބިތުވެގެން 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ނަޝީދު ބޭސްފަރުވާއަށް ބޭރަށް ފޮނުވަން ސަރުކާރުން އެއްބަސް ވެފައިވާތީ ކޮމަން ވެލްތް އިން އެކަމަށް މަރުހަބާ ކިޔައިފި އެވެ.

ނަޝީދުގެ ބައްޔަށް ފަރުވާ ހޯދުމަށް ބޭރަށް ފޮނުވުމަށް އެމަނިކުފާން އާއިލާ އިން މީގެ ކުރިން ވެސް އެތައް ފަހަރަކު ސަރުކާރަށް އެދިފައިވާ އިރު ސަރުކާރުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. ނަމަވެސް ނަޝީދު ބޭސްފަރުވާ އަށް 30 ދުވަހަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ސަރުކާރުން މިހާރު ވަނީ ހުއްދަ ދީފަ އެވެ.

އެކަމާ ގުޅިގެން މިއަދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ނަޝީދު ބޭސްފަރުވާ އަށް ބޭރަށް ފޮނުވުމަށް ސަރުކާރުން ނިންމެވި ނިންމެވުމާއި މެދު އެ ޖަމިއްޔާތުން ވަރަށް އުފާ ކުރާ ކަމަށާއި އަދި އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

"..އަޅުގަނޑުމެން އުއްމީދުކުރަނީ ސަރުކާރުގެ މިނިންމެވުމުގެ ސަބަބުން އިދިކޮޅު ޕާޓީތަކާއި ސަރުކާރާ ދެމެދު މަޝްވަރާތަށް ކުރެވި ސިޔާސީ ހަލަބޮލި ކަމަށް ހައްލެއް ލިބޭނެ ކަމަށް. ރާއްޖޭގައި ކުރިއެރުމަށް އެކަށީގެންވާ މާހައުލެއް އުފެއްދުމަށް މަގުފަހިވާނެ ކަން،" އެބަޔާނުގައި ވެއެވެ.

ބޭސްފަރުވާ އަށް ނަޝީދަށް އިންގިރޭސި ވިލާތަށް ދިޔުމަށް ސަރުކާރުން ހުއްދަދީފައިވީ ނަމަވެސް ބޭސްފަރުވާ އަށް ފުރައިވަޑައި ނުގަންނަވަން ނަޝީދު ވަނީ ނިންމައިފަ އެވެ. ނަޝީދު މިގޮތަށް ނިންމެވީ އެމަނިކުފާނު ބޭރަށް ފުރައްވަޑައި ގަތުމުގެ ޒިންމާ އުފުލުމަށް ނަޝީދުގެ އާއިލާ މެމްބަރެއްގެ ސޮއި ކުރަން ސަރުކާރުން ހުށަހެޅި ލިޔުމުގައިވާތީ އެވެ.