ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ ތަހުގީގު ނިންމާ ނުލެވި ލަސްވަނީ މަރުގެ މޯޓިވް ހޯދިފައި ނުވާތީ ކަމަށް ފުލުހުން ބުނެފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ ޔުނިޓްގެ ވެރިޔާ ފާތިމަތު ނަޝްވާ ވިދާޅުވީ ޝިއާއުގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލްގެ ފޯނު ހޯދައި ފޯނުން ބޭނުންވާ މައުލޫމާތު ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނަޝްވާ ވިދާޅުވި ޝިއާއުގެ މަރުގެ މޯޓިވް ހޯދުމަށް ފުލުހުންގެ ތަހުގީގުކުރިއަށްދާ ކަމަށާއި މައްސަލައިގައި އިންސާފު ހޯދައިދިނުމަކީ ތަހުގީގުގެ ބޭނުން ކަމަށެވެ.
ޝިއާއުގެ މަރުގެ ތަހުގީގު ނުނިމޭ ކަމަށް ފުލުހުން މިއަދު ބުނެފައި މިވަނީ މައްސަލައިގެ ތަހުގީގު ނިންމާ ދެ ހަފްތާގެ ތެރޭގައި ދައުވާ ކުރާނެ ކަމަށް ފުލުހުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ބުނެފައިވާތީ އެކަމާ ގުޅިގެން ސުވާލުކުރުމުންނެވެ.
ޝިއާއު މަރާލާފައި އޮއްވާ ފެނުނީ މިއަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެ ރޭ އެވެ. ޝިއާއުގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ޝާހިލްއާ އެކު އެ އެޕާޓްމެންޓުގައި އުޅުނު ދެމަފިރިންނެވެ. ޝިއާއު މަރާލި ކަމަށް ތުހުމަތުކުރާ ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިން މަސްތުގެ ހާލަތުގައި ހުއްޓަ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ޝިއާއުގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވެ އެެވެ. މި މައްސަލައިގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށް ފާހަގަ ނުކުރެވޭ ކަމަށްވެސް ބުންޏެވެ.
ޝާހިލްގެ ފޯނު ހުޅުވައި ޑޭޓާ ނެގުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށް ފުލުހުން ކުރިންވެސް ބުނީ ޝިއާއުގެ މަރާ ގުޅިގެން ގަބޫލުކުރެވޭ މޯޓިވްތަކެއް އެބަހުރި ކަމަށެވެ.
ޝިއާއުގެ މަރާ ގުޅިގެން 45 މީހުންނަށްވުރެ ގިނަ މީހުންނާ މިހާތަނަށް ސުވާލުކޮށް އިތުރު ސިސީޓީވީ ފުޓޭޖުތައް ދިރާސާކޮށްފައިވެ އެވެ.
ފުލުހުން ބުނީ ޝިއާއު މަރުވީ ލިބުނު ޒަހަމްތަކުންކަން ޕޯސްޓްމޯޓަމް އިން އެނގޭ ކަމަށާއި ޝިއާއު މަރުވި ފަހުންވެސް ބައެއް ގުނަވަންތަކަށް ހަމަލާދީފައިވާކަން ލިބުނު މައުލޫމާތުން އެނގޭ ކަމަށެވެ.
ޝިއާއުގެ މަރާއި ގުޅިގެން ތުހުމަތު ކުރެވޭ ޝާހިލްގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހަދާފައިވާއިރު ނަފުސާނީ މައްސަލައެއް ޝާހިލްގެ ހުރިކަން ފާހަގަ ނުކުރެވޭ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.