ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ސައްލާތައް އެންމެ ހޫނުކޮށް ހިނގަމުންދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ހިމެނޭ ވަޓްސްއެޕް ގުރޫޕްގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހާ އެކު ކުރިއަށް ދާން އެމްޑީޕީގެ މެންބަރުން ބޭނުންވާނަމަ އެމްޑީޕީއަށް އިންތިހާބު ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ރައީސް ސޯލިހަކީ ކެންޑިޑޭޓްނަމަ އެމްޑީޕީ ބަލިވުން ވަރަށް ގާތް. ހުރިހާ ބޭފުޅުންވެސް ވިސްނަވާ. ޕާޓީއާއި ރާއްޖެ މުހިއްމު ވާންޖެހޭނެ. މީހަކު ފަހަތުން އުޅުން ރަނގަޅެއް ނުވާނެ... މި ފަހަރު ރައީސް ސޯލިހަށް ތާއީދު ކުރެވެން ނެތް،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ރައީސް ސޯލިހަށް ތާއީދު ކުރެވެން ނެތް ކަމަށް ރައީސް ނަޝީދު މީގެކުރިންވެސް ވިދާޅުވެފައިވެ އެވެ. ނަމަވެސް ދޭތެރެދޭތެރެއިން ހިޔާލުބަދަލުވެ އެއްގޮތެއްގައި އެ ސްޓޭންޑް ހިފަހައްޓަވައިގެން ނުހުންނަވަ އެެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރެވެން ނެތް ކަމަށް ރައީސް ނަޝީދު މިއަދު އަލުން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާނީ ރައީސް ސޯލިހަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވުމާ ގުޅިގެންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ތައްޔާރުވަމުންދާއިރު ރައީސް ސޯލިހް ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފަ އެވެ. ނަަޝީދު ވެސް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެކި ގޮތްގޮތުން ވިދާޅުވެފައިވެ އެވެ.
ރައީސް ސޯލިހް ވިދާޅުވާ ގޮތުގައި އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާނަމަ އެމްޑީޕީ އަށް އޮތް "ޗޮއިސް" އަކީ އެމަނިކުފާނެވެ.