ރެއާލް މެޑްރިޑުގެ ކޯޗުކަމާ ޒައިނުއްދީން ޒިދާން ހަވާލުވުމުން ކުޅުންތެރިންގެ ރޫހު ރަނގަޅުވެއްޖެ ކަމަށް އެ ޓީމުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
އޭނާ މިހެން ބުނީ ރޭ ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް މޮޅުވި މެޗަށް ފަހު އެވެ. އަދި މެޗުގެ ކުރިން ޒިދާން ވަނީ ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ބުނެފަ އެވެ.
އުމުރުން މިހާރު 31 އަހަރުގެ ރޮނާލްޑޯ ބުނީ ޒިދާންގެ ސަބަބުން އެންމެންނަށް ވެސް ހިތްހަމަޖެހުން ލިބިފައިވާ ކަމަށާއި ކޮންމެ ކޮންމެ ކޯޗަކާއެކު ކުޅުންތެރިންނަށް ހިތްހަމަޖެހުން ލިބިގެންނުދާ ކަމަށެވެ.
ޒިދާން ރެއާލްގެ ކޯޗުކަމާ ހަވާލުވީ މި ސީޒަނުގައި ޓީމާ ހަވާލުވި ލިވަޕޫލާއި ޗެލްސީގެ ކުރީގެ ކޯޗު ރަފާ ބެނީޓޭޒް ވަކިކުރުމަށްފަހު އެވެ. މިހާތަނަށް އަޑުތައް އަރާފައިވާގޮތުން ބެނީޓޭޒްއާ އެންމެ ބޮޑަށް މައްސަލަޖެހުނު ކުޅުންތެރިއަކީ ވެސް ރޮނާލްޑޯ އެވެ.
ނަމަވެސް މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވަޑް ރޮނާލްޑޯ ބުނީ އޭނާގެ ހިތުގައި ބެނީޓޭޒްއާ މެދު ހިތްހަމަނުޖެހުމެއް ނެތް ކަމަށާއި އެކި ކޯޗުންނަށް ކަންކަން ދިމާވަނީ ތަފާތު ގޮތްގޮތަކަށް ކަމަށެވެ.