ކާއްޓަކީ ރާއްޖޭގައި އާންމުކޮށް ލިބެން ހުންނަ އެއްޗެކެވެ. އާންމުކޮށް ކާން ވެސް ބޭނުންކުރާ އެއްޗެކެވެ. ކާއްޓަކީ ގިނަ ފައިދާތަކެއް ލިބިގެންދާ އެއްޗެކެވެ. ދިވެހިންނަކީ ވެސް ސިއްހަތު ރަނގަޅު ބައެއްގެ ގޮތުގައި ދިރިއުޅުނު ބައެކެވެ. ނަމަވެސް މިހާރު ދިވެހިންގެ ތެރޭގައި ބަލި ވަނީ އާންމުވެފައެވެ. ބައްޔަކާ ހަނގުރާމަ ނުކުރާ ދިވެއްސެއް ވަރަށް މަދެވެ.
އިހުގައި ދިވެހިންގެ ސިއްހަތު ރަނގަޅީ ކާށީގެ ސަބަބުން ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ދިރާސާއަކުން ދައްކާ ގޮތުން ގިނައިން ކާށި ކާ މީހުންނަކީ އެންމެ ސިއްހަތު ރަނގަޅު މީހުންނެވެ.
ޔޫރަޕްގެ މީހުން ވެސް މިހާރު ކާށި ކާ މީންވަރު ވަނީ އިތުރުވެފަ އެވެ. ކާށިން ލިބޭ ގިނަ ފައިދާތަކުގެ ސަބަބުންނެވެ. ސިއްހަތަށް ލޯބިކުރާ ހުޅަނގުގެ މީހުން އެންމެ ލޯބިކުރަނީ ކާއްޓަށެވެ. އޭޝިއާ ގައުމުތަކުގައި ކާއްޓަކީ އާންމުކޮށް ކެއުމުގައި ބޭނުންކުރާ އެއްޗެކެވެ. ހުޅަނގުގެ މީހުންގެ ސިއްހަތާ އަޅާބަލާއިރު އޭޝިއާ މީހުންގެ ސިއްހަތު ރަނގަޅުވުމުގެ އެއް ސަބަބަކީ ވެސް މިއީ ކަމަށް ދިރާސާތަކުން ދައްކައެވެ.
ދުނިޔޭގެ އެންމެ ސިއްހަތު ރަނގަޅު ބައެއް ކަމަށް ފާހަގަކުރެވެފައިވަނީ ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ ޓޯކްލާވަން ގައުމުގެ ރައްޔިތުންނެވެ. ޓޯކްލާވަން އަކީ ރުއް ގިނަ ގައުމެކެވެ. އެމީހުން އާންމުކޮށް ކައި އުޅެނީ ވެސް ކާއްޓެވެ. އެހެން އެއްޗެއް ނުކައޭ ބުންޏަސް ގޯހަކަށް ނުވާނެއެވެ. ދިރާސާތައް ދައްކާ ގޮތުގައި އެމީހުންގެ ސިއްހަތު ވަރަށް ރަނގަޅެވެ. ގިނަ ބަލިތަކެއް އެ ގައުމުން ފެނިފައެއް ނުވެއެވެ.
ޓޯކްލާވަންގެ ރައްޔިތުންގެ ކިބައިން ހިތުގެ ބަލި އެއްގޮތަކަށް ވެސް ފެނިފައިނުވާ ކަމަށްވެއެވެ.
ގިނައިން ކާށި ކާ އަނެއް ބަޔަކީ ކިޓާވަން އައިލެންޑްގެ މީހުންނެވެ. އެ ރަށަކީ ވެސް ރުއް ގިނަ ރަށެއް ކަމުން އެމީހުން އާންމުކޮށް ކައި އުޅެނީ ކާއްޓެވެ. އެމީހުންގެ ވެސް ސިއްހަތު ރަނގަޅު ކަމަށް ދިރާސާތައް ބުނެއެވެ. ބޮޑެތި ބަލިތަކެއް އެ ގައުމުން ވެސް ނުފެނެއެވެ.