ފައިސަލް ނަސީމް

މޫސުމީ ބަދަލުތައް ކުޑަކުރަން އެކަށީގެންވާ ފިޔަވަޅު ނޭޅޭ: ނައިބު

ނާޒުކު ހާލަތްތަކުގައި ތިބި ގައުމުތައް ކޮޕް27 ގައި ބައިވެރިވީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ބައިނަލްއަގުވާމީ ގޮތުން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅޭތީ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ ކޮޕް27ގެ ހަވާސާގައި ބޭއްވި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އަދި ދަ ވަލްނަރަބަލް ޓްވެންޓީ (ވީ20) ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންސް ފްލެގްޝިޕް ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އެކި ރަށްތަކަށާއި އެހެން ބައެއް ގައުމުތަކަށް ނޭދެވޭ އަސަރު ކުރާ ކަމަށާއި މިފަދަ ގައުމުތަކުން އެދެނީ މިގައުމުތައް ނެތި ދިޔުމުން ސަލާމަތްވާނެ ވަރަށްވުރެ އިތުރަށް އެހީތެރިކަން ލިބުން ކަމަށްވެސް ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ތިބި ގައުމުތަކަށްވެސް ތަރައްގީއާއި އެ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންޖެހޭ ތަނަވަސްކަން ކަށަވަރު ކޮށްދިނުމަކީ އެ ރައްޔިތުންގެ ހައްގެއް ކަމަށް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ނައިބު ރައީސްވަނީ ކަނޑުގެ ލޮނުގަނޑު އުފުލުން ހުއްޓުވުމަށާއި ރާއްޖޭގެ ފަރުތަކާއި ދިރުންތައް ހިމާޔަތް ކުރާނެ ގޮތް ހިމެނޭ ނޭޝަނަލް ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންގެ މައުލޫމާތު ސީވީއެފްގެ މެންބަރުންނާ ހިއްސާ ކުރައްވާފަ އެވެ.