ބޮލީވުޑް

ދަރިފުޅު އުރާލުމާއެކު ރަންބީރަށް އުފަލުން ރޮވުނު

ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަށް އަންހެން ދަރިއަކު ލިބުނުކަން އެމީހުން އިއުލާން ކޮށްފައިވަނީ މީގެ ދެ ދުވަހެއް ކުރިންނެވެ.

ދަރިއަކު ފުރަތަމަ ފަހަރަށް އުރާލަން ލިބުމުން ލިބުނު އުފަލެއްގެ ބޮޑުކަމުން ރަންބީރަށް ހިފެހެއްޓުމެއް ނެތި ރޮވުނުކަމަށް އާއިލާގެ ގާތް މީހަކު އިންޑިއާގެ ނޫހަކަށް މައުލޫމާތު ދީފައި ވެއެވެ.

"ރަންބީރު ވެފައި ހުރި އުފަލެއް ބުނަން ވެސް ނޭނގޭ. އަހަރެމެން ދުވަހަކުވެސް އޭނާ އެހާ އުފާވެފައި ހުއްޓަކާ ނުދެކެން. އޭނާއަކީ މިހާރު މުޅިން ބަދަލުވެފައި ހުރި މީހެއް. ކުރިން ވަރަށް މަޑުމައިތިރިކޮށް ހަމަޖެހިލައިގެން އުޅޭ ރަންބީރު އެ ދުވަހު ފެނުނީ އުފަލުން ގޮސް ކަރުނަ ނުހިފެހެއްޓިގެން އުޅެނިކޮށް. ދަރިފުޅު ފުރަތަމަ ފަހަރަށް އުރާލުމާއެކު އޭނާއަށް ހިފެހެއްޓުމެއް ނެތި ރޮވުނު. އަދި އެތަން ފެނިފައި އެތާ ތިބި އެންމެންގެ ލޮލުން ވެސް ކަރުނަ އައި،" މައުލޫމާތު ދިން މީހާ ބުންޏެވެ.

ރަންބީރު އާއި އާލިއާ ކައިވެނި ކުރީ މިއަހަރުގެ އެޕްރީލް މަހު އެވެ. ކައިވެނިކުރީ ރައްޓެހިވެގެން އުޅޭތާ ފަސް ވަރަކަށް އަހަރު ފަހުންނެވެ.

އެމީހުންގެ ކައިވެންޏަށް ހަތް މަސް ވެސް ނުފުރެނީސް ދަރިއަކު ލިބުމުން ސޯޝަލް މީޑިއާގައި ބައެއް މީހުން އެމީހުންނަށް މަލާމާތްކޮށް ހަދާފައި ވެއެވެ. އަދި ފިލްމު ކްރިޓިކްސް އެއް ކަމަށް ހެދިގެން އުޅޭ ކަމާލް އާރް. ޚާން ވެސް ފާޅުގައި އެ ދެމަފިރިންނަށް މަލާމާތުގެ ބަސްތައް ރައްދުކުރި އެވެ. ނަމަވެސް ރަންބީރު އާއި އާލިއާގެ ފޭނުން ވަނީ ފާޑުކިޔާ މީހުންގެ އަނގަތައް ބަންދުވާ ވަރަށް އެމީހުންނާ ދިމާކޮށްލާފަ އެވެ.