ދުނިޔެ

އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު ރަޝިއާއަށް

އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ރަޝިއާއަށް ފުރާވަޑައިގެންފި އެވެ. މިއީ ދެ ދުވަހުގެ ވަރަށް މަތީ ފެންވަރުގެ ދަތުރެކެވެ.

ނިއުދިއްލީން މި ދަނޑިވަޅުގައި ޖައިޝަންކަރު މޮސްކޯއަށް ފޮނުވުމުގެ ބޭނުމަކީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރަޝިއާ އާއި އިންޑިއާއާ ދެމެދުގައި އޮތް ބަދަހި ގުޅުން ދުނިޔެއަށް ހާމަކުރުމެވެ.

އިގުތިސާދީ ގޮތުން -- ޚާއްސަކޮށް ހަކަތައާ ގުޅުން ހުރި ވިޔަފާރީގައި މޮސްކޯ އާއި ނިއުދިއްލީ ދެމެހެއްޓެނިވި އެއްބާރުލުމަކުން ބަނދެލުމަކީ ވެސް އިންޑިއާ ގެންގުޅޭ ވިސްނުމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އިންޑިއާއަށް އެންމެ ގިނަ އަދަދަކަށް ސާފުނުކުރާ ތެޔޮ އޮކްޓޯބަރުގައި ސަޕްލައިކުރީ ރަޝިއާ އެވެ. އެއީ ނިއުދިއްލީއަށް އިމްޕޯޓްކުރާ ޖުމުލަ ތެލުގެ 22 ޕަސެންޓެވެ.

ރަޝިއާ ސިފައިން ފެބްރުއަރީ 24 ގައި ޔުކްރޭނަށް އަރައި ހަނގުރާމަ އިއުލާންކުރުމާ ގުޅިގެން ހުޅަނގުން އޮތީ ރަޝިއާގެ ހަކަތަ ގަތުން މުޅިން ކަހަލަ ގޮތަކަށް ހުއްޓާލާފަ އެވެ. އަދި އިގުތިސާދީ ގޮތުން ރަޝިއާއަށް ދަތިކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފަ އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުން ޚާއްސަކޮށް އިންޑިއާ އާއި ޗައިނާއިން ހުޅަނގަށް އެއްބާރުލުންދީ ރަޝިއާގެ ހަކަތަ ގަތުން ހުއްޓާލަން ހުޅަނގުން އޮތީ ގޮވާލާފަ އެވެ.

އެހެން ނަމަވެސް، ހުޅަނގުގެ ގޮވާލުމަށް ބެލުމެއް ނެތި އިންޑިއާއިން ވަނީ ރަޝިއާ އާއެކު ވިޔަފާރި އެއްބަސްވުންތައް ގާއިމުކޮށް ތެލާއި ގޭސް ގަތުން އިހުނަށް ވުރެ އިތުރުކޮށްފަ އެވެ.

ޖައިޝަންކަރުގެ މި ދަތުރުގައި ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފްއާ ބައްދަލު ކުރައްވާނެ އެވެ. އަދި ބޮޑުވަޒީރުގެ ނައިބު އަދި ޓްރޭޑް މިނިސްޓަރު ދިނިސް މަންތުރޯފްއާ ވެސް ބައްދަލު ކުރައްވާނެ އެވެ.

މި ދަތުރާ ބެހޭ ގޮތުން ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ އާއި ރަޝިއާއާ ދެމެދުގައި ކުރެވޭ މަޝްވަރާތައް ދޭދޭ މުއާހަދާތަކުގެ އިތުރުން ބައިނަލްއަގުވާމީ މުއާހަދާތަކަށްަ ފުޅާވެގެން ދާނެ ކަމަށެވެ.

ރަޝިއާ އާއި އިންޑިއާއާ ދެމެދު އަމަލުކުރެވޭ އަސްކަރީ ހަރުދަނާ ސިޔާސަތެއް އޮވެ އެވެ. އެހެންކަމުން އިންޑިއާއަށް މި ވަގުތު ރަޝިއާގެ ކިބައިން ނެގެން އޮތް ފައިދާ އަކީ އިގުތިސާދީ ދާއިރާތައް ފުޅާކުރުމެވެ.

އިގުތިސާދީ ދާއިރާތައް ހަކަތައިން ބޭރުވެ އަމިއްލަ އެހެން އުފެއްދުންތަކަށް ފޯކަސްކުރުމަކީ ވެސް ޖައިޝަންކަރުގެ އެޖެންޑާގައި އޮތް ކަމެއް ކަމަށް ބުނެވެ އެވެ.

މިއީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޑިސެމްބަރުގައި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާގެ ކުރިއެކެވެ.