އެމްޑީޕީ

"ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހު ނުނިންމަން"

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް އެޕާޓީން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނެފައި މިވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކުރިއަށް އޮތް ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލްކުރުމަށްފަހު އަންނަ އަހަރުގެ ކުރީކޮޅަށް ފަސްކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުން މިއަދު ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ތަރުޖަމާން އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ޕްރައިމަރީ ބާއްވާނެ ދުވަހެއް އިއުލާންކުރާނީ އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ކަމަށެވެ.

އިދާރީ މަސައްކަތްތައް ނިމޭނެ ވަކި ދުވަހެއްވެސް އެމްޑީޕީން އަދި ނުބުނެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ އިންތިހާބުގެ ޕްރައިމަރީ އިއުލާން ކުރާނީ ދެ މަސް ދުވަސް ކެމްޕޭން ކުރަން ފުރުސަތު ލިބޭ ގޮތަށް ކަމަށެވެ.

"އެއީ މީގެކުރިންވެސް އަޅުގަނޑުމެން އަމަލުކުރި ގޮތް. ކުރިއަށް އޮތް އިންތިހާބުގައި ވެސް އެގޮތަށް ދާނީ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުންނެވީ ނިންމަވައިގެންނެވެ. އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ބެލެވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މިހާތަނަށް ޓިކެޓް ލިބިވަޑައިގެންފައިވާ ހަމައެކަނި ކެންޑިޑޭޓަކީ ޕީޕީއެމްގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ. އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީން ވެސް ގެންދަނީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބުނަމުންނެވެ.