ބޭރު ކުޅިވަރު

އޮންރީގެ ރެކޯޑް ރޫނީ މުގުރާލައިފި

ތިއޭރީ އޮންރީ އިނގިރޭސި ލީގުގައި ހެދި އެއް ކުލަބަކަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް ވޭން ރޫނީ ރޭ މުގުރާލައިފި އެވެ.

ލީގުގައި ވާދަވެރި ލިވަޕޫލް އަތުން މޮޅުވި މެޗުގެ ހަމައެކަނި ލަނޑު ޖަހައިގެން ރޫނީ މި ރެކޯޑް މުގުރާލިއިރު ޔުނައިޓެޑް ވަނީ 37 ޕޮއިންޓާއެކު ފަސް ވަނާގަ އެވެ.

އެއްކުލަބަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ރޫނީ މުގުރާލީ 176 ގޯލު ޖަހައިގެންނެވެ. ކުރިން މި ރެކޯޑް އޮތް ފްރާންސްގެ ކުރީގެ ކެޕްޓަން ތިއޭރީ އޮންރީ އާސެނަލް އަށް ޖަހާދީފައިވަނީ 175 ގޯލެވެ.

އެވަޓަންއިން 2004 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު ރޫނީ މިވަނީ މިހާތަނަށް ޔުނައިޓެޑަށް 358 މެޗު ކުޅެދީފަ އެވެ. އުމުރުން މިހާރު 30 އަހަރުގެ ޔުނައިޓެޑްގެ ކެޕްޓަނަކީ އިނގިރޭސި ގައުމި ޓީމަށް ވެސް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ލުއިސް ވެންހާލް ބުނީ ރޫނީ ލަނޑު ޖެހުމަކީ އެންމެނަށް ވެސް ލިބޭ އުފަލެއް ކަމަށެވެ. އަދި ޓީމުގެ ކެޕްޓަން ރަނގަޅަށް ކުޅެ ގޯލު ޖަހާނަމަ އެ ޓީމަށް އަބަދުވެސް އިތުބާރު ލިބޭނެ ކަމަށާއި ރޫނީގެ ކުޅުމާމެދު އޭނާ ހިތްހަމަޖެހޭ ކަމަށެވެ.

"ރޫނީ ކުރިން ކުޅުނީ އެވަޓަން އަށް. މިހާރު ކުޅެނީ ޔުނައިޓެޑަށް. އޭގެ މާނައަކީ އޭނާ ލިވަޕޫލް ކޮޅަށް ލަނޑު ޖަހަން ބޭނުންވާނެއޭ. ލިވަޕޫލްކޮޅަށް ޖެހޭ ކޮންމެ ލަނޑަކީ އޭނާ އަށް ވަރަށް ގިނަ އުފާ،" ކޯޗު ބުންޏެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރޫނީ ބުނީ އޭނާ ރެކޯޑް ލިބުނުއިރު އެންމެ އުފާވީ ލިވަޕޫލް ކޮޅަށް ލަނޑު ޖަހައިގެން ޓީމު މޮޅުވުމުން ކަމަށެވެ.