އިންޑިއާގެ ޖަޝްޕޫރު ޑިސްޓްރިކްޓަކީ ކޯބްރާ ކިޔާ ޒާތުގެ ވިހަގަދަ ހަރުފަ ވަރަށް ގިނައިން އުޅޭ ކަމަށް މަޝްހޫރުވެފައިވާ ހިސާބެކެވެ. ދާދިފަހުން ހިނގި ހާދިސާއެއްގައި ކޯބްރާއެއް ވަނީ އަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްގެ ގައިގައި ދަތް އަޅާފަ އެވެ.
އާއްމުކޮށް ހަރުފަ ދަތް އެޅުމުން އޭގެ ވިހައިން މަރުވަނީ އިންސާނާ އެވެ. ނަމަވެސް މި ފަހަރު ކަންތައް ދިމާވީ އެއާ ދިމާ އިދިކޮޅަށެވެ. ހަރުފަ ދަތް އެޅުމުން އައި ރުޅިންނާއި ވީތަދުން އެ ކުއްޖާ ހަރުފަ ގައިގައި ދެ ފަހަރަށް ދަތް އަޅައި އެ ސޮރު ވަނީ މަރާލާފަ އެވެ.
ދީޕަކް އަށް ހަރުފަ ހަމަލާ ދިނީ ގޭގެ ބޭރުގައި އޮތް ހުސް ބިމުގައި ކުޅެން ހުއްޓަ އެވެ. އެ ސޮރު ދީޕަކްގެ އަތުގައި އޮޅާލައި އޭނާގެ އަތުގައި ދަތް އެޅުމުން ދީޕަކް ވެސް ދޫނުކޮށް އެ ސޮރާ ހަނގުރާމަކޮށް އެ ސޮރުގެ ގައިގައި ދަތް އަޅައި މަރާލީ އެވެ.
އިންޑިއާގެ މީޑިއާ ތަކަށް ދީޕަކް ކިޔައިދީފައިވާ ގޮތުގައި އޭނާ ކުޅެން ހުއްޓާ ހަރުފަ އޭނާގެ އަތުގައި އޮޅާލީ ހަމަ ކުއްލި އަކަށެވެ. ދެން އޭނާ އަތުން ހަރުފަ ނައްޓަން އުޅެ އުޅެ ނުނެއްޓުމުން އޭނާއަށް ކުރެވުނު ކޮންމެ ކަމެއް ކޮށްގެން ވެސް ހަރުފަ އަތުން ނައްޓާލެވޭތޯ މަސައްކަތް ކުރަން މަޖުބޫރުވީ އެވެ.
ހަރުފަ އަތުގައި އޮޅާލައި އޭނާގެ އަތުގައި ދަތް އެޅުމުން ވަރަށް ބޮޑަށް އަތަށް ތަދުވި ކަމަށާއި ވީހާވެސް އަވަހަށް އެ ސޮރު އަތުން ނައްޓާލެވޭތޯ އޭނާ މަސައްކަތް ކުރީ އެހެންވެ ކަމަށް ދީޕަކް ބުންޏެވެ.
"އަހަރެން ނައްޓަން އުޅެ އުޅެ އެސޮރު އަހަރެންގެ އަތުން ދޫވާގޮތެއް ނުވި. އެހެންވެ އަހަރެން އެ ސޮރުގެ ގައިގައި ވަރަށް ބާރަށް ދަތް އެޅީ. ދެ ފަހަރު ދަތް އެޅިފަހުން އެސޮރު ދޫކުރަން ފެށީ. މި ހުރިހާ ކަމެއް ހިނގައި ދިޔައީ ހީވެސް ނުކުރާހާ ކުޑަ ވަގުތުކޮޅެއް ތެރޭގައި،" ދީޕަކް ބުންޏެވެ.
ދީޕަކްގެ މައިންބަފައިން އައިސް ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށުމުން މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ.
ހޮސްޕިޓަލަށް ގެންދިޔައިތާ މާ ގިނައިރެއް ނުވެ ހަރުފަވިހަ ކަނޑުވާ އިންޖެކްޝަނެއް ދީޕަކްގެ ގަޔަށް ޖެހި ކަމަށް އޭނާގެ މައިންބަފައިން ބުންޏެވެ. އަދި ހޮސްޕިޓަލުގައި ބާއްވައިގެން އެއް ދުވަހު ފަރުވާ ދީފައި ގެޔަށް ފޮނުވާލީ ކަމަށްވެސް އޭނާގެ މައިންބަފައިން ބުންޏެވެ.
ދީޕަކްގެ ގައިގައި ހަރުފަ ދަތް އެޅިނަމަވެސް އެސޮރު އޭނާގެ ގަޔަށް ވިހަ ދޫނުކުރާ ކަމަށް ވެއެވެ. ދީޕަކްގެ ހާލު އެހާ އަވަހަށް ރަނގަޅުވީ އެހެންވެ އެވެ.
ހަރުފަ ވިހަ ނުލިޔަސް އެސޮރު ދަތްއެޅުމުން ވެސް ވަރަށް ގަދަޔަށް ދިލަ ނަގާ ތަދުވެ އެވެ. ދީޕަކް އަށް ވެސް ކުރެވުނީ މި ކަހަލަ އިހްސާސް ތަކެކެވެ.
ބައެއް ފަހަރަށް މީހުންނަށް މި ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި ވެސް އެމީހުންނަށް ހަމަލަދޭ އެއްޗެތި މަރާލެވެ އެވެ. ތުރުކީގެ ދެ އަހަރުގެ ކުއްޖަކު ވެސް ދާދިފަހުން ވަނީ ހަރުފައެއް މަރާލާފަ އެވެ.
މި ހަރުފަ ކުއްޖާގެ ތުންފަތުގައި ދަތް އެޅުމުން ކުއްޖާ ވަގުތުން ހަރުފަ ގައިގައި ދަތް އަޅައި އެސޮރު މަރާލީ އެވެ. މިއީ ދެ އަހަރުގެ ކުޑަކުޑަ ކުއްޖަކަށް ވާތީ ހަރުފަ މަރާލެވުނު ގޮތެއް ހުދު އެ ކުއްޖާއަށް ވެސް އެނގޭނެ ކަމަކަށް ނުބެލެވެ އެވެ.