ބޭރު ކުޅިވަރު

އެވަޓަންގެ ސްޓޯން ގަތުމުގެ ރޭހަށް ބާސެލޯނާ

އެވަޓަން އަށް ކުޅޭ އިނގިރޭސި ގައުމީ ޓީމުގެ ޑިފެންޑަރު ޖޯން ސްޓޯން ގަތުމަށް ބާސެލޯނާއިން މަސައްކަތް ފަށައިފި އެވެ.

ބާސެލޯނާގެ އޮފިޝަލުން ވަނީ އިނގިރޭސި ޕްރެމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް އެވަޓަން ކުޅުނު މެޗުގައި ސްޓޯން ކުޅުން ވެސް ބަލަން ދަނޑަށް ވެސް ގޮސްފަ އެވެ.

އުމުރުން މިހާރު 21 އަހަރުގެ ޑިފެންޑަރަކީ މި ސީޒަން ފެށުމުގެ ކުރިން ޗެލްސީ އަށް ގެންދިއުމަށް އެ ޓީމުގެ ކުރީގެ ކޯޗު ހޮސޭ މޮރީނިއޯ ވެސް ވަރަށް މަސައްކަތްކުރި ކުޅުންތެރިއެކެވެ. އޭނާ ގަތުމުގެ ރޭހަށް ބާސެލޯނާ ވަނުމުގެ ކުރިން މެންޗެސްޓާގެ ދެ ޓީމު ކަމަށްވާ ސިޓީ އާއި ޔުނައިޓެޑްގެ އިތުރުން ސްޕޭނުގެ ރެއާލް މެޑްރިޑް ވެސް ވަނީ ވަދެފަ އެވެ.

ޗެލްސީން ވަނީ ސީޒަން ފެށުމުގެ ކުރިން 38 މިލިއަން ޕައުންޑްގެ ބިޑެއް ވެސް އޭނާ ގަތުމަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެވަޓަންއިން ކުޅުންތެރިޔާ ދޫކޮށްލަން ބޭނުންނުވީ އެވެ.

ސްޓޯން އެވަޓަންއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި ތިން އަހަރު އެބައޮތެވެ.