ރާއްޖެ ކުޅިވަރު

އަރާމުކުރެވިއްޖެ، ސެމީ ފައިނަލަށް ތައްޔާރު: ކޯޗު

ގައުމީ ފުޓްބޯޅަ ޓީމަށް އަރާމުކުރަން އެކަށީގެންވާ ވަގުތު ލިބުނު ކަމަށާއި މާދަމާ ނޭޕާލް ބަލިކޮށް ބަންގް ބަންދު ގޯލްޑް ކަޕުގެ ފައިނަލުން ޖާގަ ހޯދަން ބޭނުންވާ ކަމަށް ގައުމީ ކޯޗު ރިކީ ހާބަޓް ބުނެފި އެވެ.

ނިއުޒީލޭންޑަށް ވޯލްޑް ކަޕުގައި ކުޅެ ފަހުން ކޯޗުކޮށްދިން ހާބަޓް ބުނީ އޭނާގެ ޒުވާން ޓީމު މުބާރާތުގައި ދައްކަމުން އަންނަނީ ރަނގަޅު ކުޅުމެއް ކަމަށާއި ސެމީ ފައިނަލުގައި ނޭޕާލާ ކުޅެން ޖެހުމަކީ ޝައުގުވެރިކުރުވަނިވި ކަމެއް ކަމަށެވެ.

"އަހަރެން ވަރަށް އުފާވޭ މި ކުޅުންތެރިން ދައްކާ ކުޅުމަށް. މިއީ އެމީހުންނަށް ކުރިމަތިވާ އިތުރު ޗެލެންޖެއް. އަހަރެން ސެމީ ފައިނަލް މެޗާމެދު ދެކެނީ ވަރަށް އުއްމީދީ ނަޒަރަކުން. އަހަރުމެން މިވަނީ ރަނގަޅަށް އަރާމުކުރަން ވަގުތު ލިބިފައި. މިއީ ޝައުގުވެރިކުރުވަނިވި މެޗަކަށްވާނެ،" ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ މި މަހު ކުރީކޮޅު އިންޑިޔާގައި ނިމުނު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށްވުރެ ނޭޕާލް ޓީމު ވަނީ ބަދަލުވެފައި ކަމަށާއި ނަމަވެސް ރާއްޖެ އަށް ފައިނަލަށް ދެވިދާނެ ކަމަށެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ އައީ ކެމްބޯޑިއާ އާއި ބަނގްލަދޭޝްގެ ޒުވާން ޓީމު ބަލިކޮށް ބަހުރޭނާ އެއްވަރުކޮށް ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ނޭޕާލަނީ ގްރޫޕް އޭގެ ދެ ވަނަ ޓީމެވެ. މުބާރާތުގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ކުޅޭނީ ބަނގްލަދޭޝްގެ ސީނިއާ ޓީމާއި ބަހުރޭނެވެ.