އުރީދޫ

ވޯލްޑް ކަޕް ބަލަން އުރީދޫ އިން ގަތަރަށް ގެންދާ ނަސީބުވެރިން ހޮވައިފި

Nov 8, 2022

އުރީދޫ ފުޓްބޯލް ފޯރީ ލަކީ ޑްރޯގެ ގްރޭންޑް ޕްރައިޒްގެ ހަތަރު ނަސީބުވެރިން އުރީދޫ މޯލްޑިވްސް އިން އިއުލާނުކޮށްފި އެވެ.

ގަތަރުގައި މިމަހު ފަށާ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއް ބެލުމަށް ގަތަރަށް ދިއުމުގެ ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ސްޓޭޑިއަމް ޓިކެޓް ނަސީބުވެރިންނަށް ލިބޭނެ އެވެ.

އުރީދޫ ފުޓްބޯޅަ ފޯރި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ ކަސްޓަމަރުންނަށް ހުޅުވާލީ މިދިޔަ އޮގަސްޓް އެކަކުން މިދިޔަ މަހުގެ ނިޔަލަށެވެ.

ލަކީޑްރޯގެ ނަސީބުވެރިން ހޮވައި ރާއްޖެ ޓީވީ ރޯޑު ޓު ވޯލްޑް ކަޕް ޝޯގައި ލައިވްކޮށް އިއުލާނުކޮށްފައިވަނީ ރޭގެ ވަގުތެއްގައި މާޒިޔާގެ ކުޅުންތެރިންނާއި ވައިސް ޗެއާމަން އިބްރާހިމް ވަހީދާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒުއާ އެކު އެވެ.

އުރީދޫ ފުޓްބޯލް ފޯރީ ލަކީ ޑްރޯގެ ނަސީބުވެރިން:

  • މަރިޔަމް ޝަބްނަމް
  • އަހުމަދު ޝިހާމް
  • ހާފިޒް ސައީދު
  • ސޮމަރަތްނަ ޔޮޑަގެ

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވަނީ މިއަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުގެ ފޯރި ލައިވްކޮށް ގަތަރުގައި ތަޖުރިބާކޮށްލުމަށް ފުރުސަތު ލިބޭ ހަތަރު ނަސީބުވެރިންނަށް ވަރަށް މަރުހަބާ ވިދާޅުވެފަ އެވެ. އަމާޒަކީ ރާއްޖޭގައި މެޗުތައް ބަލައި ކަސްޓަމަރުންނަށްވެސް އުފާވެރިކަމާއި ފޯރި ގެނެސްދިނުން ކަމުގައިވެސް ވިދާޅުވި އެވެ.

"އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން މިދަނީ ވަރަށް ގިނަ ހަރަކާތްތައް ރާވާމުން. އަޅުގަނޑުމެންގެ ޕާޓްނަރުންނާ އެކު މި ކުރެވޭ މަސައްކަތާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އެކި އުމުރުފުރައިގެ މީހުންނަށްވެސް އުފާވެރި އަދި ކުލަގަދަ ވޯލްޑް ކަޕަކަށް އުއްމީދުކުރަން" ހާލިދު ވިދާޅުވި އެވެ.

ވޯލްޑްކަޕް ބަލަން ގަތަރަށް ކުރާ ދަތުރުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން އަންނަނީ ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިންނަށް ސެމްސަންގް ގެލެކްސީ ބަޑްސް، އެއާޕޮޑްސް، އެއާޓެގް ފަދަ ހިތްގައިމު އިނާމުތަކެއްވެސް ދެމުންނެވެ.

މި ލަކީޑްރޯ ޕްރޮމޯޝަނަކީ ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުންނަށް އުފާވެރި އަދި މަޖާ ވޯލްޑް ކަޕް ތަޖުރިބާތަކެއް ހޯދައިދިނުމުގެ މަގްސަދުގައި މިދިޔަ މެއި 23 ވަނަ ދުވަހު ރަސްމީކޮށް ފެށި އުރީދޫ މޯލްޑިވްސްގެ ފުޓްބޯލް ފޯރީ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ކޮންމެ ތަނަކުން ވެސް މެޗުތައް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ވަނީ ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްހެ ކަވަރޭޖް ޓައިޓަލް ޕާޓްނަރަކަށް ވެސް މީޑިއާނެޓާއެކު ސޮއިކޮށްފަ އެވެ.