ސަން އެކުއާ އިރުވެލި ރިސޯޓުން ވަކިކުރި މުވައްޒަފަކަށް 1.5 މިލިއަން ރުފިޔާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އިއްޔެ ހުކުމްކޮށްފި އެވެ.
ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިގެން ކާމިޔާބުކުރީ ސ. މަރަދޫ އަބްދުލްޣަފޫރު އަލީ އެވެ.
އޭނާ އަކީ ޖުލައި 1، 2019 އިން ފެށިގެން ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސަން އެކުއާ އިރުވެލި ރިސޯޓްގެ ރެސިޑެންޓް މެނޭޖަރެއްގެ މަގާމުގައި ހުރި މީހެކެވެ.
އޭނާ ވަޒީފާ އިން ވަކިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ ދެވަނަ ދުވަހު އެެވެ.
ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައިވަނީ އަބްދުލްޣަފޫރު އަލީ ވަޒީފާއިން ވަކިކޮށްފައިވަނީ އެއްވެސް ސަބަބެއް ނެތި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. ވަޒީފާއިން ވަކިކުރުމުގައި އަދުލުވެރިކަން ގާއިމުކޮށްފައި ނުވާތީ ގެއްލުމުގެ ބަދަލެއްގެ ގޮތުން އަބްދުލްޣަފޫރު އަދާކުރި ވަޒީފާގެ މުސާރައިގެ ނިސްބަތުން ހަމަސް ދުވަހުގެ އުޖޫރައަށްވާ ފައިސާ ސަން އިންވެސްޓްމެންޓުން ދިނުމަށް ހުކުމްކޮށްފައިވެ އެވެ.
އަބްދުލްޣަފޫރު މައްސަލަ ހުށަހެޅީ އޭނާ ވަޒީފާ އިން ވަކިކުރުމުގެ ކުރިން މުސާރައިން އުނިކޮށްފައިވާ 993،492 ރުފިޔާ ހޯދުމަށާއި، އޭނާއަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު ލިބެމުންދިޔަ 38،550 ރުފިޔާއާއި، މަގާމުގެ އިނާޔަތްތަކުގެ ގޮތުގައި މަހަކު ލިބެމުން ދިޔަ 38،550 ރުފިޔާގެ ނިސްބަތުން ހަމަސް ދުވަހުގެ އުޖޫރައަށްވާ ފައިސާ ހޯދުމަށެވެ. އެގޮތުން އަސާސީ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި އެކަނިވެސް ހަމަސް ދުވަހަށް 462،600 ރުފިޔާ އަބްދުލްޣަފޫރަށް ދޭން ޖެހެ އެވެ.
އެހެންކަމުން އަބްދުލްޣަފޫރަށް ޖުމްލަ 1.5 މިލިއަން ރުފިޔާ ދިނުމަށާއި އިއްޔެ އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ސަން އިންވެސްޓްމެންޓުގެ ފަރާތުން އަބްދުލްޣަފޫރަށް އެ އަދަދު ދިނުމަށްވެސް ޓްރައިބިއުނަލުން އަމުރުކޮށްފައިވެ އެވެ. ފައިސާ ދެއްކުމަށްފަހު ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އެންގުމަށްވެސް ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވެ އެވެ.