ރައްޔިތުންގެ މަޖިލިސް

ބަޖެޓު ބަހުސް މާދަމާ ފަށަނީ

ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސް މާދަމާ ފެށުމަށް އެޖެންޑާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ ބަހުސް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ޝެޑިއުލްކޮށްފައިވާނީ އަންގާރަ ދުވަހާއި ބުދަ ދުވަހާއި ބުރާސްފަތި ދުވަހާއެކު ބަޖެޓު ބަހުސް ކުރިއަށް ގެންދަން. ހެނދުނު ނުވައެއް ޖަހާއިރު ފަށައިގެން ގަސްދުކުރަނީ ޖަލްސާ ރޭގަނޑޫ 10 ޖަހަންދެން ކުރިއަށް ގެންދަން. އެހެން ނަމަވެސް ބުރާސްފަތި ދުވަހު ރޭގަނޑު 10 ޖަހާއިރު ބަހުސް ނުނިމޭނަމަ އަޅުގަނޑުމެން ކުރިއަށް ގެންދާނީ" އީވާ އަބްދުﷲ ވިދާޅުވި އެވެ.

އީވާ ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ބަޖެޓު ބަހުސްގެ ފުރުސަތަށް އެދިވަޑައިގަތުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އީވާ ވިދާޅުވީ ބަހުސްގައި ވާހަކަފުޅު ދެއްކެވުމަށް މެންބަރުން މަޖިލީހުގެ ތަޅުމުގައި ތިއްބެވި ނަމަ މަޖިލިސް ކުރިއަށް ގެންދާނެ ކަމަށާއި މެންބަރުން ވަޑައިނުގަންނަވާނަމަ ރޭގަނޑު 10:00 ކުރިން މަޖިލިސް ނިންމަވާލައްވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ބަޖެޓު މަޖިލީހަށް ހުށަހެޅީ އޮކްޓޫބަރު 31 ވަނަ ދުވަހު އެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 42.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަކީ މި އަހަރަށް ފާސްކޮށްފައިވާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅާ ބަލާއިރު 5.8 ބިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ.

ބަޖެޓްގެ ޖުމްލަ އަދަދު ކިތަންމެ ބޮޑު ނަމަވެސް މި އަހަރުގެ ބަޖެޓު ޑެފިސިޓާ އަޅާ ބަލާއިރު އަންނަ އަހަރުގެ ބަޖެޓް ދަރަނި ކުޑަ އެވެ. އެގޮތުން މި އަހަރު ފާސްކޮށްފައި އޮތް ބަޖެޓަކީ 12.6 ބިލިޔަން ރުފިޔާ އިން ދަރަނި ބަޖެޓެއް ނަމަވެސް އަންނަ އަހަރު އެ އަދަދު އުޅޭނީ 8 ބިލިއަން ރުފިޔާގަ އެވެ.

އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ 32.1 ބިލިއަން ރުފިޔާގެ އާމްދަނީގެ 73.3 ޕަސެންޓަކީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 7.7 ޕަސެންޓެވެ. އެހެންކަމުން އަންނަ އަހަރު ހިލޭ އެހީއާ ނުލައި އާމްދަނީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 29.9 ބިލިޔަން ރުފިޔާ އެވެ.