ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް މާޒިޔާ ސްޕޯޓްސް ކުލަބު ހޯމަ ދުވަހު ފަރިތަކުރަން ފެށުމުގެ ކުރިން ބުދަ ދުވަހު އާކުޅުންތެރިންނަށް ޓްރަޔަލް ބާއްވަން ނިންމައިފި އެވެ.
މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) މިއަދު ވިދާޅުވީ ބުދަ ދުވަހު ހަވީރު ބާއްވާ ޓްރަޔަލްގައި އެކުލަބަށް ކުޅެން ބޭނުންވާ ކޮންމެ ކުޅުންތެރިއަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ޓީމާއެކު ޕްރެކްޓިސް ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ސީޒަނަށް ތައްޔާރުވުމަށް މާޒިޔާގެ ފަރިތަކުރުންތައް ރަސްމީކޮށް ފަށާނީ އަންނަ ހޯމަ ދުވަހު އެވެ. ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން މާޒިޔާ ފަރިތަކުރަން ފަށާއިރު އެ ޓީމަކީ އެންމެ ފަހުގެ ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން ޓީމެވެ.
މި އަހަރުގެ ސީޒަން މާޒިޔާ ފަށާނީ އޭއެފްސީ ކަޕުންނެވެ. އެ މުބާރާތާ ކުރިމަތިލާއިރު ޓީމު ވަނީ މިދިޔަ އަހަރަށްވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަކޮށްފަ އެވެ. ނިއުގެ ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) އާއި އީގަލްސްގެ ކެޕްޓަން އިސްމާއީލް އީސާ (މެސީ) އާއި މަހިބަދޫގެ ދެބެން ކަމަށްވާ ގާސިމް ސައްމާމް އާއި ސަމޫހް އަލީ އަދި އީގަލްސް އަށް ކުޅުނު ޔަސްފާދު ހަބީބާއި މާޒިޔާގެ ކުރީގެ ކެޕްޓަން އަހުމަދު ރަޝީދު (އައްމަޑޭ) ވެސް ވަނީ ކުލަބާ ގުޅިފަ އެވެ. މީގެ އިތުރުން ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ތިބީ ވެސް މާޒިޔާގަ އެވެ.