( 6 ނޮވެމްބަރ 2022 އާ ގުޅޭ )
ފޯނުކޯލުގައި ހުރި މާޔަލް އެނބުރި ބަލާލީ ކޮޓަރީގެ ދޮރު ހުޅުވާލީމައެވެ. އޭނާއަށް ފެނުނީ އާމާލް ބޯދިއްކޮށްލިތަނެވެ. މަންމަ އެނބުރި އެ ދިޔައީ އޭނާ ފޯނެއްގައި ހުރީމަކަން ޔަގީނެވެ. ނަމަވެސް ކުއްލިއަކަށް ފޯނު ކަނޑާލަން އައިރިކް އެއްބަހެއް ނުވިއެވެ. ކައިވެނީގެ ވާހަކަދައްކަން މަންމަ ބޭނުންވަނީކަން މާޔަލް ބުނުމާއެކު އައިރިކްގެ ޚިޔާލު ބަދަލުވެއްޖެއެވެ. އެކަމާ މާޔަލްއަށް ހެވުނެވެ. ކުއްލިއަކަށް އައިރިކް ފޯނުކޯލު ކުރުކޮށްލަން ބޭނުންވީއެވެ. މަންމަ ކައިރިއަށް މާޔަލް ފޮނުވާށެވެ. އެމީހުންގެ ކައިވެނީގެ ވާހަކަ ދައްކާށެވެ.
"މަލް ނުފެންނާތީ އަތުވެއްޖެތޯ ބަލާލީ." މާޔަލް އަންނަތަން ފެނުނު ހިނދު އާމާލް ބުނެލިއެވެ. އޭނާ މާޔަލްގެ ކޮޓަރި ބަލާލީ އެ ކޮޓަރީގައި މަލަކް ހުރި ތޯއެވެ. އެހެން ދުވަސްދުވަހަށްވުރެ މަލަކް ކޮލެޖުން އެނބުރި އައުން ލަސްވެއްޖެކަން އާމާލްއަށް އެނގެއެވެ.
"މަންމަ ގުޅައިފިންތަ؟." މާޔަލް އަހާލިއެވެ. އޭނާ އައިސް އިށީނީ އާމާލް އިށީނދެ އިން ސޯފާގައެވެ.
"ކޮލެޖުގެ ކަމެއްގައި ކުޑަކޮށް ލަސްވަނީއޭ ބުނީ." އާމާލް ބުންޏެވެ.
މައިރާ އައީ އެވަގުތެވެ. އޭނާ ވެސް އައިސް ސޯފާގައި އިށީނީއެވެ. ރަޒާގެ ޚަބަރެއްވިތޯ އާމާލް އަހާލިއެވެ. ނޫނެކޭ ބުނުމަށް މައިރާ މަޑުމަޑުން ބޯހޫރާލީއެވެ. ތިންމައިންގެ ދެމެދަށް ހިމޭންކަމެއް ވެރިވިއެވެ. ހުޅުވާފައި ހުރި ޓީވީއަށް ބަލަން ތިބީއެވެ. މާޔަލްއަށް ތިރީތުންފަތް ހަފާލެވުނެވެ. އައިރިކް ބުނިހެން މަންމައަށް ހަނދާންކޮށްލަދޭން އޭނާ ހިތަށް އަރަނީއެވެ. އެކަމަކު އޭނާގެ ކެތްތެރިކަމެއް ނެތްކަން އެ ޢަމަލުން ހާމަވާކަށް ނޭދެއެވެ. ނަމަވެސް މާޔަލްއަށް ކުއްލި ހައިރާންކަމެއް ލިބުނީ މަޑުމަޑުން އިނދެފައި އާމާލް ދެއްކި ވާހަކައަކުންނެވެ. ހީވީ އޭނާގެ ހިތުގައި ހިނގަމުންދިޔަ ޝުޢޫރުތައް މަންމައަށް އިވުނީ ހެންނެވެ.
"މައްޔުގެ ކައިވެނި އިރާދަކުރެއްވިއްޔާ ދެން އެންމެ އަވަހަށް އޮތީ. ދޯ މައްޔު." އާމާލް ބުންޏެވެ.
"މާއްކޮ ތެދެއްތަ؟. މެރީ ކުރަނީ..." މަންމަގެ ވާހަކަ އިވިފައި މައިރާ އަހާލީ ނިކަން އުފާވެފައި އިނދެއެވެ. ވަގުތުން މާޔަލްގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"ރިކް ބޭނުންވަނީ އަވަހަށް މެރީ ކުރަން." މާޔަލް ބުނެލިއެވެ.
"ރިކް އެކަނިތަ؟." މައިރާ ދިމާކޮށްލިއެވެ.
"ދެން ދޮންތީ." މަންމަގެ ކުރިމަތީ ރަކިވީވަރުން ދައްތައަށް މާޔަލް ގޮވާލީ ނިކަން ރާގުލައި ދަމާލާފައެވެ. އެވަގުތު މައިރާއެކޭ އެއްފަދައިން އާމާލް ވެސް ހޭންފެށިއެވެ.
"މާދަމާ ރޭ ކިހިނެއްވާނެ. މިގެއަށް އަންނަނީތަ އެމީހުން. ނޫނީ މަންމަމެން އެގެއަށް ދާންވީތަ؟." ގާތުގައި އިން މާޔަލްގެ ފައިގަ ފިރުމާލަމުން އާމާލް އަހާލިއެވެ.
"މަންމަމެން ދާނެކަމެއްނެތް. އަހަރެމެންގެ މައްޔު ހޯދަން ރިކް ޖެހޭނީ މިގެއަށް އަންނަން." މައިރާ ބުންޏެވެ.
"ދަރިފުޅު އަހާބަލަ އައިރިކް ކައިރީ." އާމާލް ބުންޏެވެ.
"ޑޭޑް ކީކޭ ބުނީ." މާޔަލް އެނގެން ބޭނުންވަނީ ހަމައެކަނި އާމާލްގެ ޚިޔާލު އެކަންޏެއް ނޫނެވެ. އޭނާއާއި އައިރިކްގެ ކައިވެންޏާ މެދު މަޒްހަރުގެ ޚިޔާލު ހުރިގޮތެއް އެނގުން މާޔަލްއަށް މުހިންމެވެ.
"ބައްޕަ އެހީ މައްޔުއަށް މިފަހަރު ޔަގީން ހޯ. ކައިވެނި ރާވާފައި ޚިޔާލު ބަދަލެއް ނުވާނެ ހޯ. އައިރިކްގެ ހުރި ރަނގަޅު ސިފަތަކުގެ ވާހަކަ މުޅިން ވެސް ދެއްކީ. އެ ޢާއިލާއާ ބައްދަލުކުރާނޭ ދުވަހަކާއި ވަގުތެއް ކަނޑައެޅުން މަންމަގެ އަތްމައްޗަށް ދޫކޮށްލާފަ އޮތީ. ބައްޕަ ބޭނުންވަނީ މައްޔު ހިތްހަމަޖެހޭ ގޮތަކަށް މިކަން ނިންމަން." މާޔަލްގެ ސުވާލަށް އާމާލް ޖަވާބު ދިނެވެ.
"ރިކް ބުނި މަންމަމެންނާ މީޓުކުރަން މިގެއަށް އަންނާނީއޭ" މާޔަލް ބުންޏެވެ.
މައިރާގެ ހިނިތުންވެފައިވާ މޫނުން އޭނާގެ ހާލު ބުނެދެއެވެ. ކުރިމަތިވީ ބިރުވެރިކަމުން އޭނާ އެހާ ފަސޭހައިން އަރައިގަންނާނޭ އާމާލް ހިޔެއް ނުކުރެއެވެ. ނަމަވެސް ދަރިފުޅުގެ ހިތްވަރަށް ސާބަސްދޭހާ ވެއެވެ. އެއާއެކު އާމާލްގެ ހިތުގެ ކަނެއްގައި ކުރީން ނެތް ކަންބޮޑުވުމެއްގެ އަސަރު އުފެދިފައިވެއެވެ. އޭނާގެ ތިބީ އަންހެން ދަރީންނެވެ. ފިރިމީހާގެ ޢާއިލާއާއެކު ދިރިއުޅޭން މައިރާ ނިންމިއިރު އެކުއްޖާއަށް އެފަދަ ބޮޑު މުސީބާތަކާ ކުރިމަތިވެދާނޭ އޭރު އާމާލްގެ ހިތަށް ވެސް ނާރައެވެ. ފިރިމީހާގެ ގެއަށް ދަރިފުޅު ފޮނުވީ ނުހަނު އުފަލުން ހުރެއެވެ. ނަމަވެސް މިހާރު އެކަމާ އޭނާ ކަންބޮޑުވެއެވެ. އޭނާގެ ލޮލުގެ ކޮއެފަދައިން ގެންގުޅެ ބޮޑުކުރި އަންހެން ދަރީންނަށް އެ ކުދީންގެ ފިރީންގެ ޢާއިލާއިން ނިކަމެތިކަމެއް ދީފާނޭކަމުގެ ބިރު ހިތުގައި އުފެދުނީއެވެ. ކޮންމެ ޢާއިލާއަކީ އެފަދަ ބަޔަކަށް ނުވިޔަސް މަޔަކަށްވީތީ ދަރީންނާމެދު އެއްވެސް ގަސްދަކާނުލާ ކަންބޮޑުވެވެނީއެވެ.
މައިދޮރު ހުޅުވުނުކަން އެނގި ތިންމައިންގެ ނަޒަރު އެ ދިމާއަށް ހުއްޓުނެވެ. މަޒްހަރުގެ އަތުގައި ހިފާލައިގެން ހުރެ އެތެރެއަށް ވަދެގެން ކުޑަކުޑަ އަންހެންކުއްޖާ އެމީހުންނަށް ފެނުނެވެ. މަޒްހަރުގެ ފަހަތުން ރަޒާ އައެވެ.
"ލަމްކޮ." މައިރާއަށް ބުނެވުނެވެ. ކުޑަކުޑަ ލަމްޔާ ދުވެފައި އައިސް މައިރާގެ އުނގަށްވަނެވެ.
"މަޒްހަރު. ތީ ކޮންކަމެއް." އާމާލްއަށް ސޯފާއިން ތެދުވެވުނެވެ.
"އާދެބަލަ." މަޒްހަރު މިހެން ބުނެ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ހަލުވިކޮށް ފިރިމީހާގެ ފަހަތުން އާމާލް ވެސް އައިސް ކޮޓަރިއަށް ވަނެވެ.
"އެއީ އެ ލިޔުޝާގެ ދަރިއެއްނު." ކޮޓަރިތެރޭ ހުރެ އާމާލް ބުންޏެވެ.
"ލިޔުޝާގެ ހާލު ރަނގަޅުވަންދެން މިގޭގަ އޭނާ ހުންނާނީ." މަޒްހަރު ބުންޏެވެ.
އެނދުގައި އިށީނދެ އިން މަޒްހަރަށް ބަލަހައްޓައިގެން އިރުކޮޅަކު އާމާލްއަށް ހުރެވުނެވެ. ފިރިމީހާ ކަމެއް ނިންމާނީ ވަރަށް ވިސްނާފައިކަން އޭނާއަށް އެނގެއެވެ. އާމާލް އައިސް މަޒްހަރުގެ ގާތުގައި އިށީނެވެ. ފިރިމީހާގެ ކޮނޑުގައި އަތް ބާއްވާލިއެވެ.
"ތަނެއްދޮރެއް ވަކިނުވާވަރު ކުޑަކުއްޖެއްގެ ފަރާތުން ކޮންގެއްލުމެއް ލިބޭނީ. ރަޒާގެ ޢާއިލާގައި އެކުއްޖާ ބަލާނޭ މީހަކުނުވި. ރަޒާގެ މަންމަ އަހަރެން ހުއްޓާ ވެސް ބުނި އޭނާއަކަށް ނުބެލޭނޭ. އަހަރެން ހިތަށް އަރާ އެއީ ކޮންކަހަލަ މައެއްބާއޭ. އަހަރެން ހުއްޓާ އެއޮއްކީހާ އެއްޗެހި. ރަޒާފަކީރަށް ލަދުން އިސްއުފުލާލަން ނުކެރޭވަރު ކުރި. ލިޔުޝާގެ ފިރިމީހާ... ރަޒާގެ ބޭބެއަށް އާދެވޭނީ މިރެޔޭ ބުނީ. ދެ އަހަރު ނުވާ ކުޑަކުއްޖަކަށް މީހެއްގެ އެހީތެރިކަން ބޭނުންވާނެ. އަހަރެމެންނަކީ މީހުންނަށް ނުބައިބައެއްނޫން. ހިތްހެޔޮކޮށްލާފައި އެކުއްޖާއަށް އާމާލް އެހީވެދީ." މަޒްހަރު ބުންޏެވެ.
"އެކުއްޖާއާމެދު ހިތްނުބައި ކުރަނީއެއްނޫން. މިހާރު އަހަރެމެންނަށް ވެސް އެނގޭ މައިރްއަށް އެވީކަމެއް ވީ ލިޔުޝާގެ ސަބަބުންކަން. އެވަރުގެ ނުބައިކަމެއް ކުރާއިރު ވިސްނާލިނަމަ. އަންހެންދަރިއެއް އޭނާގެ ވެސް ހުރީ. ސިހުރަކީ އެ ހަދާ މީހާއަށް ވެސް ޖެހޭހާ ނުބައިކަމެއް. އަހަރެމެންނަށް އެބަ އެނގޭ އޭނާ ވެއްޓުނީ ކީއްވެކަން. ﷲގެ ރަޙުމަތުން މައިރް ސަލާމަތްވިތާ ގިނަދުވަހެއް ކީއްކުރަން، ގިނައިރުތަކެއް ވެސް ވީއެއްނޫން. މިއަދު ކިހާ ދެރަ." އާމާލް ބުންޏެވެ.
"މައިރާއާއި ރަޒާ އެނބުރި އެގެއަށްދާން އަހަރެން ވެސް ޤަބޫލެއްނޫން. އެގޭގަ އެކުދީންނަށް ހަމަޖެހިގެން ނޫޅެވޭނެ. ރަޒާ ކައިރީ ވެސް ބުނެފިން، އެމީހުން އެނބުރި ދާން ޤަބޫލުނޫންކަން." މަޒްހަރު ބުންޏެވެ.
"ކީކޭ ބުނީ." އާމާލް އަހާލިއެވެ.
"ނުބުނޭ އެއްޗެކޭ. މަޑުމަޑުން ބޯޖަހާލީ." މަޒްހަރު ބުންޏެވެ.
ލަމްޔާ އުރާލައި މައިރާގެ ކައިރީގަ ބޭންދިއެވެ. މަންމައާއި ބައްޕަ ވާހަކަދައްކަން އެތެރެއަށް ދިއުމުން ރަޒާ ވެސް މައިރާއަށް ކޮންމެވެސް ވަރަކަށް ކަންކަން ކިޔާލަދީފިއެވެ. ލިޔުޝާ އޮތީ އެކަހެރިކޮށްފައިކަމާއި އަދިވެސް އޭނާ އޮތީ ޚަބަރު ހުސްވެފައިކަން ރަޒާ ބުންޏެވެ. ލިޔުޝާގެ މުޅި ގައިގަ ފާނަބަސަންދުފަދަ ފޮޅުތަކެއް ނަގާފައި ހުރިކަން ބުންޏެވެ. ޑަކްޓަރުން ޓެސްޓުތައް ހަދައި ފަރުވާ ދެމުންދާކަން ބުންޏެވެ.
* * * * *
ކޮފީ މޭޒުދޮށުގައި އެކަކުއަނެކަކާ ކުރިމަތިވާނޭ ހެން މަލަކްއާއި މިއުވާނު ތިއްބެވެ. މިއުވާނާ ބައްދަލުކުރާން ބޭނުންވިޔަސް އެކަން ނުވީ ގޭތެރޭގެ ހާލަތު ހީނުކުރާ ގޮތަކަށް ބަދަލުވެގެން ދިއުމުންކަން މަލަކް ހާމަކުރިއެވެ. ދައްތައަށް ދިމާވި ކަންތަކުގެ ވާހަކަ އޭނާ ކިޔާދިނެވެ. އެކަމަކާ ހުރެ އޭނާ މިހާ ދުވަހު ހުރީ ފާޑަކަށް ގޭގައި ބަންދުވެފައިކަން ބުންޏެވެ. ބްލެކްމެއިލް ކުރާ މީހާ ކޮންމެ ރެއަކު އޭނާއަށް އެކިއެކި ހަނދާންކޮށްދިނުމުގެ އިންޒާރުގެ މެސެޖުތައް ފޮނުވައެވެ. ފޯނުގައި ހުރި އެ މެސެޖުތައް މިއުވާނަށް މަލަކް ދެއްކިއެވެ.
"މާދަމާ އޭނާއާ މީޓުކުރާނަމޭ ބުނޭ. ރުފިޔާ ހުންނާނީ ނަގާފަ." މިއުވާނު ބުންޏެވެ.
ދެން ކަންތައްތައް ކުރަންވީ ކިހިނެއްކަން މިއުވާނު ކިޔާދެމުންދިޔައެވެ. މަލަކް އިނީ ކަނުލާ އަޑު އަހާށެވެ. އޭނާ ބޭނުންވަނީ މިކަމުން އަވަހަށް ސަލާމަތްވާށެވެ. ޢާއިލާއަށް އެނގުމުގެ ކުރީންނެވެ. މިއުވާނު ކޮށްދޭން އެ އުޅެނީ ކުޑަކަމެއްނޫންކަން މަލަކްއަށް އެނގެއެވެ. މިއުވާނު ހުރިކަން ވެސް އެއީ ނަސީބެކޭ މަލަކްގެ ހިތަށް އަރައެވެ. އެހެންނޫންނަމަ މިކަމުގައި އޭނާއަށް އަދިވެސް އަލިމަގެއް ނުފެނުނީހެވެ. އެވަރުގެ ބޮޑު އެހީއެއް ވާނޭ މީހަކުވެސް އޭނާގެ ނެތެވެ.
"މަލްގެ ދަރަންޏެއް މީ. އެ ފައިސާ އަނބުރާ މާނުއަށް ދޭނަން. އެހާ އަވަހަކަށް ނުދެވޭނެ. އެހެންވިޔަސް އަނބުރާ ދައްކާނަން. ޕްރޮމިސް." މަލަކް ބުންޏެވެ.
"މަލްއަށް އަހަރެން ޓްރަސްޓް ކުރަމޭ." މޭޒުމަތީ ބާއްވާލައިގެން އިން މަލަކްގެ އަތުގައި މިއުވާނު ފިރުމާލިއެވެ. އެ ބީހިލުމުން މަލަކްއަށް އުނދަގޫވިއެވެ. ނަމަވެސް އެކަން އިޙްސާސްވީ ކަމަށް ނުހަދާ މަލަކް އިނެވެ.
"މަލް އަހަންނަށް ޗާންސެއްދޭން ހަމަ ނުވިސްނަންތަ؟." މިއުވާނު އަހާލިއެވެ. އޭނާގެ ލޮލުން މަލަކްއަށް ފެނުނީ ބޭނުންވުމެއްގެ މަސްތުކަމެވެ.
"ވަޓް... ކޮންކަހަލަ ޗާންސެއް." މަލަކްއަށް ހަށިގަނޑު ސީދާކޮށްލެވުމާއެކު މޭޒުމަތިން ދެއަތް ނަގައި ތިރިކޮށްލެވުނެވެ.
"އައި ހޭވް ފީލިންގްސް ފޯ ޔޫ. މަލްއަށް އެނގޭނެ އެވަރު. ފޯނުކޯލުތަކުން ދެމެދުގައި އޮތް ގުޅުން ވަރަށް ގާތްވެއްޖެކަމަށް ހީކުރީ. އެކަމަކު... މަލް ޗޫޒް ކުރީ އެހެން މީހެއްނު. އަހަރެންގެ ފީލިންގްސް އެނގިހުރެ ދޯ މަލް ބުނީ އެކަހަލަ ރިލޭޝަންޝިޕަކަށް ދެވޭކަށްނެތޭ. ލޯބިވާ މީހަކު އެބަހުއްޓޭ. ޗާންސެކޭ މިބުނީ އެހެންވެ. މަލް އަހަންނާ ރައްޓެހިވާކަށް ހަމަ ނުވިސްނަންތޯ." މިއުވާނު ބުނި ބަހުގެ ތަފްސީލެއް އޭނާ ދިނީ މަލަކްގެ ހިތްހަމަޖެއްސުމަށެވެ. ފަހަރެއްގައި ވެސް އެއީ އޭނާ ގަސްދުކުރި ގޮތް ވެގެންނެއްނޫނެވެ. އޭނާގެ ހަޤީޤީ ބޭނުންވުން އެނގޭ އެއްވެސް އަންހެންކުއްޖަކު އޭނާއާ ކައިރިނުވާނެއެވެ.
* * * * *
ޝަބްނަމް އައިސް ދޮރު ހުޅުވާލީ ކޮޓަރީގައި މީހަކު ޓަކި ދިނުމުންނެވެ. ހައިރާންވީ އޮފީސް ގަޑި ނުނިމެނީސް އައިރިކް ގޭޣައި ހުރިތަން ފެނިފައެވެ. ނަމަވެސް އައިރިކްގެ ހިނިތުންވެފައިވާ މޫނު ފެނުމުން ޝަބްނަމްއަށް ކަމެއް ޔަގީންވެއްޖެއެވެ.
"މާޔާގެ ކަމެއް ދޯ... އިންނަން އެއްބަސްވީތަ؟." ޝަބްނަމް މިހެން ބުނެލީ ހިނިއައިސްފަ ހުރެއެވެ. ސަމާސާގެ ރާގުގައެވެ. މިފަހަކަށް އައިސް ދަރިފުޅުގެ ފަރާތުން ފެންނަ ކެތްތެރިކަން ކުޑަކަން ގުޅިފައިވަނީ މާޔާއާކަން ޝަބްނަމްއަށް އެނގެއެވެ. އެ ޢާއިލާގެ އެންމެންނަށް އެކަން އެނގެއެވެ. އެމީހުންގެ ނަޒަރުގައި މާޔާއާ ކައިވެނި ނުކުރެވިގެން އައިރިކް ތެޅިފޮޅެނީއެވެ.
"މާދަމާރޭ. ނައިންގަ... މަންމައާއި ބައްޕަ ރެޑީވާންވީ. ހުރިހާކަމެއް ހަމަޖައްސާފައި ނޫނީ ނާންނާނަން." މަންމަގެ ކޮޓަރިއަށް ވަދެގެން އައިސް އެއްފަރާތު ބިތުގައި ޖައްސާފައި ހުރި ގޮނޑިއަށް ވެއްޓިގަންނަމުން އައިރިކް ވާހަކަދެއްކިއެވެ.
"އެންމެފަހުން ޅީދަރިފުޅު ބަލާދާންވީ ވަގުތު ޖެހިއްޖެ." ކުޑަކޮށް ޝަބްނަމް ހީނލިއެވެ.
"މާޔާއާ ހެދި މިހާ ލަސްމިވަނީ. އެހެންނޫނަމަ މިހާރު އަހަރެން އެ އަންހެންކުއްޖާއާ އިނދެގެން ހުންނާނީ." އައިރިކް ބުނެލިއެވެ.
"ތީ މި މަންމަގެ ރިކްތަ. ދަރިފުޅު އަންހެންކުއްޖެއްގެ ވާހަކަ މަންމަމެން ކައިރީ ނުދައްކާނޭކަން ޔަގީންކޮށްގެން މިހާ ދުވަހު ތިބީ. އެހެންވެ ރިކްއަށް ބައިވެރިއަކު ހޯދައިދޭން ވެސް އުޅުނީ. އޭރު ރިކް ހީވަނީ މުޅިއުމުރު އެކަނިމާއެކަނި ހޭދަކޮށްލަން ގަސްދުފައި ހުރީހެން. އެކަމަކު ބަލާބަލަ ދަރިފުޅަށް. މީހަކާ ނީނދެވިގެން ތިހިރަ މޮޔަވަނީ." ޝަބްނަމް ބުންޏެވެ. މަންމައަށް ބަލާލާފައި އައިރިކް ރަކި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
"މާޔާއާ ޖެހުނީމަ އިންތިޒާރު ކުރުންނޫން ގޮތެއް ނޯވޭ. ކޮންމެ ކަމެއްގައި މިޖެހެނީ އިންތިޒާރު ކުރަން." އައިރިކް ބުންޏެވެ.
"ދަރިފުޅު ނުބުންޏަސް އެނގޭ މާޔާދެކެ ލޯބިވާވަރު. ރިކްގެ ބައްޕަދެކެ ފުރަތަމަ ލޯބިވީ މަންމަ. އަދިވެސް އެ ހަނދާންތައް އެއީ މަންމަގެ އެންމެ ފޮނި ހަނދާންތައް. އިސާކު ހުންނާނީ ބިރުން ވިރިވިރި. ރިކްގެ ކާފަދެކެ ނިކަން ބިރުގަންނާނެ." ޝަބްނަމްގެ ހަނދާންތަކާއެކު ހީނލީއެވެ. ލޯބިވެވުން އެ ކުރެވޭ އިޙްސާސްތައް ޝަބްނަމްއަށް ވަރަށް ރަނގަޅަށް އެނގެއެވެ.
* * * * *
މަމްދޫހު ގެއަށް އައިއިރު އެކަކުވެސް ނޫޅެއެވެ. އޭނާގެ އަތުގައި މައިދޮރުގެ ތަޅުދަނޑިއެއް ނޯވެއެވެ. ރަޒާއަށް ގުޅީ އެހެންވެއެވެ. ހޮސްޕިޓަލުގައި އިނދެފައި ރަޒާ ގެއަށް އައެވެ. ބޭބެއާއެކު އޭނާ ވެސް ގޭތެރެއަށް ވަނެވެ. މަމްދޫހު ދަބަސް ބަހައްޓާށާއި ފާޚާނާކޮށްލައިގެން ނުކުންނާނަމޭ ބުންޏެވެ. ރަޒާ ވަނީ އޭނާގެ ކޮޓަރިއަށެވެ. އެ ކޮޓަރި ހުރީ އޭނާއާއި މައިރާ އެތަން ދޫކޮށްފައި ދިޔަ ގޮތަށެވެ. މައިރާގެ ޢާއިލާ ކައިރިއަށް ބަދަލުވީ ވަގުތީ ގޮތުންނެވެ. ނަމަވެސް މިހާރު ރަޒާގެ ވިސްނުން ވެސް ހުރީ މައިރާ ގޮވައިގެން އެ ޢާއިލާއާއެކު އުޅޭށެވެ. އެކަމަކު އޭނާގެ ޢާއިލާއަށް އެކަމުގެ ޚަބަރު އެނގެން ޖެހޭނެކަން ދަނެއެވެ. މައިރާއަށް ދިމާވި ކަންތަކާއި އެކަމުގައި ލިޔުޝާ ކުޅުނު ރޯލު ރަޒާ ހާމަކުރާން ބޭނުމެވެ. ބޭބެގެ އަނބިމީހާއާ އެއްތަނެއްގައި ރަޒާގެ ދެމަފިރިން ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ. ނަސީބު ރަނގަޅުކަމުން މައިރާ ސަލާމަތް ކުރެވުނަސް ރަޒާއަށް އޭނާގެ ދައްތައާއި ކޮއްކޮ ސަލާމަތެއް ނުކުރެވުނެވެ. އެމީހުންގެ މަރުގެ ހަޤީޤަތް ވެސް ވަނީ ފޮރުވިއެވެ.
"ރަޒާ..." ޚިޔާލުތަކަށް ގެއްލިފައި ހުރި ރަޒާއަށް ހިލަންވީ ކޮޓަރީ ދޮރުގައި މަމްދޫހު ޓަކިދީ ގޮވާލީމައެވެ.
"ހިނގާދާން." ކޮޓަރި ތަޅުލާފައި ރަޒާ ހިނގައިގަތީ ގެއިން ނުކުންނާށެވެ.
"އަހަންނާއި މައި އުޅެނީ މައިގެ މަންމަމެން ކައިރީ. މައި ޕްރެގްވިކަން އެނގެއެއްނު. ބޭބީ އެބޯޓްވީ. އެހެންވެ މަންމަ ކައިރިއަށް ގެންދިޔައީ. ދޮންބެދައްތަ ބަލިވީމަ ލަމްކޮ ބެހެއްޓީ އަހަރެމެން ކައިރީ. މައި ލަމްކޮ ބަލަނީ. މިރޭ ވަރަށް ލަސްވެއްޖެ. މާދަމާ ލަމްކޮ ގޮވައިގެން އަހަރެން އަންނާނަން." ގެއިން ނުކުމެގެން އައިސް ސައިކަލަށް އަރަން ދެން ރަޒާ ވާހަކަދެއްކިއެވެ. މަމްދޫހަށް ނޭނގި އޮތް ބައެއް ކަންކަން އޭނާ އޮޅުންފިލާދިނެވެ.
ހޮސްޕިޓަލަށް މަމްދޫހު ގެނެސްލާފައި ލިޔުޝާގެ ހާލު ރަޒާ ހާމަކުރިއެވެ. ލިޔުޝާގެ ކައިރިއަށް މީހަކު ދާން ޑަކްޓަރުން އަދި ހުއްދަ ނުދޭކަން ބުންޏެވެ. ރަޒާ ހޮސްޕިޓަލުން ނުކުތީ ކަމެއް ބޭނުންވެއްޖެނަމަ އޭނާއަށް ގުޅަން މަމްދޫހު ކައިރީ ބުނެފައެވެ. މިވަގުތު ހުރިހާކަމެއް ހާމަކުރާން ރަޒާ ބޭނުންނުވީއެވެ. ލިޔުޝާ ރަނގަޅުވެގެން ގެއަށް ދޫކޮށްލަންދެން އޭނާ މަޑުކުރާނެއެވެ. އެއަށްފަހު ހުރިހާކަމެއް ބޭޒާރުކުރާނީ ލިޔުޝާގެ ވެސް ކުރިމަތީއެވެ.
(ނުނިމޭ)