އާލިއާ ބަޓް އާއި ރަންބީރު ކަޕޫރަށް އަންހެން ދަރިއަކު ލިބިއްޖެ އެވެ.
އާލިއާ ވިހެއީ ނޮވެމްބަރު ހަވަނަ ދުވަހު އެވެ. ޅީދަރިފުޅު އާލިއާ ވިހެއުމުން އެންމެ ބޮޑަށް އުފާވެފައިވަނީ އެ ކުއްޖާގެ މާމަ ނީތޫ ކަޕޫރެވެ. މިއީ ނީތޫ އަށް މާމަކީ ދެވަނަ ކުއްޖާ އެވެ.
ނީތޫ ވަނީ ދެވަނަ ފަހަރަށް މާމައަކަށް ވުމުގެ އުފާ ނޫސްވެރިންނާ ބައްދަލުކޮށް ހިއްސާ ކޮށްފަ އެވެ.
ނީތޫ ބުނި ގޮތުގައި އާލިއާ އާއި އޭނާގެ ބޭބީގެ ހާލު މުޅިން ރަނގަޅެވެ. އެއްވެސް މައްސަލައެއް ވިހެއުމުގެ ތެރޭގައި ވެސް އަދި ފަހުންވެސް ދިމަލެއް ނުވެ އެވެ.
ބޭބީ ވައްތަރަކީ ރަންބީރުއާތޯ ނުވަތަ އާލިއާ އާ ތޯ ނޫސްވެރިން ސުވާލުކުރަން ފެށުމުން ނީތޫ ބުނީ އަދި ކުޑަކަމުން ވައްތަރީ ކާކާކަން ބުނަން ނޭނގޭ ކަމަށެވެ.
ރަންބީރަށް ދަރިއަކު ލިބުމުން އޭނާގެ ބޮޑުބޭބެ ރަންދީރު ކަޕޫރު އެންމެ ބޮޑަށް ހަނދާން ކުރީ ކޮއްކޮ ރިޝީ ކަޕޫރު މަތިންނެވެ.
ރިޝީ ދެވަނަ ފަހަރަށް ކާފައަކަށްވީއިރު މި ދުނިޔެ ދޫކޮށްފައިވާތީ ކާފަޔަކަށް ވުމުގެ އުފާ އޭނާއަށް ނުލިބުނީތީ ވަރަށް ދެރަވެއްޖެ ކަމަށް ރަންދީރު ބުންޏެވެ.
އާލިއާ ވިހެއުމުން އެންމެ ޖަޒުބާތުގައި ޖެހުނީ އޭނާގެ ބައްޕަ މަހޭޝް ބަޓް އެވެ. މިއީ މަހޭޝްގެ ފުރަތަމަ ކާފަ ދަރިފުޅަށް ވީތީ އެވެ.
އިންސްޓަގްރާމްގައި މަހޭޝް ޝެއާ ކުރި މެސެޖެއްގައި ބުނެފައިވަނީ ކުޑަކުޑަ އާލިއާ އުރާލައިގެން އޭނާ އުޅުނީ އިއްޔެ ކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ. އެހާ އަވަހަށް އާލިއާ ބޮޑުވެގެން ކުއްޖެއްގެ މަންމައަކަށް ވެއްޖެ ކަމަށް މަހޭޝް ލިޔެފައި ވެއެވެ.
އާލިއާ ވިހެއުމާ ގުޅިގެން އޭނާއާއި ރަންބީރަށް ތަހުނިޔާގެ މެސެޖުތައް ދަނީ އޮހެމުންނެވެ.
ޚާއްސަކޮށް އެ ދެމަފިރިންގެ އެކުވެރި ފިލްމީ ތަރިން ސޯޝަލް މީޑިއާގައި އެމީހުންނަށް މަރުހަބާ ކިޔައި މެސެޖުތައް ޕޯސްޓް ކުރަމުން އެބަދެ އެވެ.
އާލިއާ އާއި ރަންބީރަށް މަރުހަބާކީ ތަރިންގެ ތެރޭގައި ރަންބީރުގެ ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ކެޓްރީނާ ކައިފް ވެސް ހިމެނެ އެވެ.
އާލިއާ އާއި ރަންބީރުގެ ދަރިފުޅަށް ކިޔާނެ ނަން ވެސް ޔަގީނާ ގާތަށް އެނގިފައިވާ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފައި ވެއެވެ. އެއީ އާލިއާ ބައިވެރިވި ޓީވީ ޝޯއެއްގެ ބައިވެރިޔަކު އޭނާގެ ނަން ކިޔަން އުޅެއުޅެ ދޫ އޮޅޭގޮތް ވެގެން އަލްމާ އޭ ކިޔުމުން އެއީ ވަރަށް ރީތި ނަމެއް ކަމަށާއި އޭނާ އަށް އަންހެން ކުއްޖަކު ލިބިއްޖެނަމަ ކިޔާނީ އެ ނަން ކަމަށް އާލިއާ ބުނެފައި ވާތީ އެވެ.
ނަމަވެސް މި ވާހަކަ އާލިއާ މިހާރު ހަނދާން ހުރި ކަމެއް އަދި ދަރިފުޅަށް މި ނަން ކިޔާފާނެ ކަމެއް ޔަގީން ނޫން ކަމަށްވެސް މި ނޫހުން ބުނެފައި ވެއެވެ.