އަބްދުﷲ ޝާހިދު

ކުރީ ސަރުކާރުތަކުން ޗާގޮސް މައްސަލައަށް ހައްލެއް ނުހޯދައިދޭ: ޝާހިދު

ކުރީގެ ސަރުކާރުތަކުން ޗާގޮސް މައްސަލަ ހައްލެއް ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވަނީ ޗާގޮސް މައްސަލައިގައި ރާއްޖޭގެ ކުރީގެ ސަރުކާރުތަކުން ކަންކޮށްފައިވާ ގޮތާއި މި ސަރުކާރުން އަމަލުކުރަމުންދާ ގޮތް ވަރަށް ތަފްސީލްކޮށް ހާމަކުރައްވާފަ އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު އޮތް މޮރިޝަސްއާއި ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދު ފުށުއަރާތީ އިނގިރޭސިވިލާތާއެކު ރާއްޖެއިން 1992 ވަނަ އަހަރު އެއްބަސްވުމެއްގައި ސޮއިކުރި ކަމަށެވެ. އަދި މޮރިޝަސް އާ ސަރަހައްދީ އިން ފުށުއަރާ ކަމަށް އެ ގައުމާއެކު 2010 ވަނަ އަހަރު އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު އެއްބަސްވެވަޑައިގެންނެވި ކަމަށެވެ.

ޝާހިދު ވިދާޅުވީ 1997ގެ ގާނޫނުއަސާސީ ފާސްކޮށް ތަސްދީގު ކުރިއިރުވެސް ޗާގޮސް ޕެލެގޯއަކީ ރާއްޖޭގެ ސިޔާދަތީ ބާރު އެ ރަށްތަކުގެ މައްޗަށް ހިނގާ ތަނެއް ކަމަށް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން އެކަމަށް އިއުތިރާފްވެފައިވެސް ނެތް ކަމަށާއި ލިޔެކިޔުމުން ވެސް އެކަން އެނގެން ނެތް ކަމަށެވެ.

ޗާގޮސްގެ މައްސަލައިގައި ކަމުގެ މައުލޫމާތު ހުރި ބޭފުޅުން ރައްޔިތުންނަށް އޮޅުވާލައްވާ ކަމަށް ތުހުމަތު ކުރައްވާ ޝާހިދު ވިދާޅުވީ ރާއްޖެގެ ސަރަހައްދީ އިމުގެ މައްސަލައިގައި މި ސަރުކާރުގެ ސްޓޭންޑަށް ބަދަލު ނާންނަ ކަމަށެވެ.

"ރާއްޖެއިން ހުށަހަޅަމުން މިދަނީ ވަކާލާތު ވެސް މިކުރަނީ ރާއްޖެއަށް އެންމެ ބޮޑު ސަރަހައްދެއް ހޯދަން،" ޝާހިދު ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ގުޅޭ މައްސަލަ ކުރިއަށްދާއިރު ލިބެން އޮތް އެންމެ ބޮޑު ސަރަހައްދެއް ހޯދުމަށް ރާއްޖެއިން ވަކާލާތު ކުރާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. މައްސަލައިގައި ރާއްޖެއިން ފުކެއްވެސް ދޫނުކުރާނެ ކަމަށް ޝާޙިދު ވަނީ ވިދާޅުވެފަ އެވެ.

ޗާގޮސްގެ މައްސަލަ އާއި ގުޅޭ މައުލޫމާތު ދިވެހި ސަރުކާރުން ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް މެންބަރުން ވިދާޅުވެފައިވާތީ ނޫސްވެރިންގެ މިބައްދަލުވުމުގައި ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ވަނީ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ. އެގޮތުން އިބްރާހީމް ރިފްއަތު ވިދާޅުވީ ޗާގޮސް މައްސަލައާއި ގުޅިގެން ދިވެހި ސަރުކާރުތަކުން އަމަލުކުރަމުންދާ ގޮތުގެ މައުލޫމާތު މިއަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހު ލިޔުމުން ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލަ ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅީ މޮރިޝަސްގެ ފަރާތުންނެވެ.

އިޓްލޮސްގައި މިހާރު ހިނގަމުންދަނީ ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެގައުމުގެ ދެމެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިފާތީ އެ މައްސަލައިގައި ގޮތެއް ނިންމުމާ ގުޅޭ މައްސަލަ އެވެ.

ރާޢްޖެއިން މިހާރު ވަނީ ޑިކޮލޮނައިޒޭޝަނާއި ގުޅޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައި އޮތް ނިންމުން ތަންފީޒުކުރުމަށް އދގެ އާންމު މަޖިލީހުގެ ވޯޓަކަށް އަލުން ގޮސްފިނަމަ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖެއިން ވޯޓުދޭނެ ކަމަށް ބުނެފަ އެވެ. އެކަން ރާއްޖެއިން ހާމަކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅެއްގަ އެވެ.

މިކަމުގައި ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޗާގޮސް އާކިޕެލާގޯގެ މައްޗަށް ސިޔާދަތީ ބާރު ހިންގާ ގައުމުގެ މައްސަލައަކީ މޮރިޝަސް އާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެއް ކަމަށާއި ރާއްޖޭގެ ސީދާ ބައިވެރިވުން އޮތް މައްސަލައެއް ނޫން ކަމަށެވެ.