އުތުރު ކޮރެއާ އަކީ ސަރަހައްދީ މަސްލަހަތަށް ނުރައްކަލެއް ކަމަށް ބުނެ މަތިންދާބޯޓު އުފުލާ މަނަވަރުތައް ޖަޕާން ކަނޑަށް ފޮނުވަން އެމެރިކާ މަޝްވަރާ ފަށައިފި އެވެ.
އެމެރިކާ ބުނާ ގޮތުން އުތުރު ކޮރެއިން މިހާރު ބެލިސްޓިކް މިސައިލް ޓެލްސްޓްކުރާ މިންވަރަށް ބަލާއިރު ނިއުކްލިއާ ވޯހެޑާ އެކު ވެސް ބެލިސްޓިކް މިސައިލްތައް ޓެސްޓްކޮށްފާނެ އެވެ. އަދި ސަރަހައްދަށް ނުރަކާތެރިކަން އިތުރުވެދާ ފަދަ ގޮތަކަށް ނިއުކްލިއާ ޓެސްޓެއް ކުރުމަކީ ވެސް އުތުރު ކޮރެއާ ކޮށްފާނެ ކަމެއް ކަމަށް އެމެރިކާ ބުނެ އެވެ.
އުތުރު ކޮރެއާއަށް މިހާރު ވެސް އަޅާފައި ހުރި ދަތިކުރުންތައް ހަރުކަށިކޮށް ތެލާއި ތެލުން އުފައްދާ ތަކެތި ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރުން ހުއްޓުވަން ނުވަތަ މިންވަރު ކަނޑައެޅުމަށް އެމެރިކާ ޕްރެޝަރުކުރާން ވެސް ވަނީ ހަމަޖައްސާފަ އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރަން ޖެހޭ ވަރުގެ ކަމެއް ކުރުމުގައި ހުއްދަ ނުލިބިއްޖެ ނަމަ އުތުރު ކޮރެއާއަށް ދަތިކުރަން އެމެރިކާ ވިސްނާ ގޮތަކީ ޖަޕާނާއި ދެކުނު ކޮރެއާ އަދި އެމެރިކާ ވަކިވަކިން އުތުރަށް ދަތިކުރުމެވެ.
މި ގޮތުން ހިނގާ ޚަރަދުތައް ތިން ގައުމަށް ބަހާލައި ވަކި ގައުމަކަށް ބުރަ ބޮޑުނުވާ ގޮތަށް ކުރެވޭނެ ކަމަށް އެމެރިކާ ދެކެ އެވެ.
އުތުރު ކޮރެއާއިން މި ފަހަކުން މިސައިލް ޓެސްޓްކުރުން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. އަދި މިސައިލް ޓެސްޓްކުރުމުގައި ޖަޕާނަށާއި ދެކުނު ކޮރެއާއަށް ޖެއްސުންކޮށް ބިރުހީވާ ގޮތަށް އަސްކަރިއްޔާ ވަނީ ހަރަކާތްތެރިވެފަ އެވެ.
މި އަހަރު ފެށުނު ފަހުން ވެސް އުތުރުން 30 އަށް ވުރެ ގިނަ މިސައިލް ވަނީ ޓެސްޓްކޮށްފަ އެވެ.
އުތުރުން ބުނާ ގޮތުން މިސައިލް ޓެސްޓްކުރަނީ ދުޝްމަނުން ދައުވަތު ދީގެން ސަރަހައްދުގެ މަސްލަހަތު ނަގާލަން ދެކުނުން މަސައްކަތްކުރާތީ އެވެ.